ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ފަހު، ޝަހީބު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޭނާގެ ވާހަކަތައް އެމްޖޭއޭ އިން ވަނީ ދޮގުކޮށްފައި (ފައިލް ފޮޓޯ/ރައީސް އޮފީސް)

އެމްޖޭއޭ

ސައިޓުތައް ބްލޮކްކުރުން: އެމްޖޭއޭ އިން ޝަހީބްގެ ވާހަކަ ދޮގުކޮށްފި

އެ ޖަމްއިއްޔާ އިން ބުނިގޮތުގައި ފުރަތަމަ.ކޮމް ބްލޮކް ކޮށްލާފައި ވަނީ ސީދާ ރާއްޖޭގެ ސާވިސް ޕްރޮވައިޑާ ކަމަށް ބޭރުގެ އެކްސްޕާޓުން ވަނީ މައުލޫމާތު ދީފައި

ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކާ މެދު ސަރުކާރުން ފިޔަވަޅެއް އަޅާފައިނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވުމުން ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން މިރޭ އެކަން ދޮގުކޮށްފި އެވެ.

ވީ ކިހިނެއް؟  - ސަރުކާރާ ދެކޮޅު ހަބަރުތައް ގެނެސްދެމުން ދަނިކޮށް، ބްލޮކް ކުރި ތިން ވެބްސައިޓު ތެރޭގައި 'ފުރަތަމަ' ނޫސް ހިމެނޭ ކަމަށް އެ ނޫހާއި އެމްޖޭއޭ އިން ބުނެފައިވަނިކޮށް، ޝަހީބް ވަނީ އެވާހަކަ ދޮގު ކުރައްވާފަ އެވެ.

ބުނީ ކީކޭ؟ - ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅެއް ނާޅައި. ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން. އެމް.ޖޭ.އޭ އިން ބަޔާނެއް ނެރުމުގެ ކުރިން، ބަލަންވާ ވަރަށް ކަންކަން ބަލައި ދިރާސާކޮށްފައި ނެތްކަން ހިތާމައާއެކު ފާހަގަކުރަން،" މިހާރުގެ ގާނޫނުއަސާސީއަށް އަމަލުކުރަން ފަހުން މީޑީއާއަށް އެންމެ ބޮޑަށް ފިއްތުންތައް ކުރިމަތި ކުރުވައި ބޮޑެތި ޖޫރިމަނާތައް ކުރިއިރު ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްއަކަށް ހުންނެވި ޝަހީބް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ތަފްސީލު - ނަމަވެސް އެމްޖޭއޭ އިން އެކްސްގައި ބުނިގޮތުގައި:

  • ފުރަތަމަ.ކޮމް ބްލޮކް ކުރި ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގު ކުރި ނަމަވެސް އެމްޖޭއޭ އިން ބަޔާން ނެރުމުގެ ކުރިން، އެ ޖަމްއިއްޔާ އެފިލިއޭޓްވެފައިވާ ބޭރުގެ ސައިބާ ސެކިއުރިޓީ އެކްސްޕާޓުންގެ އެހީތެރިކަން ހޯދައި، އެ ބަޔާން ނެރެފައި ވަނީ ލިބެން ހުރި ހެކިތަކުގެ މައްޗަށް ލަފާ ހޯދައިގެން 

  • އެކްސްޕާޓުން އެ ޖަމްއިއްޔާއަށް މައުލޫމާތު ދިނީ، ފުރަތަމަ.ކޮމް ބްލޮކް ކޮށްފައި ވަނީ ސީދާ ރާއްޖޭގެ ސާވިސް ޕްރޮވައިޑާ ކަމަށާއި ފެންނަން ހުރި ހެކިތަކަށް ބަލާއިރު އެއީ ސައިޓުގެ ވެރިފަރާތުން ކުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށް

"އަދި ސައިޓުގެ ވެރިފަރާތުން ވެސް އެގޮތަށް މި ޖަމްއިއްޔާއަށް ޝަކުވާ ހުށަހަޅާފައިވޭ،" ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނެއް ނެރުމުގެ ކުރިން އެކަމާ މެދު ފުޅާ ދާއިރާއެއްގައި، ހިންގާ ކޮމިޓީގެ މެންބަރުންގެ މެދުގައި ބަހުސްކޮށް، ގުޅިފައިވާ ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމްއިއްޔާތަކާ މަޝްވަރާކޮށް ހިޔާލު އަބަދުވެސް ހޯދާކަން ވެސް އެމްޖޭއޭ އިން ފާހަގަކޮށްފައިވެ އެވެ.

"މި ޖަމްއިއްޔާއިން ކަންކަން އަބަދުވެސް ކުރާނީ ޒިންމާދާރުކަމާ އެކު ނޫސްވެރިކަމުގެ ހައްގު ހިފަހައްޓައި ނެގެހެއްޓޭނޭ ގޮތެއްގެ މަތިން ކަމުގައި ދަންނަވަން. އަދި އެ މަސްއޫލިއްޔަތު އަދާކުރުމުގައި މި ޖަމްއިއްޔާއިން ފަހަތަށް ނުޖެހި ދެމިތިބޭނޭ ކަމުގެ ޔަގީންކަން ހުރިހާ ނޫސްވެރިންނަށް އަރުވަން،" އެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

އެނގުން މުހިއްމު - 'ފުރަތަމަ' ނޫސް ބްލޮކް ކުރި ކަމަށް، އެ ނޫހުގެ މަސްއޫލުވެރިޔާ އަހްމަދު އާތިފް މިއަދު ހެނދުނު 'ދައުރު' އަށް ވިދާޅުވި އެވެ.

"އިއްޔެ އިރުއޮއްސުނުއިރު، ސަރުކާރާ ތަންކޮޅެއް ދެކޮޅު ހަބަރެއް ޝާއިއު ކުރި. އޭގެ ފަހުން މިހެން މިވީ. މިހާރު ނުއެއް ވަދެވޭ. އެކަމަކު ތަންކޮޅެއް ވަރުގަދަ އިންޓަނެޓް ނެޓްވޯކްތަކުންނާއި ރާއްޖެއިން ބޭރުން ހަމަ ރަނގަޅަށް ވަދެވޭ. ހަމަ މި ސައިޓް ވެސް ބްލޮކްކޮށްފައި އެ ވަނީ،" އޭނާ ވިދާޅުވި އެވެ.

އެ ވެބްސައިޓް ބްލޮކް ކުރުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބްއާ އޭރު ސުވާލު ކުރުމުން ވިދާޅުވީ، "ފަހަރުގައި އެއީ އެ މީހުންގެ އަމިއްލަ ޓެކްނިކަލް މައްސަލައަކަށް ވެދާނެ" ކަމަށެވެ.

ގުޅުންހުރި - ހަބަރު ފަތުރާ ސައިޓްތައް ބްލޮކް ކުރަން ފެށުމާ އެކު، ޕާޓީތަކުން ވެސް އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 'ފުރަތަމަ' ނޫސްގެ އިތުރުން ދެން ބްލޮކްކޮށްލާފައިވަނީ، ސަރުކާރާ ދެކޮޅަށް އެންމެ ގަދައަށް ލިޔުންތައް ޝާއިއު ކުރަމުން ދިޔަ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ. އެއީ ރަޖިސްޓްރީކޮށްގެން ހިންގާ ދެ ވެބްސައިޓެއް ނޫނެެވެ.

މީޑީއާތަކުގެ ބެލެނިވެރި ފަރާތް، މޯލްޑްވިސް މީޑިއާ ކައުންސިލުން މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އެކްސްގައި ޝާއިއު ކުރި ޕޯސްޓެއްގައި ފާހަގަކުރި ގޮތުގައި، ރަޖިސްޓްރީނުކޮށް ހިންގާ ނޫސް މަޖައްލާތަކާއި ވެބްސައިޓްތަކަކީ ވެސް 'މީޑިއާ' ކަމަށް މީޑިއާ ކައުންސިލް ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.

"ބްލޮކްކޮށްފައިވާ ދެ ވެބްސައިޓުގެ ކޮންޓެންޓާ ގުޅޭ އެއްވެސް މައްސަލައެއް މި ކައުންސިލަށް ހުށަހަޅާފައި ނުވާއިރު، އުސޫލެއް ނެތި ބްލޮކް ކުރުމަކީ ކަންބޮޑުވާ ކަމެއް،" އެމްއެމްސީގެ އެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

"މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ހުރަހެއް އަދި ނުރަކަލެއް."

ކޮމެންޓް (2)

ޝަހީބާ

24 ޑިސެމްބަރު 2023
މި ފަސްއަހަރު ވެންމަސް ވެނަށް ކާންދޭނީ ރަނާއި ރިހީގެ ފޭކު ކުދިންނަށް
0 0

ސަހިރު

23 ޑިސެމްބަރު 2023
ޝަހީބު މިއީ ހާދަ ދޮގު ހަދާ މީހެކޭ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް