ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބް. (ފޮޓޯ/ ރައީސް އޮފީސް)
މަޖިލިސް މެމްބަރުން 'ގަނެ ވިއްކާ' ކަމުގެ ތުހުމަތު ސަރުކާރުން ދޮގުކޮށްފި
ރައީސް މުހައްމަދު މުއިއްޒު، ވެރިކަމުގެ ފުރަތަމަ މަހުގެ ތެރޭގައި މަޖިލިސް މެމްބަރުން 'ގަނެ ވިއްކުމުގެ ކުޅިވަރު' ފައްޓަވާފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ތުހުމަތު ސަރުކާރުން ދޮގު ކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ މެމްބަރުންތަކެއް ޕާޓީން ވަކިވާން އުޅޭ ކަން 'ދައުރު'އަށް ކަށަވަރުވެފައިވާ ދަނޑިވަޅެއްގައި، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މީކާއީލް ތުހުމަތު ކުރައްވާފައި ވަނީ، ރައީސް "މެމްބަރުން ގަނެވިއްކާ ރައްޔިތުން މަޖިލިސް ހަރާބުގެ މަގަށް ގެންދިޔުމުގެ ހަޑިމުޑުދާރު ކުޅިވަރު ފައްޓަވައިފި" ކަމަށެވެޒ.
-
އިތުރަށް ކިޔާލަން: ރައީސް މެމްބަރުން ގަނެވިއްކުމުގެ ކުޅިވަރު ފައްޓަވައިފި: މީކާއީލް
ބުނީ ކީކޭ؟ - އެ ތުހުމަތުތަކާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު އެކަން ދޮގުކުރެއްވި އެވެ.
"... ރިޝްވަތު ދީގެން މަޖިލިސް މެމްބަރުން ސަރުކާރުގެ ޕާޓީއަށް ގެންދަން އުޅޭ ވާހަކަ، އެއީ ކަނޑައެޅިގެން ދޮގެއް،" ޝަހީބު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވަނީ މިދިޔަ ހޯމަ ދުވަހު އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.
ރާއްޖެއިން އެކި ގައުމުތަކަށް ކަނޑައަޅާފައިވާ ސަފީރުން އެނބުރި ރާއްޖެ އަންނަން ސަރުކާރުން އަންގާފައިވާ އިރު، ޝަރީފްގެ ދަރިކަނބަލުން، މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ ހައިކޮމިޝަނަރު މިޒްނާ ޝަރީފް އެ މަގާމުގައި ބެހެއްޓުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
އެއާއެކު، ޝަރީފް އެމްޑީޕީން ވަކިވީ ސަރުކާރާ އެކު ޑީލެއް ހަދައިގެން ކަމަށް ބައެއް މީހުން ދަނީ ތުހުމަތު ކުރަމުންނެވެ.
އެނގުން މުހިއްމު - ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޕާޓީ ތެރޭގައި އުފެދުނު ވާދަވެރި ކަމުގެ މައްސަލަ ހޫނުވެ، ޝަރީފްގެ އިތުރުން ވެސް އިދިކޮޅު އެމްޑީޕީގެ ހައެއްކަ މެންބަރަކު އެ ޕާޓީން ވަކިވާނެކަން 'ދައުރު'އަށް ވަނީ ޔަގީންކުރެވިފަ އެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއް ވެރިކަން ކުރާ ޕީއެންސީއަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ.
ކޮމެންޓް (1)
ސޭކުސްތާން