އިނގުރައިދޫ އިސްމެޖިސްޓްރޭޓްގެ ސައިކަލު އަނދާ ހުލިވެފައި

ހުޅުޖެހުން

އިނގުރައިދޫ އިސްމެޖިސްޓްރޭޓުގެ ސައިކަލު ރޯކޮށްލި މައްސަލައެއް ތަހުގީގު ކުރަނީ

ފަނޑިޔާރުންގެ ޖަމިއްޔާއިން މި އަމަލު ކުށްވެރިކޮށް އަވަސް ތަހުގީގެއް ހިންގުމަށް ވަނީ ގޮވާލާފައި

ރ. އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު ރަޝާދުގެ ސައިކަލު ރޯކޮށްލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މުހައްމަދު ރަޝާދުގެ ސައިކަލު، އިނގުރައިދޫ މަގުމަތީގައި ހުއްޓާ ރޯކޮއްލި ކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 2:30 ހާއިރު އެވެ.

ތަފްސީލު - ފުލުހުންގެ ތަރުޖަމާނަކު މިއަދު 'ދައުރު'އަށް ވިދާޅުވީ، އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ސީނަށް އެ އެޓެންޑްވިއިރު، އެ އެ ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.

"މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވޭ. މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ސައިކަލު އަދަމުންދިޔައިރު ނާގާފައިވާ ވީޑިއޯއެއް 'ދައުރު'އަށް ލިބިފައިވާ އިރު އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ސައިކަލުގެ ދަނގަޑުބައި ފިޔަވައި އެހެން ހުރިހާ ބައެއް ދިޔައީ އަނދާ ހުލިވަމުންނެވެ. އަދި ކައިރީގައި ޖެހިގެން ހުރި ބައިސްކަލްގައި ވެސް ހުޅުހިފައި، އެ ބައިސްކަލް ވެސް އެއްކޮށް ވަނީ އަނދާފަ އެވެ.

މީއީ ސީދާ ކޮން ސަބަބަކާ ހުރެ ކުރި ކަމެއް ކަން ރަށު މީހުންނަށް ވެސް ބުނެދޭން ނޭނގެ އެވެ.

ގުޅުން ހުރި - މިކަމާ ގުޅިގެން އެކަން ކުށްވެރިކޮށް ފަނޑިޔާރުންގެ ޖަމިއްޔާއިން ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި މި މައްސަލަ ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް، މިކަމުގައި ބައިވެރިވާ ފަރާތްތައް ހޯދައި، ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައިފަ އެވެ. 

އޭގެ އިތުރުން އެ ބަޔާނުގައި ބުނީ:

  • އަމިއްލަ ފަރުދަކަށް ވިޔަސް ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވޭ

  • ފަނޑިޔާރުން ބަލަަމުންދާ ވަކި މައްސަލައަކާ ގުޅިގެން ނުރައްކަލަކަށް ހުށަހެޅިދާނެ ނިސްބަތަށާއި ގައުމުގެ ހާލަތު އޮތް ގޮތުގެ މައްޗަށް ބަލައި، ފަނޑިޔާރުންނަށް ސަލަމާތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމް، ސަލާމަތީ ބާރުތަކުން ހަމަޖައްސަން ވާނެ ކަމަށް ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވޭ

އެހެން ކަމުން، އެ ރައްކާތެރިކަން ކަށަވަރުކޮށްދީ، އެކަންކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް