މިއަދު ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި އާޒިމާ ވާހަކަ ދައްކަވަނީ (ފޮޓޯ/ ކެމްޕެއިން ޓީމް)

ޑްރަގު އެތެރެ ކުރުން ފަދަ ބޮޑެތި ކުށްތަކަށް މަރުގެ އަދަބު ދޭން ޖެހޭ: އާޒިމާ

ބޮޑެތި ކުށްތަކަށް މަރުގެ އަދަބު ދިނުމުގެ ވިސްނުން ސަރުކާރުތަކުން ގެންގުޅެން ޖެހޭ ކަމަށް އާޒިމާ ވިދާޅުވި

ރާއްޖެއަށް ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އެތެރެ ކުރުން ފަދަ ބޮޑެތި ކުށްތަކަށް މަރުގެ އަދަބު ދޭން ޖެހޭ ކަމަށް ސަރުކާރު ހިންގާ  ކޮންގްރެސް ޕާޓީގެ މޭޔަރު ކެންޑިޑޭޓު އައިޝަތު އާޒިމާ ޝަކޫރު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަންނަ ހޮނިހިރު ދުވަހު ބާއްވާ މާލޭ މޭޔަރު އިންތިހާބުގައި ވާދަ ކުރައްވާ އާޒިމާ މިގޮތަށް ވިދާޅުވީ މިރޭ ޕީސްއެމްއިން ބޭއްވި ބަހުސްގަ އެވެ.

އެގޮތުން ޕްރެޒެންޓަރު ކެންޑިޑޭޓުންނާ ކުރިމަތި ކުރުވި ސުވާލަކީ:

  • މާލޭ، ވިލިމާލެ އަދި ހުޅުމާލޭގައި ވައްކަންތައް އިތުރުވެ، ކުށްތައް އާންމުވެ، ރައްކާތެރިކަން ވަނީ ގެއްލިފައި. މާލޭގެ މޭޔަރާއި ސިޓީ ކައުންސިލަކީ މި ރަށުގެ ރައްކާތެރިކަން އަށަގެންނެވުމަށް ޒިންމާވެވަޑައިގަންނަވާ އެންމެ އިސް ފަރާތް ކަމަށްވާއިރު، މިކަމުގައި މޭޔަރަކަށް ވަޑައިގެންނެވުމަށް އުޅުއްވާ ތިޔަ ކެންޑިޑޭޓު މާލޭގެ ރައްޔިތުންނަށް ދެއްވަން އޮތް ޔަގީންކަމެއް އަދި ގެންގުޅުއްވާނެ ސިޔާސަތެއް ނުވަތަ ހައްދަވާފައިވާ ސިޔާސަތަކީ ކޮބާތޯ؟

ތަފްސީލު - އެ ސުވާލުގެ ޖަވާބުގައި އާޒިމާ ވިދާޅުވީ މާލޭގެ ކުށުގެ ވެށީގެ މައްސަލަ ހައްލު ކުރެވޭނީ 'ކްރިމިނަލް ޖަސްޓިސް' އެނގޭ ބޭފުޅަކަށެވެ. އަދި އެ މައްސަލައަށް ހައްލު ހޯދަން ޖެހޭނީ، ކުށުގެ ވެށި ބަދަލުވާ ގޮތްވެސް އެނގި ދަސްކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕޮލިސް ކޮމިޝަނަރަކަށް ހުރެގެން އަދި އެކަމެއް އަދި އަންޑަސްޓޭންޑެއް ނުވާނެ. ވަޔަލެންޓް ކްރައިމް އަކީ [ނުވަތަ] މަސްތުވާތަކެއްޗަކީ، ރާއްޖޭގެ ޕީނޮލޮޖީގެ ބައެއް ނޫން. އެއީ ރާއްޖޭގެ ހިސްޓްރީއެއް ނޫން [އަދި] ރާއްޖޭގައި އުފައްދާ އެއްޗިއްސެއް ނޫން،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު އަމިއްލަ ގޮތުން މި އިންތިހާބުގައި ވާދަ ކުރައްވާ އެމަނިކުފާނުގެ ސަރުކާރުގައި ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި ހުސައިން ވަހީދަށް ރައްދު ދެއްވައި ކުރީގެ ބަންޑާރަނައިބު އާޒިމާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޖެހޭނީ، އަޅުގަނޑުމެންގެ ކްރައިމް ބަދަލުވާ ގޮތް ދަސްކޮށްގެން އެއަށް އަޅުގަނޑުމެންގެ މައްސަލަތައް ހައްލު ކުރަން. ރާއްޖޭގެ ކުށުގެ ވެށި ބަދަލުވެ ޖިއޮގްރަފިކަލީ ވެސް އެބަ ބަދަލުވޭ. އެކަން ދަންނަ މީހުން ރާއްޖޭގައި އެބަތިބި."

މިރޭ ޕީއެސްްއެމްއިން ކުރިއަށް ގެންދިޔަ މާލޭ މޭޔަރު ބަހުސްގެ ތެރެއިން (ފޮޓޯ/ ޕީއެސްއެމް)

އެއާއެކު، މައިގަނޑު ސުވާލަށް އާޒިމާ ހުށަހެޅުއްވި ހައްލަކީ މަރުގެ އަދަބު ތަންފީޒު ކުރެއްވުމެވެ. ސަރުކާރުތަކުން ވެސް އެ ވިސްނުން ގެންގުޅެން ޖެހޭ ކަމަށް އާޒިމާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހައްލުތަކަށް ވާނީ ކުށުގެ ވެއްޓާ އެއްގޮތަށް މައްސަލަތައް ހައްލު ކުރުން. ރާއްޖެއަށް ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އެތެރެ ކުރާ މީހުންނާ ދޭތެރޭ މަރުގެ އަދަބު ދިނުމުގެ ވިސްނުން ސަރުކާރުތަކުން ވެސް ގެންގުޅެން ޖެހޭ އަދި ހަމައެއާ އެކު ބޮޑެތި މައްސަލަތަކުގައި މަރުގެ އަދަބު ތަންފީޒު ކުރުމަކީ އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމެއް،" ސަރުކާރު ހިންގާ މައި ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އާޒިމާ ވިދާޅުވި އެވެ.

އޭގެ އިތުރުން އެ ސުވާލުގެ ޖަވާބުގައި އާޒިމާ ވިދާޅުވީ:

  • ކުށުގެ ވެއްޓަށް ބަލާއިރު، ކުށްކުރުން މުޖުތަމައުގައި ކޮންޓްރޯލް ކުރެވޭނީ ސްކޫލް ނިޒާމުގެ ތެރެއިން

  • ތަފާސްހިސާބަތުތަކުން 2،000 ވަނަ އަހަރު އެވްރެޖްކޮށް ފުރަތަމަ ކުށް ކުރާ އުމުރަކީ 13 އަހަރު؛ މިހާރު އެ އަދަދު ހުރީ 8 އަހަރުގައި

"މިކަންތައްތައް ދަސްކޮށްގެން މިކަންތައްތައް ހައްލު ކުރެވޭނީ. މިކަންތައްތައް އެނގޭ މީހުންނަށް މިކަންތައް ހައްލު ކުރެވޭނީ،" އާޒިމާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މި ސަރުކާރުގެ ސިޔާސަތަކީ މަރުގެ އަދަބު ތަންފީޒު ކުރުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން މިދިޔަ މަސް ތެރޭ ވަނީ ވިދާޅުވެފަ އެވެ. އެއާއެކު ބައެއް ޖަމިއްޔާތަކުން ކަންބޮޑުވުން ވެސް ފާޅު ކުރި އެވެ.

ޕީއެސްއެމް މޭޔަރު ބަހުސް: އެ މާގަމަށް ވާދަ ކުރައްވާ ފަސް ބޭފުޅުންވެސް މި ބަހުސްގައު ބައިވެރިވެވަޑައިގެންނެވި

ގުޅުން ހުރި - ކުށުގެ ވެއްޓާ ގުޅޭ ސުވާލަށް އެެހެން ކެންޑިޑޭޓުން ދެއްވި ޖަވާބުތައް ކުރުކޮށް:

  • ކެންޑިޑޭޓު ނަންބަރު 1، ޝުހައިބު އަލީ (އަމިއްލަ): ފަސްބައި ސާފު، ގާނޫނު ތަންފީޒު ކުރެވޭ، ރައްޔިތުންގެ ކުރިމަތީގައި ނަތީޖާ ނެރެވޭ ދައްކާފައި ހުރި މޭޔަރަކަށް މާލެ ސީޓިގެ މޭޔަރަކު ވާން ޖެހޭނީ. މިއީ، އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ. ގާނޫނު ތަންފީޒު ކުރެވޭ މޭޔަރަކު އަންނަން ޖެހޭނީ. ސަރުކާރު ކެންޑިޑޭޓުވެފައި، އިދިކޮޅު ޕާޓީވެފައި، މާ މެންބަރުން ގިނަވީމަ، އެ ޕާޓީތަކަށް މާލެ ސިޓީ ކައުންސިލް ދީނީމަ، ނިކުތް ނަތީޖާ ވޭތުވެދިޔަ ފަނަރަ އަހަރު ހަތަރު މޭޔަރުންގެ ފަރާތުން ސިޓީ ކައުންސިލް ތެރެއިން އެއޮތީ ފެނިފައި. އެހެންވީމަ، އެހެންވީމަ އަޅުގަނޑު ތިބޭފުޅުންނަށް މި ދަންނަވަނީ، ޝުއައިބަށް ތިބޭފުޅުން ވޯޓު ދެއްވާށޭ. ގާނޫނު ތަންފީޒު ކުރާނަމޭ. އެންމެންނަށް ހަމަހަމަކަމާ އެކު ގާނޫނު ތަންފީޒު ކުރެވޭ މޭޔަރަކު މާލެ ސިޓީ ކައުންސިލަށް ބޭނުން ވަނީ.

  • ކެންޑިޑޭޓު ނަންބަރު 2، ހުސައިން ވަހީދު (އަމިއްލަ): ކުށްކުރާ ޒުވާނުންނާއި އެފަދަ ގްރޫޕުތަކުގެ އަދަދު ގިނަވެގެންދާއިރު، އެ މީހުންގެ ސަޕޯޓު ކޮންމެ އިންތިހާބަކު ވެސް ސިޔާސީ މީހުން ހޯދާ. މިހާރު ވެސް ބައެއް ކަހަލަ ވޯޓުތައް ހޯދުމަށް އެ މީހުންގެ ގާތަށް ދާ ވާހަކަ އެބަ އަޑުއިވޭ. މިހާރު މިއޮތް ސަރުކާރުން ވެސް އެތައް މިލިއަން ރުފިޔާ އެ މީހުންގެ އަތުން ނަގައިފި. އެހެންވީމަ، އެމީހުން މިއަދު ތަންކޮޅެއް ބާރުގަދަވެއްޖެ. އަޅުގަނޑު ދެކޭ ގޮތުގައި ޒުވާނުން ރިހަބިލިޓޭޓްކޮށްފައި، އަލުން މުޖުތަމައު ތެރެއަށް ގެނެވޭނެ ނިޒާމެއް ކަނޑައަޅައިގެން ނޫނީ މާލޭގެ މަގުތައް ދިގުދެމިގެންދާ ގޮތަށް އަމާންކޮށް ނުބޭއްވޭނެ. އެއާއެކު، އެމީހުން މަޑުން އެމީހާ މުޖުތަމައު ތެރެއަށް ނެރެ، ޒުވާނުން ބާރުވެރިކުރަން އެ ވިސްނުން ސަރުކާރު ތެރޭ ހުރިއްޔާ އެކަން ކުރެވިދާނެ. އަޅުގަނޑަށް އެނގޭނެ އެކަން ކުރަން.

  • ކެންޑިޑޭޓު ނަންބަރު 4، އާދަމް އާޒިމް( އެމްޑީޕީ): އަޅުގަނޑު މަސައްކަތް ކުރާނީ ވަރަށް ބޮޑަށް ފުލުހުންނާ ކައިރިން. ސިޓީ ކައުންސިލް ތެރެއަށް ފުލުސް ފޯސްް އާއި ޑިފެންސް ފޯސް އުފައްދައިގެން އެކަން ކުރުމަކީ ވިސްނުމެއް ނޫން. އެއީ، އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކެން. ފުލުހުން ކުރާ ކަންކަން އަޅުގަނޑުމެން ޑުޕްލިކޭޓް ނުކުރާނަން. އަޅުގަނޑު މަސައްކަތް ކުރާނީ އެ މީހުންނާ ގުޅިގެން. އަޅުގަނޑަކީ މީހުންނާ ގުޅިގެން މަސައްކަތް ކުރެވޭނެ މީހެއްކަން އެނގޭނެ. މިހާތަނަށް 10،000 މީހުންނާ އެކު އެކި ކުންފުނިތަކުގައި މަސައްކަތްކޮށްފިން. އަދި ލާމަރުކަޒީ ގާނޫނުގެ ތެރެއިން 180 ރަށުގައި އެކި ކައުންސިލްތަކާ އެކު މަސައްކަތްކޮށްފިން. ފުލުހުންނަށް ބޭނުންވަނީ، އަޅުގަނޑުމެން ސިޔާސީ މީހުންގެ އެހީތެރިކަން. އެ އެހީތެރިކަން ނުލިބިގެން އެކަން ނުކުރެވިގެން އެދަނީ.

  • ކެންޑިޑޭޓު ނަންބަރު 5، ސައިފް ފާތިހް (ދަ ޑިމޮކްރެޓްސް): ކުށުގެ ވެއްޓާ ގުޅޭ ގޮތުން ޒުވާނުންނާ ދިމާލަށް އިނގިލި ދިއްކުރަން ވަރަށް ފަސޭހަ. ސުވާލަކީ، އެމީހުން އެ ހާލަތުގައި ތިބެން މި ޖެހެނީ ކީއްވެގެންތޯ؟ ހުރިހާ ވެސް މައްސަލައަކީ ބޯހިޔާވަހިކަން. އޭގެ އިތުރުން ވަޒީފާގެ ފުރުސަތު. ސިޓީ ކައުންސިލްގެ ފަރާތުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދޭނަން. އޭގެ ތެރޭގައި މި ސިޓީއަށް ބޭނުންވާ އިލެކްޓްރިޝަނުން، ވެލްޑަރުންނާއި ސިމެންތި ޖަހާ ރާނާ މީހުންނާއި ބަގީޗާ ބަލަހައްޓާ މީހުން ފަދަ އެ ބާވަތުގެ ހުނަރުތައް ޓިވެޓްގެ ޕްރޮގްރާމެއްގައި ބައިވެރިވެގެން ފުރިހަމަ ކުރާ ޒުވާނުންނަށް ވަޒީފާ ޔަގީން ކުރާނަން. އޭގެ އިތުރުން ޑްރަގު ފަރުވާ، ވަށާ ޖެހޭ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިޔުމަށް މާލޭގެ ދެ ސަރަހައްދެއްގައި ޑްރޮޕިން ސެންޓަރު ގައިމްކޮށްދޭނަން. އޭގެ އިތުރުން، މާލެ ތެރެ އަލި ކުރަން ޖެހޭ އަދި ބެލެހެއްޓުން އިތުރު ކުރަން ޖެހޭ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް