މާލެއަށް ބޯކޮށް ވާރޭވެހި، ގޭގެއަށް ފެން ވަންނަމުންދާތީ އެމްއެންޑީއެފް އިން މިރޭ ގޭގޭގައި ވެލިބަސްތާ ޖަހައި އެހީތެރިކަން ފޯރުކޮށްދެނީ (ފޮޓޯ/އެމްއެންޑީއެފް)

މޫސުން

މާލޭގެ 100 އަށް ވުރެ ގިނަ ގެއަށް ފެނުގެ އަސަރު ކޮށްފި

މާލެ ހިމެނޭ ގޮތަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވައިޓް އެލާޓް ވަނީ ނެރެފައި

މިއަދު ހެނދުނުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރައިގައި މަގުތައް ފެންބޮޑުވުމުގެ ސަބަބުން 100 އަށް ވުރެ ގިނަ ގެއަށް ފެނުގެ އަސަރު ކުރި ކަމަށް ނޭޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެއާއެކު ފުލުހުން ވަނީ، އާންމު ހާލަތަށް އަންނަންދެން، ޒަރޫރީ ބޭނުމަށް ނޫނީ ހަތަރު ފުރޮޅުލީ އުޅަނދު ނުދުއްވުމަށް އިިލްތިމާސްކޮށްފަ އެވެ.

ވީ ކިހިނެއް؟ - މިއަދު ހެނދުން ފެށިގެން މާލެއަށް މެދުނުކެނޑި ދަނީ ވާރޭ ވެހެމުންނެވެ. ފުލުހުންނާއި ސިފައިން އަދި ގުޅުން ހުރި އިދާރާތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 

ތަފްސީލު - އެންޑީއެމްއޭއިން މިރޭ އާންމު ކުރި މައުލޫމާތުން އެނގޭ ގޮތުގައި މާލޭގެ:

  • 144 ގެއަކުން ގުޅައި އެހީތެރިކަމަށް ވަނީ އެދިފައި

  • 132 ގެއަކަށް ވަނީ މި ވަގުތާ ހަމައަށް އެހީތެރިކަން ފޯރުކޮށް ދީފައި

  • 91 ގެއެއްގައި ވަނީ ވެލިބަސްތާ ޖަހާފައި

  • އަށް ގެއެއްގެ 57 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ވަނީ ހަމަޖައްސާދީފައި

މާލޭގެ އިތުރުން ވެސް ހަތަރު ރަށަކަށް ބޯކޮށް ވާރޭވެހި، ގެއްލުންތަކެއް ލިބުނު ކަމަށް އެންޑީއެމްއޭ އިން ބުނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ތ. ގުރައިދޫ

  • ތ. ދިޔަމިގިލި

  • ލ. މާމެންދޫ

  • ދ. ކުޑަހުވަދޫ

ނަމަވެސް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ މާލޭގެ ގެތަކަށް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މާލޭގެ ފެން ހިންދުމުގެ މަސައްކަތް މިއަދު ހެނދުނުން ފެށިގެން ސިފައިން އަންނަނީ ކުރަމުންނެވެ. ފުލުހުން މިރޭ ބުނިގޮތުގައި:

  • ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް އަދިވެސް ދަނީ ހިނގަމުން 

  • އެހެންކަމުން ފުލުހުން ވަނީ، މަގުތަކުގައި ފެން ހިނދި، އާންމު ހާލަތަށް އަންނަންދެން، ބަރު އުޅަނދުތަކާއި ހަތަރު ފުރޮޅުލީ އުޅަނދު ޒަރޫރީ ބޭނުމަށް ނޫނީ ނުދުއްވުމަށް އިލްތިމާސްކޮށްފައި

ފާހަގަކޮށްލެވޭ - މޫސުން ގޯސްވުމުގެ ސަބަބުން، މާލެ ސަރަހައްދު ހިމެނޭ ގޮތަށް، މެޓް އޮފީހުން މިއަދު ޔެލޯ އެލާޓް ވެސް ނެރުނެެވެ. މިހާރު އެ އިދާރާ އިން ވަނީ މާލެ ހިމެނޭ ގޮތަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވައިޓް އެލާޓް ވަނީ ނެރަފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް