އެއާޕޯޓު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ގުޅިފަޅުގައި އަޅާ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރަނީ

މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ނިންމާފައި އޮތީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމަށް؛ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލު ކުރުމަށް ނިންމީ ރައީސް ސޯލިހުގެ ސަރުކާރުން

ކުރީ ސަރުކާރުން މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލު ކުރަން ނިންމި ނިންމުން ބަދަލުކޮށް، އެ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި އިފްތިތާހުކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ވިޔަފާރި ބަނދަރު އެޅުމަށް ގުޅިފަޅަކީ އެންމެ އެކަށީގެންވާތަން ކަމަށްނުވާތީ، އެ މަޝްރޫއު ތިލަފުއްޓަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ފެށުން (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލު - އޭގެ އިތުރު ތަފްސީލު ރައީސް ހިއްސާއެއް ނުކުރައްވަ އެވެ. 

ނަމަވެސް ރައީސް ވިދާޅުވީ ތިލަފުށީގައި ގާއިމްކުރާނީ ފުރިހަމަ ކޮމާޝަލް ޕޯޓެއް ކަމަށެވެ.

"އެތަނަށް އެ ގެނެވޭ ތަރައްގީ އަކީ ވެސް މި އެއާޕޯޓުގެ ތަރައްގީ އާ ހުރިހާ ކަމެއް ގުޅި ލާމެހިގެން ދާއިރު، އަޅުގަނޑުމެން ތަސުއްވުރު ކުރާގޮތަށް ރައްޔިތުން އެންމެ އެދޭގޮތަށް ގާއިމު ކުރެވިގެންދާ، އިގްތިސޯދީ ގޮތުން ހުޅުވިގެންދާ ވަރަށް މުހިއްމު ދޮރާއްޓެއް،" ރައީސް ވިދާޅުވި އެވެ.

ތިލަފުއްޓާއި އެ ސަރަހައްދުން ހިއްކާ އެހެން ބިންތައް ބޭނުންކޮށްގެން ރެޒިޑެންޝަލް ބޭނުމަށް ހުރިހާ ކަމެއް ކަނޑައެޅުމަށް ފަހު، ސަރުކާރުން އުފައްދާ އާ ކުންފުނި 'މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން' އަށް100 ހެކްޓަރު ކަނޑައަޅައި އިގްތިސޯދީ ގިނަ މަސައްކަތްތައް ފައްޓަވާނެކަން ރައީސް އިއުލާނު ކުރެއްވި އެވެ.

"އެއާ އެކު ފެށިގެން ދަނީ ރާއްޖެއަށް ބޭނުންވާ މެޓީރިއަލްތައް؛ އެއީ ކޮންސްޓްރަކްޝަން މެޓީރިއަލް ނަމަވެސް އަދި ކާބޯތަކެތި ރާއްޖޭގައި އުފެއްދޭ، އުފެއްދިދާނެ ކާބޯތަކެތީގެ ބޮޑު އިންސައްތަ އެއް އުފެއްދުމަށް، މި ހުރިހާ ކަމެއް ހިމެނޭ ގޮތަށް... އަދި ރީ އެކްސްޕޯޓް ކުރުމަށްޓަކައި ވަރަށް މުހިއްމު ސްޓްރެޓެޖިކް ލޮކޭޝަން އަކަށް ވާތީ. އަޅުގަނޑުމެންނަށް ފަހިވެފައިވާ ފުރުސަތުތަކުގެ ބޭނުން ހިފާ ރީ އެކްސްޕޯޓު ކުރެވޭ އިންޓަނޭޝަނަލް އެސްއީޒެޑް ޒޯނަކަށް އެތަން ހެދިގެންދާނެ."

ތިލަފުށި ފަޅު މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ އެޗުޑީސީ)

އެނގުން މުހިއްމު - މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ނިންމާފައި އޮތީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމަށެވެ. ނަމަވެސް އެކަން ބަދަލުކޮށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމީ، ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލު ކުރުމަށެވެ.

އެ މަޝްރޫއުގެ ދަށުން އަހަރަކު 400،000 ކޮންޓެއިނަރު ބޭލޭވަރުގެ ޕޯޓެއް އަޅަން އިންޑިއާގެ އެގްޒިމް ބޭންކުން 300 މިލިއަން ޑޮލަރު (5 ބިލިއަން ރުފިޔާ) ލޯނެއް އޭރުގެ ސަރުކާރުން ވަނީ ހޯދައިފަ އެވެ. ބަނދަރުގެ މަސައްކަތަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ ޖުލައި މަހު ވަނީ ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް