ރައީސް މުހައްމަދު މުއިއްޒު އާއި ވަޒީރުން ކެބިނެޓުގެ ބައްދަލުވުމެއްގައި (ފޮޓޯ/ރައީސް އޮފީސް)

ވިޔަފާރި

ގިރާވަރާއި ތިލަފުށިން އާ ކުންފުންޏަށް 100 ހެކްޓަރުގެ ބިން ދެނީ

އެ ކުންފުންޏަކީ ފުޅާ ދާއިރާއެއްގައި ރާއްޖެ އަށް މުދާ އެތެރެކޮށް، އަވައްޓެރި އެހެން ގައުމުތަކަށް އެ މުދާ ރީ-އެކްސްޕޯޓުކުރުމާ އެކު ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ މަގުސަދުގައި އުފައްދާ ކުންފުންޏެއް

ޓްރާންސްޝިޕްމެންޓް އަދި ރީ-އެކްސްޕޯޓް ވިޔަފާރިއަށް ހާއްސަ ކުންފުނި އުފައްދަނީ ސަރުކާރުގެ އެންމެ ބޮޑު ފަސް ކުންފުނި ހިއްސާވެގެން ކަމަށާއި އެ ކުންފުންޏަށް ގިރާވަރު ނުވަތަ ތިލަފުށިން ބިން ދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - 'މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން'ގެ ނަމުގައި ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަން ކަށަވަރުކޮށް، ވެލިއު އެޑްކުރުމާއި ޓްރާންސްޝިޕްމެންޓް އަދި ރީ-އެކްސްޕޯޓް ވިޔަފާރިއަށް ހާއްސަ ކުންފުންޏެއް އުފައްދަން ނިންމާފައިވާކަން އިކޮނޮމިކް މިނިސްޓަރު ހާމަކުރެއްވީ އިއްޔެ އެވެ.

ތަފްސީލް - މިދިޔަ އާދިއްތަ ދުވަހު ކެބިނެޓަށް ހުށަހެޅި ކަރުދާހަކަށް މަޝްވަރާކޮށް، އެ ކުންފުނި އުފައްދަން ނިންމާފައިވަނީ، ރައީސް އޮފީހުގެ ޕޮލިސީ އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވި ގޮތުގައި، ސަރުކާރުގެ މައި ވިޔަފާރި ކުންފުނިތައް ބައިވެރިވެގެންނެވެ. އެގޮތުން އެ ކުންފުނީގައި ހިއްސާވާ ފަރާތްތަކަކީ:

  • ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) 

  • ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) 

  • މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) 

  • މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) 

  • މައި އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)

ނާޒިމް ވިދާޅުވީ އެ ކުންފުންޏަކީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މުދާ އެތެރެކޮށް އަވައްޓެރި އެހެން ގައުމުތަކަށް އެ މުދާ ރީ-އެކްސްޕޯޓުކުރުމާ އެކު ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ މަގުސަދުގައި އުފައްދާ ކުންފުންޏެއް ކަމަށެވެ.

"މައި ބޮޑު އެއް ކުންފުންޏެއްގެ ގޮތުގައި ފްރީ ޓްރޭޑް ޒޯނުތައް އެކުލަވާލުމުގެ ހުއްދައަށް އެދި ބޯޑު އޮފް އިންވެސްޓުމެންޓަށް ހުށަހަޅަން ވަނީ ނިންމާފައި. މި ފްރީ ޓްރޭޑް ޒޯނުތައް ގާއިމު ކުރާ އިރު، އެއާޕޯޓް އަދި ޕޯޓުތައް ހިމެނޭ ސަރަހައްދަކުން މި ޒޯނުތައް ކަނޑައަޅައިގެން ކުރިއަށް ގެންދިއުމަށް [ނިންމުނު]،" ނާޒިމް ވިދާޅުވި އެވެ.

އާ ކުންފުންޏަށް ތިލަފުށި ނުވަތަ ގިރާވަރުން 100 ހެކްޓަރު

ނާޒިމް ވިދާޅުވީ އެ ކުންފުނީގެ ވިޔަފާރި ފެށުމަށް ބޭނުންވާ ބިން ހަމަޖެއްސުމަށް ތިލަފުއްޓާއި ގިރާވަރު ފަޅު ބެލުމަށް ފަހު، އެންމެ އެކަށީގެންވާ ތަނަކުން 100 ހެކްޓަރުގެ ބިން ހަމަޖެއްސުމަށް ވެސް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.

"ރާއްޖެ އަށް ބޭނުންވާ ވަރަށް ކާބޯތަކެތި އުފެއްދުމަށް އުތުރުތިލަފަޅުން ބިން ކަނޑައަޅައި، އެކަމަށް އިންވެސްޓުމެންޓު ހޯދައި، އިންވެސްޓުމެންޓުގެ މައިގަނޑު ޝެއާހޯލްޑަރުގެ ގޮތުގައި މި އުފައްދާ ކުންފުނި ހަމަޖެއްސުން. ކުންފުނި އުފެއްދުމަށް ފަހު، ބޭނުންވާ ނަމަ ސްޓްރެޓެޖިކް ޕާޓްނަރުންގެ ގޮތުގައި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) އުސޫލުން ނުވަތަ އެނޫން މޮޑެލް އަކުން އިތުރު އިންވެސްޓުމެންޓަށް ފުރުސަތު ހޯދައިދިނުމަށް ކަންކަން ތަރުތީބު ކުރަން ވެސް ވަނީ ނިންމަވާފައި،" ނާޒިމް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް