ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ (ފޮޓޯ/މިނިސްޓަރު މުއްތޮލިބު، އެކްސް)

ގުޅިފަޅު

ގުޅިފަޅުން 90 ހެކްޓަރުގެ ބިން ހިއްކައިފި، މަސައްކަތް ކުރިއަށް އެބަދޭ: މިނިސްޓަރު

ސަރުކާރުން އަމާޒު ހިފާފައިވަނީ އެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި، އެތަނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމް ކުރަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި

މިދިޔަ ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދޭން ނިންމާފައިވާ ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށާއި އެ ސަރަހައްދުން ހިއްކަން ނިންމާފައިވާ 150 ހެކްޓަރުގެ ތެރެއިން 90 ހެކްޓަރު ހިއްކާފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ގުޅީފަޅު ހިިއްކުމުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް، ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.

ތަފްސީލް - ސަރުކާރުން އަމާޒު ހިފާފައިވަނީ އެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި، އެތަނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމް ކުރަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

'ރަސް މާލެ' މަޝްރޫއުގެ ނަމުގައި ފުށިދިއްގަރު ފަޅު ހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ، ގިރާވަރުފަޅާއި ގުޅިފަޅުން އިތުރު 135 ހެކްޓަރު ހިއްކަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ރައީސް އެދުވަހު ވިދާޅުވީ، 85 ހެކްޓަރުގެ ބިން ގުޅިފަޅަށް އިތުރުވެގެން ދާނެކަމަށެވެ.

ގުޅުން ހުރި - ގުޅިފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން، ވިޔަފާރި ބަނދަރު ތަރައްގީކުރުމަށާއި މާލޭގެ ރައްޔިތުންނަށް ބިން ދިނުމަށް އެ ފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހު އެވެ. ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަގަކީ 130.4 މިލިއަން ޑޮލަރު (2.01 ބިލިއަން ރުފިޔާ) އެވެ.

ކުރީ ސަރުކާރުން ނިންމާފައިވަނީ މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލު ކުރުމަށެވެ. އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް އިންޑިއަން އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރިގެ ކްރެޑިޓް ލައިނެއް ދީފައިވާއިރު ބަނދަރު ނިންމަން ކަނޑައަޅާފައިވަނީ 2026 ވަނަ އަހަރަށެވެ.

ނަމަވެސް ސަރުކާރު ބަދަލުވި އިރު ވެސް އެ މަސައްކަތް އެއްވެސް ބަޔަކާ ހަވާލުކޮށްފައިވާކަމެއް އޭރުގެ ސަރުކާރުން އަދި އިންޑިއާ ސަރުކާރުން ވެސް ހާމައެއް ނުކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް