ރައީސް މުހައްމަދު މުއިއްޒު، ކ. ފުށިދިއްގަރު ފަޅު ހިއްކާ މަޝްރޫއު އިފްތިތާހު ކޮށްދެއްވުމަށްފަހު އެ ފަޅު ހިއްކާ މަންޒަރު ބައްލަވާލައްވަނީ. މިއީ އެމަނިކުފާނުގެ އެންމެ އުންމީދީ އަދި މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)
ރަސް މާލެ: އެންމެ ބޮޑު، އެންމެންނަށް ފުރުސަތު އޮތް 'މާލެއެއް'
މި އައީ މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއުގެ ފެށުން ބަލައިލާފަ އެވެ. އެއީ މި އަތޮޅުގައި އޮންނަ ބޮޑު ފުށިދިއްގަރު ފަޅު ހިއްކަން ފުރަތަމަ ފަސްކޮޅު އެޅި ތަނެވެ. މި ދެވުނީ މާލެއިން އެހެން 'މާލެ'އަކަށެވެ. ރަސްމީ ނަމުން ނަމަ 'ރަސް މާލެ' އަށެވެ.
މާލޭ އިއްޒުއްދީން ފާލަމުން އެމްޓީސީސީގެ ލޯންޗަކަށް އަރައި ނައްޓާލިއިރު ގަޑިން ބަރާބަރު މެންދުރު ފަހު 3:16 އެވެ. ސިނަމާލެ ބުރިޖުގެ ދަށުން ގޮސް، މާލޭގެ އިރުމަތީ ފަރާތުން ވަށާލުމަށް ފަހު، ލޯންޗުގެ ސްޕީޑު ބާރުކޮށްލައި، ދެކުނަށް މިސްރާބު ޖެހި އެވެ. ވާދޫ ކަނޑުގެ ގަދަ އޮޔާއި ރާޅުތަކުގައި ލޯންޗު މަތިން ތިރިއަށް، ކަނާތުން ވައަތަށް، ފުންމަމުން، ޖަހަމުން، ތަޅުވަމުންނެވެ. ފުށިދިއްގަރު ފަޅު ހިއްކުމުގެ ރަސްމިއްޔާތު ބާއްވަން ފެއްސާއި ރަތާއި ހުދުގެ ފޮތި ދަމައި ޒީނަތްތެރިކޮށް، އެ ފަޅުގައި އަޅާފައި އޮތް ބާޖަށް ވާސިލުވެވުނީ އޭގެ 16-17 ވަރަކަށް މިނެޓު ފަހުންނެވެ.
ގަޑިއެއްގެ އިރު ފަހުން ބާޖުގެ ފަހަތުން ރައީސް މުހައްމަދު މުއިއްޒުގެ ފުލީޓު ވަޑައިގަންނަވާ މަންޒަރު ފެނުނެވެ. މަންޒަރަށް ވުރެ ކުރިން އިވުނީ ރައީސްގެ ލޯންޗުކޮޅުގެ ވަށައިގެން، ހައެއްކަ މަސް ދޯނީގައި ތިބި ސަޕޯޓަރުން ބެރު ޖަހާ އަޑެވެ.
ކެމެރާމަނުންގެ ލެންސްތަކާއި ސަރުކާރުގެ ވެރިންނާއި ނޫސްވެރިންގެ ކުރިމަތިން ރައީސް މުއިއްޒު، ރަތް ދޫލައެއްގެ މަތިން ބާޖަށް އަރާވަޑައިގެން ގައުމާ މުހާތަބުކުރައްވައި، ބޯހިޔާވަހިކަމުގެ މައްސަލައަށް، އެ މަނިކުފާނުގެ ވިސްނުންފުޅުގައި އޮތް ދާއިމީ ހައްލު އިއުލާން ކުރެއްވި އެވެ.
"މިއީ މިހާތަނަށް ހިއްކޭ އެންމެ ބޮޑުބިން، އެންމެ ރަސް، ބޮޑު ބިން. މިތަނަށް އަޅުގަނޑުމެން ކިޔާނީ ރަސް މާލެ،" ރައީސް އިއުލާން ކުރެއްވި އެވެ.
ރަސް މާލެ މަޝްރޫއު:
-
ކޮންޓްރެކްޓަރު - ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)
-
ދެ ފިޔަވައްސަކަށް ބަހާލައިގެން 1،153 ހެކްޓަރު ހިއްކާނެ؛ އެއީ ހުޅުމާލެއަށް ވުރެ ތިން ގުނަ ބޮޑު ސަރަހައްދެއް
-
ކަނޑުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރު އުސްމިނަށް ހިއްކާނެ (މެދަށް 3 މީޓަރު)
-
ނުހުއްޓި ކުރިއަށް ހިނގައްޖެ ނަމަ، އަށް މަސް ތެރޭގައި ހިއްކައި ނިމޭނެ
-
އެ ރަށާ ކައިރީގައި އޮންނަ ފަޅުގައި މަތިންދާބޯޓު ޖެއްސޭ ގޮތަށް އެއާސްޓްރިޕެއް އަޅާނެ؛ ބުރިޖަކުން އެ ތަން ރަސްމާލެއާ ގުޅުވާލާނެ
-
ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު
-
އެ ސަހަރު ދުނިޔެއަށް އިޝްތިހާރު ކުރާނީ މޯލްޑިވްސް އީކޯ ސިޓީގެ ގޮތުގައި
-
ރަސްމާލެއަށް ދާން ޒަމާނީ ހައިސްޕީޑު ފެރީ ނިޒާމެއް ގާއިމުކުރާނެ؛ އެއީ ރާޅާއި އޮއިގައި ނުޖެހި ދަތުރުކުރާ ޓެކްނޮލޮޖީ ހިމެނޭ ފެރީތަކަކަށް ވާާނެ
-
ރަސްމާލޭގައި ހަކަތަ އުފެއްދުމާއި ދަތުރުފަތުރުގެ ހިދުމަތް ދޭނީ ވެސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް
'މިއީ ދާއިމީ ހައްލެއް؛ އެންމެންނަށް ފުރުސަތު ދޭނަން'
"މިއަދު މިތަނުގައި މި ފެށޭ މަޝްރޫއަކީ މިއަދާ ހަމައަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއު،" ފުށިދިއްގަރު ފަޅު ހިއްކުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މިއީ މާލޭގެ ރައްޔިތުން އެދިއެދި ތިބި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނެސްދެއްވާނެ ކަމަށް ވެވަޑައިގަތް ވައުދުފުޅު ފުއްދަވަައިދެއްވުމުގެ ފެށުން އަދި އެކަމަށް އޮތް އެންމެ މުހިންމު މަޝްރޫއެވެ.
"ގިރާވަރު ފަޅާއި ގުޅީފަޅާއި ހުޅުމާލެ، މި ތަންތަނާ އެކީގައި މި ފުށިދިއްގަރުފަޅުގައި މި ހިއްކޭ ބިން ހިކިގެން ދިޔުމުން މާލޭގެ ރައްޔިތުންނަށް ޒަމާންތަކެއް ވަންދެން ހައްލުނުވެ އޮތް ގެދޮރުގެ މައްސަލައަށް ތާއަބަދަށް، އިރާދަކުރެއްވިއްޔާ ދާއިމަށް އެ މައްސަލަ ހައްލުވެގެންދާނެ، ހައްލުކޮށްދޭނަން މިތަނުން،" ރައީސް ވިދާޅުވި އެވެ.
"އަދި މާލޭގައި ދިރިއުޅޭ އެހްނެ ހުރިހާ ރައްޔިތުންނަށް ވެސް ހަމަ އެ ހައްލު މި ތަނުންނާއި ދެންމެ މި ދެންނެވި ބިންތަކުން އެކުއެކީގައި ހައްލުކޮށްދޭނަން، ހައްލުވެގެންދާނެ. އަދި ހަމައެހެންމެ ރާއްޖޭގެ އެހެން ރަށްރަށުން ވެސް މި ތަންތަނުން ގޯތިގެދޮރު ބޭނުންވާ ފަރާތްތަކަށް ހަމަ އެ ފުރުސަތު ލިބޭ ގޮތަށް ޕްލޭން ކުރެވިފައި ވަނީ. އެ ފުރުސަތު ވެސް ލިބިގެންދާނެ، ހައްލު ހޯދައިދޭނަން."
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ އުތުރާއި މެދާއި ދެކުނުގެ ހުރިހާ ސަރަހައްދުތަކުގައި ގެދޮރުވެރިކަމުގެ ފުރުސަތުތައް އާންމުންނަށް ހުޅުވާލަދޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި ގެދޮރުވެރިކަމުގެ މައްސަލަ "މި ފަސް އަހަރު ނިމިގެންދާއިރު އެއްކޮށް ހައްލުވެގެންދާނެކަން" ތަކުރާރުކޮށް ޔަގީންކޮށް އެރުވި އެވެ.
"ހުޅުމާލެ އާއި ރަސް މާލެ އާއި ގުޅީފަޅާއި ގިރާވަރު ފަޅު، މި ތަންތަން ވެގެންދާނީ ގެދޮރުގެ މައްސަލަ ހައްލުވެގެންދާ ތަންތަނަން. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ތަރައްގީ ކުރެވޭ ތަންތަނާ އެކީގައި ކޮންމެ ރައްޔިތަކަށް ތަފާތުކުރުމެއް ނެތި އެ ރައްޔިތަކު ބޭނުންވާ ދިމާލަކުން ބޭނުން ގޮތަކަށް ގެދޮރުގެ މައްސަލަ އަޅުގަނޑުމެން ވައުދުވި ގޮތަށް ފުއްދައިދޭނަން،" ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅަށް ފަހު އަތްޕުޅުން ބަޓަނަކަށް އޮއްބާލައްވައި، އެމަނިކުފާނުގެ ހުވަފެނީ އަދި މި ސަރުކާރާއި ރާއްޖޭގެ ތާރީހުގެ ވެސް ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫއު އިފްތިތާހުކޮށްދެއްވި އެވެ. އެއާ އެކު ތަންކޮޅެއް ދުރުގައި އޮތް ޑްރެޖަރުގެ ދިގު ޕައިޕުން ފުށިދިއްގަރު ފަޅަށް ވެލި އަޅައި، ބިޔަ އަދި އާ ސަހަރެއް އުފަންކުރުވުމުގެ ބޮޑު މަސައްކަތް ފެށި އެވެ.
ކޮމެންޓް (3)
އަލީ
އައްޒުވީ
އައްޒުވީ