ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ފިޔަވަތި.

ދައުުލަތުން ބަލާ ކުދިން ފޯސްޓަ ކުރާ އާއިލާތަކަށް މާލީ އެހީ ދެނީ

ކުދިން ފޮސްޓާ ކުރެވެނީ މަދުވެގެން 2 އަހަރަށް؛ ކުދިން ހަވާލުކުރެވޭ އާއިލާތަކަށް ސަރުކާރުން 5،000ރ ގެ އިނާޔަތެއް ދޭނެ

ދައުލަތުގެ ބެލެނިވެރިކަމުގެ ދަށުގައި ތިބި ކުދިންގެ ފޯސްޓާ ކުރަން ބޭނުން އާއިލާތަކަށް ސަރުކާރުން މާލީ އެހީ ދޭން ނިންމާ، ކުދިން ފޯސްޓާ ކުރަން ބޭނުން އާއިލާތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ވަގުތީ ގޮތުން ފޯސްޓާ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މަދުވެގެން 2 އަަހަރުގެ މުއްދަތަކަށް ވަގުތީގޮތުން ފޯސްޓާ ކުރާނެ ފަރާތްތަކާ ހަވާލު ކުރަން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓުން ވަނީ ނިންމައިފަ އެވެ.

ތަފްސީލް - އެ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އައިމިނަތު ނަމްޒާ މިއަދު 'ދައުރު' އަށް ވިދާޅުވީ، އެކަމަށް އެދި ނަންނޯޓު ކުރަން މިހާރު ހުޅުވާލާފައިވާ ކަމަށާއި ފުރަތަމަ ފެށުމެއްގެ ގޮތުން ކުދިން ފޯސްޓާ ކުރުމުގެ ފުރުސަތު ހުޅުވާލާނީ މާލޭ ސަރަހައްދަށް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ސަރުކާރުގެ ފުރަތަމަ100 ދުވަސް ހަމަވުމުގެ ކުރިން މާލޭ ސަރަހައްދުގައި މި ޕްރޮގްރާމު ފެށުން. މާލެ ސަރަހައްދު ނޫން ސަރަހައްދުތަކުން ވެސް ކުދިން ފޯސްޓާ ކުރަން ބޭނުން ނަމަ މިހާރު ވެސް ނަން ނޯޓު ކުރެވޭނެ،" ނަމްޒާ ވިދާޅުވި އެވެ.

  • ނަންނޯޓު ކުރަން ގުޅަންޖެހެނީ މިނިސްޓްރީގެ ކޯލްސެންޓަރު ނަންބަރު 1433 އަށް

  • ކުދިން ފޯސްޓާ ކުރަން އެދޭ އާއިލާތަކުގެ އެސެސްމެންޓެއް ހަދާ، ޓްރެއިނިން އެއް ކުރިއަށް ގެންދާނެ

  • ކުދިން ހަވާލުކުރެވޭ އާއިލާތަކަށް ސަރުކާރުން 5،000ރ ގެ އިނާޔަތެއް ދޭނެ

  • ވަގުތީ ގޮތުން ކުދިން ފޯސްޓާ ކުރަން އާއިލާތަކާ ހަވާލު ކުރަނީ މަދުވެގެން 2 އަހަރަށް؛ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު އޮންނާނެ

ވަގުތީ ފޯސްޓަރިންގެ ތެރެއިން ކުދިން ދާއިމީ ކުރުމުގެ ފުުރުސަތު ވެސް ފޯސްޓާ ކުރާ އާއިލާތަކަށް އޮންނާނެ ކަމަށް ނަމްޒާ ވިދާޅުވި އެވެ. 

ނަމްޒާ ވިދާޅުވީ އާއިލާތަކާ ހަވާލު ކުރި ނަމަވެސް ކުދިންގެ ހާލަތު މިނިސްޓްރީ އިން ގާތުން މޮނީޓާ ކުރާނެ ކަމަށެވެ. 

އެކި އުމުރުގެ ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި އެބަތިބިކަން ފާހަގަ ކުރައްވާ ނަމްޒާ ވިދާޅުވީ އެންމެ ތުއްތު ކުދިން ނޫނަސް ފުރާވަރުގެ އުމުރުގެ ކުދިން ވެސް އާއިލާތަކާއެކު އުޅުމުގެެ ފުރުސަތު ދޭން ބޭނުންވާ ކަމަށާއި އެ އުމުރުގެ ކުދިން ފޮސްޓާ ކުރަން ހިތްވަރު ދެއްވާ ކަމަށެވެ.

"ދައުލަތުގެ ބެލެނިވެރިކަމުގެ ދަށުގައި ތިބި 18 އަހަރުން ދަށުގެ ކުދިން ފޮސްޓާ ކުރުމުގެ ފުރުސަތު މި ހުޅުވާލަނީ. ދައުލަތިގެ ބެލުމުގެ ދަށުގައި އެބަތިބި އެންމެ ތުއްތު ކުދިން ވެސް.11 އަަހަރުގެ ކުދިންވެސް.. 11،12 އަހަރުގެ ކުދިން ވެސް. ގިނަ ބޭފުޅުން ބޭނުންވަނީ އެންމެ ތުއްތު ކުދިން ފޮސްޓާ ކުރަން. އެކަމަކު އަޅުގަނޑުމެން ހިތްވަރު ދެން އެއަށް ވުރެ ބޮޑެތި ކުދިންވެސް އާއިލާތަކުގެ ބެލުމުގެ ދަށަށް ގެންދަން،" ނަމްޒާ ވިދާޅުވި އެވެ.

ކުދިން ފޯސްޓާ ކުރަން ބޭނުން އާއިލާތަކަށް އެ ފުރުސަތު ހުޅުވާލި އިރު، އެ ކުދިންގެ އަމިއްލަ އާއިލާތަކުގެ ހާލަތު ރަނގަޅު ކޮށް އަމިއްލަ އާއިލާ އާއެކު އުޅުމުގެ ފުރުސަތު ހޯދައިދިނުމަކީ ވެސް މިނިސްޓްރީގެ އަމާޒެކެވެ.

ކޮމެންޓް (1)

ބެއްޔާގެ ދަރި

17 ޖެނުއަރީ 2024
މިއީ ވަރަށް ނުބައި މަގަކުން ހިނގައިދާަނެ ކަމެއް. މިސާލަކަށް ލާރިކޮޅުގެ ބޭނުމުގައި ކުދިން ބަލަން ފަށައިފިއްޔާ ކުދިންނަށް ވުރެ ލިބޭ ލާރިކޮޅަށް އިސްކަން ދެވޭނީ. ބޭރުގެ ބަައެއް ގައުމުތަކުގައި މިކަން ބޮޑު ވިޔަފާރިއަކަށް ވެސް ވެފައި އެބަ ހުރި މި ސަބަބާ ހުރެ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް