18 ސެޕްޓެމްބަރު 2023: ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ 'ރަސްމާލެ' ސިޓީގެ މަޝްރޫއު ފެށުން. (ފޮޓޯ/ރައީސް އޮފީސް)

ރަސްމާލެ ތަރައްގީ ކުރަނީ ސުނާމީ ކާރިސާއިން އިބުރަތް ލިބިގެން: ރައީސް

ރަސްމާލެ ތަރައްގީކުރަނީ ކަނޑުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރު އަދި މެދަށް 3 މީޓަރުގެ އުސްމިން ހުންނަ ގޮތަށް، 'ސޭފް އައިލެންޑް ކޮންސެޕްޓް'އަށް. އޭގެ ބޭނުމަކީ، ރައީސް ވިދާޅުވި ގޮތުގައި، މުދަލާއި ގެދޮރާއި ފުރާނަ ސަލާމަތް ކޮށްދިނުން
26 ޑިސެމްބަރު 2023

ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ރަސް މާލެ ތަރައްގީކުރަނީ ސުނާމީ ކާރިސާއިން އިބުރަތް ލިބިގެން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ތަފްސީލު - ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި ސުނާމީ ކާރިސާއަށް ފަހު ބައެއް ރަށްތައް އަލުން ބިނާކުރުމުގައި 'ސޭފް އައިލެންޑް ކޮންސެޕްޓް' ބޭނުންކުރަން ފެށި އެވެ.

ބުނީ ކީކޭ؟ - "އިހަށް ދުވަހު މި ސަރުކާރުން އަޅުގަނޑުމެން ފެށި ރަސްމާލެ މަޝްރޫއުއަކީ ވެސް 'ސޭފް އައިލެންޑް ކޮންސެޕްޓް'އަށް ފަރުމާކުރެވިފައިވާ މަޝްރޫއެއް. ކިތަންމެ ފެންވަރު މަތިކޮށް ނަމަވެސް، މި ގޮތަށް ސިޓީތައް ބިނާކުރުމުގެ އަސާސީ ބޭނުމަކީ، ރައްޔިތުންގެ މުދަލާއި ގެދޮރާއި ފުރާނަތައް ސަލާމަތް ކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.

"ރަށުގެ ފަސްގަނޑު ވަކި ވަރަކަށް އުސްކޮށް، އޮޔާއި ވައިގެ ދައުރުވުމަށް ބަލައި ބަނދަރުތަކާއި ތޮށިގަނޑުތައް ލެވެނީ އެހެންވެގެން. ސަލާމަތާއި ރައްކާތެރިކަމަށްޓަކާ."

ރައީސް މުހައްމަދު މުއިއްޒު، ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

 ސޭފް އައިލެންޑް ކޮންސެޕްޓަށް ތަރައްގީކުރި ނަމަވެސް، ރައީސް ވިދާޅުވި ގޮތުގައި، ހަގީގީ ސަލާމަތްތެރިކަން އޮތީ މުޅިން އެހެން ކަމެއް އަދި އެހެން ގޮތަކުންނެވެ. އަދި އެ ޖަލްސާ ފެށުމުގެ ގޮތުން ކިޔެވި ގުރުއާނުގެ އާޔަތްތަކުގެ މާނައަށް ރިއާޔަތް ކުރެއްވި އެވެ.

އެ އާޔަތްތަކުގެ މާނައިގައި ވަނީ އިސްލާމްދީނުގައި ހިފެހެއްޓުމަށާއި ﷲ ދެއްވި ނިއުމަތްތައް ހަނދާން ކުރުމަށެވެ.

އެނގުން މުހިންމު - ރަސްމާލެ ތަރައްގީ ކުރަނީ ފުށިދިއްގަރު ފަޅުން 1،153 ހެކްޓަރު ހިއްކައިގެންނެވެ. އެ ތަން ހިއްކަނީ ކަނޑުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރު އަދި މެދަށް 3 މީޓަރުގެ އުސްމިނަށެވެ.

ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ އޮންނާނެ ގޮތުގެ ކުރެހުމެއް. (ފޮޓޯ/ރައީސް އޮފީސް)

'އީކޯ މޯލްޑިވްސް ސިޓީ'ގެ ގޮތުގައި ރަސްމާލެ ބޭރު ގައުމުތަކަށް އިޝްތިހާރު ކުރާއިރު، އެ ތަނުގައި ހަކަތަ އުފެއްދުމާއި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ވެސް ނިންމާފައިވަނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް