އެމްއެމްސީން މިދިޔަ މަހު ބޭއްވި އެވޯޑް ހަފްލާގައި އެ ކައުންސިލްގެ ރައީސް މުސްތަފާ (ވ2)، ސަރުކާރު ވެރިންނާ އެކު: ސައިޓުތަކެއް ބްލޮކް ކުރި މައްސަލައިގައި އެ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި (ފައިލް ފޮޓޯ/އެމްއެމްސީ)

އުސޫލެއް ނެތި ސައިޓުތައް ބްލޮކްކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކަލެއް: އެމްއެމްސީ

މި ސަރުކާރުން މެނުވީ ރާއްޖޭގައި ފަހުގެ ތާރީހެއްގައި މިފަދަ ގޮތަކަށް ވެބްސައިޓުތަކެއް ބްލޮކްކޮށްފައެއް ނުވޭ

ސަރުކާރާ ދެކޮޅު ލިޔުންތައް ޝާއިއުކުރަމުން ދަނިކޮށް ރެއިން ފެށިގެން ދެ ވެބްސައިޓެއް ބްލޮކް ކުރުމާ ގުޅިގެން، މީޑިއާ ރެގިލޭޓް ކުރާ މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ)ން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ ނިންމުންތަކަށް ފާޑުކިޔައި އަދި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް ލިޔުންތައް ޝާއިއު ކުރަމުން ދިޔަ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް ބްލޮކް ކުރުމުން އާންމުންނާއި ސިޔާސީ ޕާޓީތައް އަދި ޖަމިއްޔާތަކުން އަންނަނީ އެކަމާ ދެކޮޅުހަދަމުންނެވެ.

އެނގުން މުހިއްމު - އެ ދެ ވެބްސައިޓަކީ ރަޖިސްޓްރީކޮށްގެން ހިންގާ ދެ ނޫހެއް ނޫނެެވެ. ފާޑުކިޔުން އަމާޒުވުމާ އެކު ސަރުކާރުން ބުނެފައިވަނީ، ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ބްލޮކް ނުކުރާނެ ކަމަށެވެ. ނަމަވެސް، މި ސަރުކާރުން މެނުވީ ރާއްޖޭގައި ފަހުގެ ތާރީހެއްގައި މިފަދަ ގޮތަކަށް ވެބްސައިޓުތަކެއް ބްލޮކްކޮށްފައެއް ނުވެ އެވެ.

އަދި ރަޖިސްޓްރީކޮށްގެން ހިންގަމުން އައި 'ފުރަތަމަ' ނޫސް ވެސް ބްލޮކްކޮށްލާފައިވާ ކަމަށް އެ ނޫހުން ވަނީ ބުނެފަ އެވެ.

ތަފްސީލް - އެމްްއެމްސީން ކަންބޮޑުވުން ފާޅުކޮށް، އެކްސްގައި ޝާއިއު ކުރި ޕޯސްޓެއްގައި ފާހަގަކުރި ގޮތުގައި، ރަޖިސްޓްރީނުކޮށް ހިންގާ ނޫސް މަޖައްލާތަކާއި ވެބްސައިޓްތަކަކީ ވެސް 'މީޑިއާ' ކަމަށް މީޑިއާ ކައުންސިލް ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.

"ބްލޮކްކޮށްފައިވާ ދެ ވެބްސައިޓުގެ ކޮންޓެންޓާ ގުޅޭ އެއްވެސް މައްސަލައެއް މި ކައުންސިލަށް ހުށަހަޅާފައި ނުވާއިރު، އުސޫލެއް ނެތި ބްލޮކް ކުރުމަކީ ކަންބޮޑުވާ ކަމެއް،" އެމްއެމްސީގެ އެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

"މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ހުރަހެއް އަދި ނުރަކަލެއް."

ގުޅުންހުރި - ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އަދި މޯލްޑިވްސް އެޑިޓާސް ގިލްޑުން ވެސް ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާންތައް ނެރެފަ އެވެ. އެއްވެސް އުސޫލެއް ނެތި އަދި އެމްއެމްސީގެ ދައުރެއް ނެތި ސަރުކާރުން ނިންމި ނިންމުން އެ ތިން ޖަމިއްޔާ އިން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް