އިންޑިއާއިން ރާއްޖެއަށް ދީފައިވާ ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގައި އިންޑިއާގެ ސިފައިންނާ އެކު ދިވެހި ސިފައިންގެ މީހަކު ހަރަކާތްތެރިވަނީ.
ސިފައިން ބާލާނެ ތާރީހެއް މާޗުގެ ކުރިން އަންގަން އިންޑިއާގައި އެދިއްޖެ
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖޭން ބާލާނެ ދުވަހެއް އަންނަ މާޗު މަހުގެ ކުރިން އަންގަން ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރައީސް މުއިއްޒު ވަނީ އިންޑިއާ ސިފައިން ގެންދިއުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަރިހުން ރަސްމީކޮށް އެދިވަޑައިގެންފަ އެވެ.
ތަފްސީލް - ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން އެ ގައުމަށް ބާރުއަޅަމުން އަންނަ ކަމަށެވެ. އެގޮތުން، އަންނަ މާޗު މަސް ނިމުމުގެ ކުރިން ތާރީހެއް ދިނުމަށް ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދިފައިވާ ކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ.
"ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެ މަޝްވަރާތައް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކާ އެކު ކުރިއަށް އެބަ ގެންދޭ،" އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - ސަރުކާރުން އެންމެ ފަހުން ހާމަކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގައި ތިބިީ އިންޑިއާގެ 88 އަސްކަރީ މީހުންނެވެ.
ރައީސް އޮފީހުން މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެފައި ވަނީ، އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ 10 ބައްދަލުވުމެއް މިހާތަނަށް އެކި ލެވެލްގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.
އިންޑިއާ ސިފައިންނާ ގުޅުވާ ނޫސްވެރިން ކުރި ސުވާލުތަކަށް ދެއްވި ޖަވާބުގެ ތެރެއިން ނާޒިމް ވިދާޅުވީ އެ މީހުން ފޮނުވާލުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. ނަމަވެސް، ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް އެ ވައުދު ފުއްދުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމުގެ ޔަގީންކަން އޭނާ ތަކުރާރުކޮށް ދެއްވި އެވެ.
"ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭން ބޭނުން ވަނީ، އެ ވައުދު ފުއްދުމުގައި ސަރުކާރު އޮތީ ސާބިތުކަމާ އެކުގައޭ. އަބަދުވެސް އަޅުގަނޑުމެން ދެކެމުން އައީ މިއީ ފަސޭހަ ކަމެއް ނޫން ކަމުގައި [އަދި] ގޮންޖެހުންތަކެއް ހުރި ކަމެއް ކަމުގައި،" ނާޒިމް ވިދާޅުވި އެވެ.
"ޑިޕްލޮމެޓިކް އުސޫލުތަކާއި ހަމަތަކާއި ދުނިޔޭގެ ރީތި ތަހުޒީބު ނިޔާ ކުރާ ގޮތުން މިކަން ކުރަން ޖެހޭނެ ކަމަށް [ސަރުކާރުން ގަބޫލު ކުރަނީ]. ގާނޫނީ އިމުގެ ތެރެއިން މިކަން ކުރަން ޖެހޭނެ ކަމަށް."