މިއަދު އޮތް ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމުގެ ތެރެއިން

ރައީސް އޮފީސް

ގައުމިއްޔަތު ދިރުވަން ހާއްސަ ތިން އިދާރާއެއް އުފައްދަނީ

އާ ތިން އިދާރާގެ ތެރޭގައި ތަރިކަ ކޮލެޖާއި ތަރިކަ ދިރާސާކުރާ މަރުކަޒަކާއި ގައުމީ ޗާޕްހާނާ ވެސް ހިމެނޭ

ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ ނިޒާމުގެ ތެރެއިން، 'ދިވެހި ގައުމީ ތަރިކަ ކޮލެޖު'އާ އެކު ތިން އިދާރާއެއް އުފައްދަން ރައީސް މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - ގައުމިއްޔަތު ދިރުވުމުގެ މަގްސަދުގައި އެ ތިން އިދާރާ އުފެއްދުމަށް ރައީސް ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި އެކަމަށް މަޝްވަރާކުރެއްވުމަށް ފަހު އެވެ.

ތަރިކަ ކޮލެޖްގެ އިތުރަށް ދެން އުފައްދަނީ:

  • ދިވެހި ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒު  

  • ދިވެހި ގައުމީ ޗާޕުހާނާ

އެ ނިންމުންތަކާ ގުޅޭ އިތުރު ތަފްސީލު، މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފަ އެވެ.

ތަފްސީލު - ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ އެ ތިން އިދާރާ ވެސް އުފައްދަނީ ގައުމިއްޔަތު އިއާދަކުރުމުގެ ނިޒާމްގެ ތެރެއިން ކަމަށެވެ. ނަމަވެސް އެ ތިން އިދާރާއިން ވެސް ކުރާނީ ވަކި ހާއްސަ މަސައްކަތްތަކެއް ކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެގޮތުން އޭނާ ވިދާޅުވީ:

  • ގައުމީ ތަރިކަ ކޮލެޖް - މިހާރު ހިންގަމުން އަންނަ ކޮލެޖްތައް ހިންގާ ގޮތަށް ވުރެ ބޮޑަށް، 'ޑޯމެއިން ލީޑާޝިޕް' ކޮލެޖަކަށް ވެގެން ދާނެ. މީގެ ތެރޭގައި ހާސިލްކުރަން ބޭނުންވާ ކަމަކީ، ގައުމިއްޔަތުގެ އިލްމު ދިވެހިންގެ ތެރޭގައި އުފައްދައި، ގައުމިއްޔަތާ މެދު ހޭލުންތެރި/ހޭލާ އޮތް ޖީލެއް ބިނާކުރުމުގެ މަސައްކަތް ކުރުން.

  • ދިވެހި ގައުމީ ތަރިކަ މަރުކަޒު - ގައުމިއްޔަތުގެ ބަހާތަކާއި ތަރިކަ ދިރާސާ ކުރުމަށް ހާއްސަ ދިރާސާވެރިން ގާއިމްވެ ތިބެ، އެމީހުންގެ ރަސްމީ މަސައްކަތްތަކެއްގެ ގޮތުގައި އެކަން ކުރާނެ. އޭގެ ތެރެއިން ތަފާތު އިލްމީ އުފެއްދުންތައް އުފައްދައި،  އެ އުފެއްދުންތައް ޝާއިއުކުރާނެ

  • ގައުމީ ޗާުޕުހާނާ- މަތީގައި ހިމެނޭ ދެ އިދާރާއިން ތައްޔާރުކުރާ އެއްޗެހި ޗާޕްކުރާނީ އެތަނުން. އޭގެ އިތުރަށް، މި ޒަމާނުގައި އެކި މީޑީއަމްތަކުގެ އޯޑިއޯ/ވީޑިއޯ އާއި ޕޮޑްކާސްޓް ފަދަ ޒަމާނީ ވަސީލަތްތަކުގެ ތެރެއިން ޒަމާނީ އުފެއްދުންތައް ވެސް ދިރާސާތަކުގެ އަލީގައި ޝާއިއުކުރާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް