ކޭމްގެ މެންޑޭޓް ހަވާލުކޮށްފައިވާ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް (ކ) ކެބިނެޓް ބައްދަލުވުމެއްގައި: ރެއިން ފެށިގެން ބްލޮކް ކުރި، ސަރުކާރާ އިދިކޮޅު ތިން ސައިޓުގެ ތެރެއިން އެއް ސައިޓަށް ވަދެވޭ ގޮތް މިހާރު ވަނީ ހާދާފައި (ފައިލް ފޮޓޯ/ރައީސް އޮފީސް)

ފާޑުކިޔުންތަކާ އެކު، 'ފުރަތަމަ' ނޫހަށް ވަދެވޭ ގޮތް ހަދައިފި

ސަރުކާރުން ބުނެފައިވާ ގޮތުން އެ ސައިޓް ބްލޮކެއް ނުކުރޭ؛ ނަމަވެސް އެމްޖޭއޭ އިން ވަނީ އެކަން ދޮގުކޮށްފައި

ސަރުކާރާ ދެކޮޅު ހަބަރުތައް ޝާއިއު ކުރަމުން ދަނިކޮށް 'ފުރަތަމަ' ނޫސް ބްލޮކްކޮށްލުމުން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެ ސައިޓަށް ވަދެވޭ ގޮތް ހަދައިފި އެވެ.

ވީ ކިހިނެއް؟ - ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ދަށުން ހިންގާ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ރެއިން ފެށިގެން ބްލޮކް ކުރި ވެބްސައިޓުތަކުގެ ތެރޭގައި، ރަޖިސްޓްރީކޮށްގެން ހިންގަމުން އައި ފުރަތަމަ.ކޮމް ވެސް ހިމެނެ އެވެ.

އެ ސައިޓާއި ރަޖިސްޓްރީނުކޮށް ހިންގަމުން އައި ދެ ސައިޓެއް ބްލޮކްކޮށްލުމާ އެކު އާންމުންނާއި ސިޔާސީ ޕާޓީތައް އަދި ޖަމިއްޔާތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރި އެވެ. އެއާ ގުޅިގެން ސަރުކާރުން ބުނީ ރަޖިސްޓްރީކޮށްގެން ހިންގަމުން އައި އެއްވެސް ސައިޓަކާ މެދު ފިޔަވަޅެއް އަޅާފައިނުވާނެ ކަމަށެވެ. ނަމަވެސް ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން އެކަން ދޮގު ކުރެ އެވެ.

ތަފްސީލު - ގާތްގަނޑަކަށް 24 ގަޑިއިރަށް ފަހު މިހާރު ފުރަތަމަ.ކޮމް އަށް ވަދެވެ އެވެ. އެ ސައިޓް މިހާރު އަންބްލޮކް ކޮށްފައިވާކަން އެ ނޫހުގެ މަސްއޫލުވެރިޔާ އަހްމަދު އާތިފް 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.

ފާހަގަކޮށްލެވޭ - އެ ސައިޓުގެ އިތުރުން ދެން ބޮލޮކްކޮށްލާފައި ވަނީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ. އެ ދެ ސައިޓަކަށް އަދިވެސް ނުވަދެވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް