ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)
ރައީސް މުއިއްޒު މަޖިލިސް މެމްބަރުން ގަނެވިއްކުމުގެ ކުޅިވަރު ފައްޓަވައިފި: މީކާއީލް
ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ މަހުގެ ތެރޭގައި އެމަނިކުފާނު މަޖިލިސް މެމްބަރުން 'ގަނެ ވިއްކުމުގެ' ކުޅިވަރު ފައްޓަވައިފި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އޭނާ މިހެން ވިދާޅުވީ ސަރުކާރާ ދެކޮޅު ކޮންޓެންޓް ޝެއާކުރާ ވެބްސައިޓުތައް ބްލޮކް ކުރުން މިހާރުން މިހާރަށް ހުއްޓާލަން ސަރުކާރަށް ގޮވާލައި މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑު) ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑު އެންމެ ކަންބޮޑުވާ އެއް ކަމަކީ، އިއްޒަތްތެރި ރައީސް، އަޅުގަނޑުމެން ރައްޔިތުން މަޖިލީހުގެ މެމްބަރުން ހޮވެން ރައްޔިތުން ކައިރީ ވީ އެންމެ ބޮޑު ވައުދަކީ އަޅުގަނޑުމެން ޕާޓީ ބަދަލު ނުކުރާނެ ކަމުގެ ވައުދު،" މީކާއީލް ފާހަގަކުރެއްވި އެވެ.
ރައްޔިތުން މަޖިލީހަށް މެމްބަރުން އިންތިހާބުކޮށްފައި ވަނީ، އޭނާ ވިދާޅުވި ގޮތުގައި، މެމްބަރުން އެ ވައުދާ އެއްގޮތަށް އަމަލު ކުރައްވާނެ ކަމުގެ އިތުބާރާ އެކު އެވެ.
"އެހެން ނަމަވެސް، [ރައީސް] މުހައްމަދު މުއިއްޒު، އެމަނިކުފާނުގެ އެންމެ ފުރަތަމަ މަހު ވެސް، މި ހަޑިމުޑުދާރު ކުޅިވަރު، މެމްބަރުން ގަނެވިއްކާ ރައްޔިތުން މަޖިލިސް ހަރާބުގެ މަގަށް ގެންދިޔުމުގެ ހަޑިމުޑުދާރު ކުޅިވަރު ފައްޓަވައިފި ކަމުގެ މަލަމަތި ވެސް އެމަނިކުފާނު ދައްކަވައިފި،" މީކާއީލް ތުހުމަތު ކުރެއްވި އެވެ.
ފާހަގަކޮށްލެވޭ - މީކާއީލް މިހެން ވިދާޅުވި އިރު، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވަނީ، ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޕާޓީ ތެރޭގައި އުފެދުނު ވާދަވެރި ކަމުގެ މައްސަލަ ހޫނުވެ، މިދިޔަ ހޯމަ ދުވަހު އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.
އެ މައްސަލާގައި އިދިކޮޅު އެމްޑީޕީގެ ހައެއްކަ މެންބަރަކު އެ ޕާޓީން ވަކިވާނެކަން 'ދައުރު'އަށް ވެސް ވަނީ ޔަގީންކުރެވިފަ އެވެ. އަދި އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއް ވެރިކަން ކުރާ ޕީއެންސީއަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ.
ތަފްސީލް - މަޖިލިސް މެމްބަރުން 'ގަނެ ވިއްކުމުގެ' އިތުރުން ވެސް، މީކާއީލް ވަނީ އޭނާގެ ވާހަކައިގައި މި ސަރުކާރުން ކަންކަން ކުރަމުންދާ ގޮތާ މެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ނުރުހުން ފާޅުކުރައްވާފަ އެވެ.
އެގޮތުން، މި ސަރުކާރުން "ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަންނަން މަހެއްހާ ދުވަސް ވެސް ނުނަގާ" ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، ހަމަ އެ މުއްދަތުގައި ވެރިކަމަށް ހޮވެން ވެވަޑައިގެންނެވި ހުރިހާ ވައުދަކާ ވެސް ސަރުކާރުން ހިލާފުވެވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
މީކާއީލް ފާހަގަކުރެއްވި ގޮތުގައި:
-
ގައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލިގެންދާ ވާހަކަ ދައްކައިގެން ކެމްޕޭން ކުރައްވާފައި، 99 އަހަރަށް ރާއްޖޭގެ އެތައް ބިމެއް ދޭން މިހާރު ވަނީ ނިންމާފައި
-
މިދިޔަ ސަރުކާރުގައި ކޮތަޅުން ޓެކްސް ނަގަން ފެށުމުން އެކަމާ ދެކޮޅަށް ވާހަކަ ދެއްކުމަށް ފަހު މިހާރު "ކޮތަޅު ޓެކްސް ވަރެއް ނެތް"
-
އިންޑިއާ އައުޓް ކިޔަމުން ވެރިކަމަށް އައި ނަމަވެސް، މިއަދު އިންޑިއާ ސިފައިންގެ އަދަދު މުހިއްމެއް ނުވޭ؛ އިންޑިއާ ސިފައިން މިތާ ތިބުންވެސް ސަރުކާރަށް މިހާރު ވަރިހަމަ ކަމަށް މީކާއީލް ވިދާޅުވި
-
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯ ޖަހައިގެން ވެރިކަމަށް އައި ނަމަވެސް، މިހާރު އެމަނިކުފާނު އަނބުރާ ޖަލަށް ގެންދަން އުޅޭ ކަމުގެ މަލަމަތި ދަނީ ފެންނަމުން
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކާ ހިލާފުވަމުން އަންނަ ސްޕީޑަށް ބަލާއިރު، މީކާއީލް ވިދާޅުވީ، ރައްޔިތުން މިތިބީ، "މަޖިލީހުގެ އިންތިހާބަށް ފަހު އެމަނިކުފާނުގެ ކަސްތޮޅުތައް ނެއްޓި، އެމަނިކުފާނުގެ އަސްލު ސޫރަ ދައްކާލާއިރު ދެން ކޮށްފައި ނުކުރާނެ ކަމެއް ވެސް ނޭނގޭ ހިސާބުގައި" ކަމަށެވެ.
"އިއްޒަތްތެރި ރައީސް، މި ފަސް އަހަރު އަޅުގަނޑުމެން މިހެން ނިންމާލައިފި ނަމަ، މި ރާއްޖެ އަޅުގަނޑުމެންނަށް ފަސް އަހަރު ނިމޭ އިރު ހޯދާ ނުފެންނާނެ،" އޭނާ ވިދާޅުވި އެވެ.
ކޮމެންޓް (2)
މުބާރިކު
އެމްޑީޕީ އާންމު މެމްބަރުން