މަމްދޫހު އާއި ކޭޕާކްގެ މައި ހިއްސާދާރު ޗައިނާގެ ޖިންއާ އެކު ހަފްލާއެއްގައި

މަމްދޫހުގެ މުދާތައް ހޯދަން ކުރި އިސްތިއުނާފު ހައި ކޯޓުން ބަލައިގެންފި

މި އިސްތިއުނާފް ބަލައިގަނެ ހައި ކޯޓުގައި ކުރިއަށް ގެންދަން ނިންމީ، އިސްތިއުނާފް ބަލައިނުގަންނަން ރަޖިސްޓްރާ ނިންމި ނިންމުން ފަނޑިޔާރުންގެ މަޖިލީހުން އަލުން މުރާޖާ ކުރުމަށް ފަހު

ހަންބޯ މޯލްޑިވްސް ކުންފުނި ބޭނުންކޮށްގެން އެ ކުންފުނީގެ ކުރީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)، ކޭ-ޕާކްގެ ފްލެޓްތައް މަކަރާއި ހީލަތުން ނުއަގުގައި ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ، މުދާތަކެއް ހިފެހެއްޓުމާ ގުޅިގެން އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފް ބަލައިނުގަންނަން ރަޖިސްޓްރާ ނިންމި ނިންމުން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބާތިލުކޮށް މައްސަލަ ބަލައިގެންފި އެވެ.

އެނގުން މުހިންމު - ކޭ-ޕާކްގެ ފްލެޓްތައް މަކަރާއި ހީލަތުން ނުއަގުގައި ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ މުދާތަކެއް ހިފެހެއްޓީ މިދިޔަ މަހުގެ 19ގަ އެވެ. އޭގެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ބުނި ގޮތުގައި އެ މުދާތަކުގެ އަގު 7 މިލިއަން ރުފިޔާއަށް އަރަ އެވެ.

ހުޅުމާލޭ ކޯޓުން އެ ދުވަހު ނެރުނު އަމުރެއްގެ ދަށުން މަމްދޫހު ދިރިއުޅޭ 'އެފްޑަބްލިއު ރެސިޑެންސް'ގެ އެޕާޓްމަންޓް ބަލައި ފާސްކޮށް، މުދާތަަކެއް ހިފަހައްޓާފައިވާ އިރު، އެ އެޕާޓްމަންޓް ވެސް އެއް އަހަރުގެ މުއްދަތަށް ވަނީ ހިފަހައްޓާފަ އެވެ. 

ވީ ކިހިނެއް؟ - މި އަމުރު މަމްދޫހުގެ ފަރާތުން މިދިޔަ މަހުގެ 24ގައި ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިމަހުގެ 4ގައި އެ ކޯޓުގެ ރަޖިސްޓްރާ ވަނީ، އެ އިސްތިއުނާފް ބަލައި ނުގަންނަން ނިންމައި  މައްސަލަ ބޭރުކޮށްލައިފަ އެވެ. އެ ނިންމުން މުރާޖާކޮށްދިނުމަށް އެދި މިމަހު 6ގައި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިިލީހަށް މަމްދޫހު ވަނީ ހުށަހަޅައިފަ އެވެ.

ތަފްސީލް - ރަޖިސްޓްރާގެ ނިންމުން މުރާޖާކޮށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިދިޔަ ބްރާސްފަތި ދުވަހު، ނިންމި ނިންމުމުގައި، އިސްތިއުނާފް ބަލައިނުގަންނަން އެ ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުން ބާތިލުކުރަން ވަނީ ނިންމައިފަ އެވެ.

މިގޮތަށް ނިންމާފައިވަނީ އެ މައްސަލަ މުރާޖާކުރެއްވި ތިން ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނޭ މުހައްމަދު ސަލީމްގެ ރައުޔުއަށް ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲގެ ތާއީދުކުރެއްވުމުން ނެވެ. ރަޖިސްޓްރާގެ ނިންމުމަށް ބަދަލުގެންނަން ޖެހޭ ސަބަބެއް ކަމަށް ފަނޑިޔާރު ސަލީމުގެ ރައުޔުގައި ފާހަގަކޮށްފައިވަނީ، އިސްތިއުނާފް ބަލައިގަތުމަށް ގާނޫނީ ބަހުސެއް އޮތް ކަމަށް ބެލެވޭތީ ކަމަށެވެ.

މި ރައުޔުއާ ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔުގައި ވިދާޅުވީ، އިސްތިއުނާފް ބަލައިނުގަންނަން ރަޖިސްޓްރާ ނިންމި ނިންމުމަށް ބަދަލުގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ކޭޕާކް މަންޑޭގެ އެޕާންޓްމެންޓުން ފެނުނު ތަކެތި

ފާހަގަކޮށްލެވޭ ކަމެއް - މީގެ ކުރިން އެ މައްސަލަ ބަލައިނުގަތް ސަބަބަަކަށް އެ ކޯޓުގެ ރަޖިސްޓްރާ ފާހަގަކުރައްވާފައި ވަނީ:

  • މަމްދޫހުގެ ފަރާތުން ހުށަހަޅާފައިވާ ފުރަތަމަ އިސްތިއުނާފީ ނުކުތާގައި އެ އަމުރު ގޯސްވާ ސަބަބު އެއްވެސް ގާނޫނަކާ ނުވަތަ ގާނޫނީ އުސޫލަކާ ހަވާލާދީފައި ނުވާ ކަމަށް

  • އެ އަމުރަކީ އުސޫލާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް މަމްދޫހު ބުނާ ނަމަވެސް، އެ އަމަރަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ނެރެފައިވާ އަމުރެއް ކަމަށް ވާއިރު، އެ މާއްދާގެ ދަށުން ނެރޭ އަމުރަކަށް އިސްތިއުނާފްގައި ބުނާ އުސޫލު ތަތުބީގުކުރެވޭނެ ގޮތެއް ބުނެދީފައި ނުވާ ކަމަށް

ޓެރަރިޒަަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 51 ވަނަ މާއްދާ އަކީ، ވަގުތީ ފިޔަވަޅު އެޅުމާއި ފައިސާ ނުވަތަ މުދަލުން މުއާމަލާތުކުރުން ހުއްޓުވުމާއި ހިފެހެެއްޓުމުގައި އަމަލުކުރާނެ ގޮތެވެ. އެގޮތުން، އެ މާއްދާގައި ބުނަނީ: 

  • އެ ގާނޫނުގެ ދަށުން ދައުލަތަށް ނެގިދާނެ ފައިސާ ނުވަތަ މުދަލާ މެދު ވަގުތީ ފިޔަވަޅުތައް އެޅުމުގެ ބާރު، ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިގެންވޭ 

  • އެ ވަގުތީ ފިޔަވަޅުތަކުގެ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން އެ ފައިސާއެއް ނުވަތަ މުދާ ވަކި މުއްދަތަކަށް ހިފެހެއްޓުމާއި އެ ފައިސާ ނުވަތަ މުދަލުން މުއާމަލާތްކުރުން ހުއްޓުވުން ހިމެނޭ

ކޭޕާކް މަންޑޭގެ އެޕާންޓްމެންޓުން ފެނުނު ތަކެތި

ގުޅުންހުރި ކަމެއް - މަމްދޫހުގެ މުދާތަކުގެ ތެރެއިން ހިފެހެއްޓި ތަކެތީގެ ތެރޭގައި އޭނާ އާއި އޭނާގެ އަންހެނުން ދިރިއުޅެމުންދާ ގާތްގަނޑަކަށް 8 މިލިއަން ރުފިޔާގެ އަގުހުރި ޕެންޓްހައުސް ވެސް ހިމެނެ އެވެ.

ތަހުގީގުގައި އެ ތަނުން ހޯދި ތަކެތީގެ ތެރޭގައި:

  • 200 ސެންޓު ފުޅި

  • 40،000 - 50،000ރ.ގެ އަގުހުރި އަތްދަބަސްތަކެއް 

  • 10،000 - 25،000 ޑޮލަރުގެ އަގުބޮޑު ގަހަނާތަކެއް

އެންމެ ފަހުން ޕީީޖީ ހުސެއިން ޝަމީމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މަމްދޫހު އިސްކޮށް ހުރެ، ކޭޕާކުގެ 41 އެޕާޓްމަންޓް 107 މީހުންނަށް ވިއްކާފައިވާ ކަމަށާއި އެ އަދަދުތަކަށް ބަލާއިރު އެއް އެޕާޓްމަންޓް އެތައް ބަޔަކަށް ވިއްކައި ފައިސާ ނަގާފައިވާ ކަމަށެވެ.

މި މައްސަލާގައި އޭނާގެ މައްޗަށް 200 އަށް ވުރެ ގިނަ ދައުވާ ކޮށްފައިވާއިރު، މަމްދޫހުގެ މައްޗަށް އެކަނިވެސް 100އަށް ވުރެ ގިނަ ދައުވާ ކުރަން މިމަހުގެ 13ގައި ކްރިމިނަލް ކޯޓަށް ޕީޖީ އޮފީޙުން ވަނީ ހުށަހަޅާފަ އެވެ. 

ކޮމެންޓް (1)

ރަގީއުއްދީންގެ އަންހެނުންގެ މައިފައިތަ

26 ޑިސެމްބަރު 2023
މަންޑޭގެ އަންހެނުންނައް ދަރިޔައް ލަގުޒަރީ ބުރޭންޑުގެ އައްދަބަހާ ގަހަނާފެނުނީ އަލަކައްނޫން އެމަންޖެ މަންޑޭއާ އިނުމުގެ ކުރިންވެސް ބޭނުންކުރީ ތިޔަލަގުޒަރީ ބުރޭންޑުތައް މަންޑޭ ހިންގާ ޖަރީމާއަކާ އަންހެނުންނާ ދަރިން ނުގުޅުވާ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް