ރުހުން ނުދޭން އެމްޑީޕީން ނިންމި އުޝާމް، އަދި ޝަހީމް

ރުހުން ނުދޭން އުޅެނީ ޒާތީ ގޮތުން ޖައްސާލައިގެން: ޝަހީމް، އުޝާމް

އުޝްމް އަދި ޝަހީމް ވެސް ވިދާޅުވީ، އިދިކޮޅު އެމްޑީޕީއާ ޑިމޮކްރެޓްސްއިން ރުހުން ދިނުމުގައި ތަފާތުކޮށް ޒާތީވެގެން އުޅެނީ ސަރުކާރަށް ދަތިކުރުމުގެ ބޭނުމުގައި ކަމަށް

ކެބިނެޓަށް ރުހުން ދިނުމަށް މިއަދު މަޖިލީހުގައި ނަގަން މަސައްކަތް ކުރަމުންދާ ވޯޓުގައި ރުހުން ނުދޭން އުޅެނީ، ޒާތީ ގޮތުން ޖައްސާލައިގެން ސަރުކާރު ބަލިކަށިކޮށްލުމަށް ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ރުހުން ނުދޭން ނިންމާފައިވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ބަންޑާރަނައިބު އަހްމަދު އުޝާމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު ކެބިނެޓަށް އައްޔަންކުރައްވާފައިވާ 22 ވަޒީރުންނަށް ރުހުން ދިނުމަށް އެ މައްސަލަ ދިރާސާކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިދިޔަ މަހުގެ 30ގައި އޮތީ ފާސްކޮށްފަ އެވެ. ނަމަވެސް، މަޖިލީހުގެ ޖަލްސާތައް މިދިޔަ މަހު ނިންމާލާފައިވަނީ އެ ރިޕޯޓަށް ވޯޓަށް ނާހަ އެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުން މިއަދު ޖަލްސާއެއް ބާއްވައި މެންދުރު ފަހު ވޯޓަށް އެހުމުގެ ކުރިން އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ، ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމާފަ އެވެ.

އެމްޑީޕީން މަޖިލިސް ކުރާ ގޭގައި މިއަދު ބޭއްވި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި ރުހުން ނުދިނުމަށް ނިންމާފައި ވަނީ:

  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

  • ބަންޑާރަ ނައިބު އަހުމަދު އުޝާމް

  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

  • ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު

ޑިމޮކްރެޓްސް އިން ވެސް ހަތަރު ވަޒީރަކަށް ރުހުން ނުދޭން ނިންމާފައިވެ އެވެ. އެއީ:

  • ފޮރިން މިނިސްޓަރު މޫސާ ޒަމީރު

  • ބަންޑާރަ ނައިބު އުޝާމް

  • އިސްލާމިކް މިނިސްޓަރު ޝަހީމް

  • ހައުސިން މިނިސްޓަރު ހައިދަރު

ބުނީ ކީކޭ؟ - ޝަހީމް އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީން އެތައް އަހަރެއް ވަންދެން އޭނާގެ އަބުރު ކަތިލައި ދަރިންނަށް ދުއްތުރާ ކުރި ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި އޭނާ ވާދަކުރެއްވުމުން، ޓެރަރިސްޓަކަށް ހަދައި ވަޒީފާއަށް ހުރަސް އެޅި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަހީމްް ވިދާޅުވީ:

  • އެ ހުރިހާ ކަމެއް ގިރާކޮށް، ﷲގެ ރަހްމަތުން އިސްލާމީ އުންމަތުގެ ހިދުމަތުގައި މި ހިސާބަށް އައި އިރު، މިއީ އިސްލާމިިކް މިނިސްޓަރުކަން ކުރައްވާ ތިން ވަަނަ ފަހަރު

  • އެ ވުޒާރާގެ ހިޔަލުގައި ފެންނަން ހުރި ކިތަންމެ ކަމެއްގައި އޭނާ ހިއްސާ އޮންނާނެ 

  • އެމްޑީޕީއަށް މަޖިލީހުގައި ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ރުހުން ނުދިނަސް އޭނާގެ ހިދުމަތަކަށް ކުޑަ ވެސް ބަދަލެއް ނާންނާނެ

  • އަބަދުވެސް ދިވެހި ގައުމާއި ރައްޔިތުންނާއި އުންމަތަށްޓަކައި ގަދަވެ ސަލާމަތުން ހުރިހާ ދުވަހަކު އަމިއްލަ ހައިސިއްޔަތުން ވެސް ހިދުމަތުގައި ދެމިހުންނަވާނެ 

  • ވަޒީރުކަން ކުރައްވަމުން ގެންދަވަނީ ވަރަށް އަމާނާތްތެރިކަމާ އެކު، މަސްއޫލިއްޔަތަށް އިސްކަން ދެއްވައިގެން؛ އަމިއްލަ ނަފްސަށް ވުރެ ބޮޑު އިސްކަމެއް ދެއްވައިގެން ހުރިހާ ޕާޓީއެއްގެ މެންބަރުންނަކީ އަހުންނާއި އުހުތުން ކަމުގައި ދެކިވަޑައިގެން

"އެމްޑީޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ފަރާތްތަކުން އަޅުގަނޑަށް ނަފްރަތު ކުރަނީ ނާގާބިލުވެގެން ހެއްޔެވެ؟ ނުވަތަ މިއީ ދާއިމީ ޒާތީ ކަމެއް ހެއްޔެވެ؟ އެދެވޭ ސަބަބެއް ނެތި، އެމްޑީޕީން ރާއްޖޭގެ އިސްލާމީ ކަންކަން ހިންގަން ހުރި އެންމެ އިސް ފަރާތް ދުއްވާލަން އުޅުމުގެ ފަހަތުގައި އޮތީ ސިޔާސީ ސަބަބެއް ހެއްޔެވެ؟ ނުވަތަ ފޮރުވިފައިވާ ހަގީގަތަކީ ކޮބައިތޯ އެވެ؟،" ޝަހީމް ލިއުއްވާފައިވެ އެވެ.

އުޝާމް އޭނާގެ އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ވަޒީފާގެ ހައިސިއްޔަތުން ނިންމެވި އެއްވެސް ނިންމެވުމަކާ ގުޅިގެން ރުހުން ނުދޭން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.

"މިއީ ޒާތީ ކަމެއް. ޒާތީ ގޮތުން ޖައްސާލައި ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގައި ކުރާ މި ކަހަލަ ކަންކަމުން ސަރުކާރު ބަލިކަށި ވެސް ނުކުރެވޭނެ. ރައީސް މުއިއްޒު ހުންނެވީ ގަދަކޮށް،" އުޝާމް ވިދާޅުވެފައިވެ އެވެ.

އެނގުން މުހިންމު - ރުހުން ދިނުމުގެ މައްސަލާގައި ވޯޓަށް އަހަން މިއަަދަށް ތާވަލުކޮށްފައި އޮތް ނަމަވެސް، އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާ ގުޅިގެން، ސަރުކާރު ހިންގާ ޕީޕީއެމް-ޕީއެންސީގެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރައްވަމުން ގެންދަވާތީ އަދިވެސް ވޯޓަށް އެހޭ ގޮތެއް ނުވެ އެވެ. 

ޖަލްސާ މެދުކަނޑާލުމަށް ފަހު އަލުން ފެށުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތްކޮށް ވެސް އެކަން ކާމިޔާބުވާ ގޮތް ނުވެ، ހަމަނުޖެހުން ހިންގާ ހިސާބަށް ވަނީ ގޮސްފަ އެވެ. އެގޮތުން، އެއް މެމްބަރަކު އަނެއް މެމްބަރަކު ގަޔަށް އަތްލައި ބައެއް މެމްބަރުންނަށް އަނިޔާވެގެން ހޮސްޕިޓަލަށް ވެސް މިހާރު ވަނީ ގެންގޮސްފަ އެވެ.

މަޖިލީހުގައި:

  • ޑިމޮކްރެސްޓްގެ މެންބަރުންގެ އަދަދަކީ - 13 

  • އެމްޑީޕީގެ މެންބަރުންގެ އަދަދަކީ - 44

  • ޖުމްލަ - 57

ކޮމެންޓް (1)

މުސްތާގު

29 ޖެނުއަރީ 2024
ގައުމަށް ފައިދާހުރި، ރައްޔިތުންގެ ހެވާ ލާބައަށް މަސައްކަތް ކުރާ ކޮންމެ މީހަކާ މި އެމްޑީޕީީ މީހުން ދިމާކުރާނެ! އެކަމަކު ބުނަންތަ ރަގަޅު އެއްޗެއް ގޯސް އެއްޗަކަށް ނުހެދޭނެ! މި އީ ތާރީޚުން ފެންނަން އޮތް ކަމެއް! އުސްތާާޛު ސަހީމަކީ އިސްލާމީ އުއްމަތުގެ ޢިލްވެރިންގެ ތެރެއިން ގަދަރުހުރި ޢިލްމީ ތަޖުރިބާކާރު ބޭފުޅެއް! އެންޑިޕީން ކިތައްމެ މަސައްކަތެއް ކުރިއަސް މި ހަގީގަތް ބަދަލު ކުރާނީ ކިހިނެއް! އުސާމަކީވެސް މަޑުމައިތިރި ހިއްހެއު ބޭފުޅެއް، ތަޖުރިބާލިބިފައިވާ ބޭކަލެއް! މިހަގީގަތް ބަދަލުކުރާނީ ކިހިނެއް!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް