ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު. (ފޮޓޯ/ރައީސް އޮފީސް)

ރައީސް އޮފީސް

ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު އުފައްދައިފި

މި އިދާރާގެ ދަށުން ދިވެހި ބަހާއި ތާރީހާއި ސަގާފަތާއި ތަރިކަ އާއި އާދަކާދަތަކާއި ގައުމިއްޔަތުގެ އިލްމު އާލާކުރާނެ
18 ޖެނުއަރީ 2024

މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަ އެންޑް ހެރިޓޭޖްގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި، 'ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު'ގެ ނަމުގައި ރައީސް މުހައްމަދު މުއިއްޒު މިއަދު އާ އިދާރާއެއް އުފައްދަވައިފި އެވެ.

ވީ ކިހިނެއް؟ - ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސްއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން މި އިދާރާ އުފައްދަވާފައިވާކަން އިއުލާނުކޮށް، ރައީސް އޮފީހުން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.

ބުނީ ކީކޭ؟ - ރައީސް އޮފީހުން ބުނީ ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރީ:

  • ދިވެހި ގައުމިއްޔަތު އާލާކުރުމުގެ ގައުމީ ނިޒާމުގެ ތެރެއިން ދިވެހި ބަހާއި ތާރީހާއި ސަގާފަތާއި ތަރިކަ އާއި އާދަކާދަތަކާއި ގައުމިއްޔަތުގެ އިލްމެއް އުފަންކޮށް ދިރުވައި އާލާކުރުމަށް

  • ގައުމީ ރޫހު އާލާކޮށް އާންމުކޮށް ދިވެހިންގެ މެދުގައި ގައުމިއްޔަތުގެ އިލްމާއި ވިސްނުން އުފެއްދުމުގެ މަސައްކަތްކުރުމަށް

ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން:

  • 1-

    ދިވެހިވަންތަކަމުގެ ސިފަތަކާއި ތަރިކަތައް ދެމެހެއްޓުމަށް ބޭނުންވާ އިލްމުތައް ހޯދައި، އެ އިލްމުތައް ދިވެހިރާއްޖެ އާއި ދިވެހީންގެ ހާލަތަށް ދޭހަކޮށް ކުރިއެރުވުން

  • 2-

    ދިވެހިވަންތަކަމުގެ ބަހާތަކާ ގުޅޭ އިލްމީ އަދި ފަންނީ ދިރާސާތައް ކުރުމާއި އެ ދިރާސާތަކުން ހޯދޭ މައުލޫމާތު އާންމުކުރުމާއި އެ މައުލޫމާތު އަދާހަމަކޮށް ބެލެހެއްޓުން

  • 3-

    ދިވެހިވަންތަކަމުގެ ބަހާތަކާ ބެހޭ ދިރާސާތައް ކުރުމަށް ބޭނުންކުރެވިދާނެ އާ ޓެކްނޮލޮޖީތަކާއި މެތޮޑޮލޮޖީތައް ދެނެގަނެ، ދިވެހިވަންތަކަމުގެ ބަހާތަކާ ބެހޭ ދިރާސާތައް ކުރުމުގައި އެކަންކަން ތައާރުފުކުރުން

  • 4-

    ބޭރުގެ ބަސްބަހުން ލިޔެ އުފައްދައިފައި ހުންނަ ގައުމިއްޔަތާއި ބަހާއި އެހެނިހެން ތަރިކަތަކާ ގުޅޭ އިލްމުތައް ދިވެހިބަހަށް ގެނެސް ދިވެހިންގެ ހާލަތަށް ވެހިކުރުން

  • 5-

    ދިވެހިރާއްޖެ އާއި ދިވެހިވަންތަކަމާ ގުޅޭ ގޮތުން އެކިއެކި ބަސްބަހުން ލިޔެ އުފައްދައިފައިވާ ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާކުރުން

  • 6-

    ދިވެހިރާއްޖެ އާއި ދިވެހިންނާ ގުޅޭ ގޮތުން ހުރި އެވޭލާ ބަސްމަގުގެ ތަކެތި މިހާރުގެ ބަސްމަގަށް ގެނައުން

  • 7-

    ޓެކްނޮލޮޖީގެ އެކި މަންސަތަކުގައި ދިވެހިބަހަށް އެކަށީގެންވާ ހައިސިއްޔަތު ހޯދައިދިނުމަށްޓަކައި ދިރާސާކޮށް، އެ ދިރާސާތަކުން ހޯދޭ ހޯދުންތައް ތަންފީޒުކުރުމަށް މަސައްކަތް ކުރުން

  • 8-

    ދިވެހި ގައުމިއްޔަތު އާލާކުރުމާ ގުޅޭ ޢިލްމީ ކޮންފަރެންސްތަކާއި އިލްމީ މަޝްވަރާތަކާއި މަހާސިންތާތަކާއި ހަރަކާތްތައް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރާވައި އިންތިޒާމުކުރުން

އެނގުން މުހިއްމު - ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ ނިޒާމުގެ ތެރެއިން، ދިވެހި ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒާ އެކު ތިން އިދާރާއެއް އުފައްދަން ރައީސް މުއިއްޒު ވަނީ މިދިޔަ މަހު ނިންމަވާފަ އެވެ.

އެގޮތުން ގައުމީ ތަރިކަ ދިރާސާ ކުރާ މަރުކަޒުގެ އިތުރުން ދެން އުފައްދަވަނީ:

  • ދިވެހި ގައުމީ ތަރިކަ ކޮލެޖް - މިހާރު ހިންގަމުން އަންނަ ކޮލެޖްތައް ހިންގާ ގޮތަށް ވުރެ ބޮޑަށް، 'ޑޯމެއިން ލީޑާޝިޕް' ކޮލެޖަކަށް ވެގެން ދާނެ. ހާސިލްކުރަން ބޭނުންވާ ކަމަކީ، ގައުމިއްޔަތުގެ އިލްމު ދިވެހިންގެ ތެރޭގައި އުފައްދައި، ގައުމިއްޔަތާ މެދު ހޭލުންތެރި/ހޭލާ އޮތް ޖީލެއް ބިނާކުރުމުގެ މަސައްކަތް ކުރުން.

  • ދިވެހި ގައުމީ ޗާޕުހާނާ - ތަރިކަ ކޮލެޖާއި ތަރިކަ ދިރާސާކުރާ މަރުކަޒުން ތައްޔާރުކުރާ އެއްޗެހި ޗާޕްކުރާނީ މިތަނުން. އޭގެ އިތުރަށް، މި ޒަމާނުގައި އެކި މީޑިއަމްތަކުގެ އޯޑިއޯ/ވީޑިއޯ އާއި ޕޮޑްކާސްޓް ފަދަ ޒަމާނީ ވަސީލަތްތަކުގެ ތެރެއިން ޒަމާނީ އުފެއްދުންތައް ވެސް ދިރާސާތަކުގެ އަލީގައި ޝާއިއުކުރާނެ.

ފާހަގަކޮށްލެވޭ - މި ތިން އިދާރާ އުފެއްދުމުގެ އިތުރުން، ގައުމިއްޔަތު ކުރިއަރުވަން، މި ފެށޭ ދިރާސީ އާ އަހަރު ސްކޫލުތަކުގައި ކިޔަވައިދޭ މާއްދާތަކުގެ ތެރެއަށް ގައުމިއްޔަތު މާއްދާ އިތުރުކޮށް ކިޔަވައިދޭން ފަށަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް