ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގެ ތެރެއިން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް: ޕާޓީ އުވާލުމާ ގުޅޭ ގޮތުން ކުރިން އެޕާޓީން ދޮގުކޮށްފައިވާ ވާހަކަ މިއަދު ގާސިމް ތެދު ކުރި (ފައިލް ފޮޓޯ)
ޖޭޕީ އުވާލަން ވާހަކަ ދެއްކި؛ ކައުންސިލުން އެއްބަހެއް ނުވި: ގާސިމް
ޖުމްހޫރީ ޕާޓީ (ޖޭޕީ) އުވާލުމުގެ މަޝްވަރާތަކެއް ޕާޓީގެ ކައުންސިލްގައި ކުރިއަށް ދިޔަ ކަމަށާއި ނަމަވެސް ކައުންސިލްގެ މެންބަރުން އެ ކަމަށް އެއްބަސް ނުވީ ކަމަށް އެ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ގާސިމް އިސްވެ އުފެއްދެވި އަދި މިހާރު ވެސް ލީޑަރުކަން ކުރައްވާ ޖޭޕީއަށް މިދިޔަ ރިޔާސީ އިންތިހާބުގައި ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު، ޕާޓީ އުވާލުމުގެ މަޝްވަރާތަކެއް ކުރަމުންދާ ކަމަށް އަޑު ފެތުރުނެވެ. ނަމަވެސް، އޭރު އެޕާޓީން އެކަން ދޮގު ކުރި އެވެ.
މިއަދު ރައީސް އޮފީހުގައި، ރައީސް މުހައްމަދު މުއިއްޒާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، އެ އޮފީހުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން، ޕާޓީ އުވާލުމާ ގުޅޭ ގޮތުން 'ދައުރު'ން ސުވާލު ކުރުމުން ގާސިމް ވަނީ އެކަމާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވާފަ އެވެ.
ބުނީ ކީކޭ؟ - "އެހެން ވާހަކަ ދައްކާނެ ކިތަންމެ ވާހަކައެއް. އަޅުގަނޑު ކުރާ ކަމެއް ނޫން އެއީ. ޕާޓީ އުވާލުމުގެ ކަންތައް ކުރާނީ ޕާޓީގެ މެންބަރުން، ކައުންސިލުން. އެއީ، އަޅުގަނޑު އެކަނި ކުރާ ކަމެއް ނޫން،" ޕާޓީ އުވާލުމުގެ މަޝްވަރާތަކެއް ދިޔަތޯ ސުވާލު ކުރުމުން ގާސިމް ވިދާޅުވި އެވެ.
މިކަމުގައި ގާސިމްގެ ވިސްނުމަކީ ކޮބައިތޯ އެހުމުން ގާސިމް ވިދާޅުވީ، "އަޅުގަނޑުގެ ވިސްނުން ހުރުމާއި ނެތުމުގެ ވާހަކައެއް ނޫނޭ، [އެއީ] ޕާޓީގެ ކައުންސިލުން" ނިންމަން ޖެހޭ ކަމެއް ކަމަށެވެ.
"އެ މައްސަލާގައި [ޕާޓީ އުވާލުމާ ގުޅޭ ގޮތުން] ވާހަކަ ދެއްކެވި ކައުންސިލުން. ދެއްކީމަ، ކައުންސިލްގެ އެއްވެސް ބޭފުޅަކަށް ނުފެނުނު އެކަން ކުރާކަށް. ދެން އެކަން އެ ނިމުނީ،" ގާސިމް ވިދާޅުވި އެވެ.