އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

ޝިފާއުއާ ދެކޮޅަށް އިހަވަންދޫ ކައުންސިލުން ބަޔާނެއް؛ ގޮވާލީ ރައީސް ވަކިކުރުމުގެ ކަންތައް ހުޓާލުމަށް

ކައުންސިލުން އިލްތިމާސް ކުރީ ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތް ކުރުމަށް

މަޖިލީހުގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒު މަގާމުން ވަކިކުރަން ޖެހޭ ކަމަށް ވަކާލާތު ކުރައްވަމުން ގެންދަވާ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއުއާ ދެކޮޅަށް އޭނާ ނިސްބަތްވެވަޑައިގަންނަވާ އެ ދާއިރާގެ މައި ރަށް، ހއ. އިހަވަންދޫ ކައުންސިލުން ބަޔާނެއް ނެރެ އެކަން ހުއްޓާލަން އެ މެންބަރަށް ގޮވާލައިފި އެވެ.

މައްސަލައިގެ ފެށުން - އެމްޑީޕީގެ މެންބަރުންގެ ވޯޓުން އެކަނިވެސް ރައީސް އާއި ނައިބު ރައީސް ވަކިކުރެވޭ ގޮތަށް ހެދުމަށް މަޖިލިސް ގަވައިދަށް ޝިފާއު ހުށަހެޅުއްވި އިސްލާހު، އިއްޔެގެ މަޖިލިސް ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ. އެގޮތުން:

  • އެ އިސްލާހާއެކު، މިހާރުގެ މަޖިލިސް ޖުމްލަ މެންބަރުން ގުނާ އަދަދު 80އަށް ބަދަލު ކުރުމުން، ރައީސް އާއި ނައިބު ރައީސް 54 ވޯޓުން މަގާމުން ވަކިކުރެވޭނެ؛ އެމްޑީޕީގެ މެންބަރުންގެ އަދަަދަކީ، 55 މެންބަރުން

  • އިއްޔެ މަޖިލިސް ޖަލްސާގައި ޝިފާއު ވަނީ، އެ އިސާލާހު ހުށަހެޅުއްވިއިރު ރައީސް މަގާމުން ވަކިކުރުމުގެ ވިސްނުމެއް ނެތް ނަމަވެސް، މިހާރު އެވިސްނުން ގެންގުޅޭ ކަމަށް ހާމަކުރައްވާފައި 

  • އެ މައްސަލަ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅުއްވާނެ ކަމަށްވެސް ޝިފާއު ވިދާޅުވި

ވީ ކިހިނެއް؟ - ޝިފާއުގެ އެ އަމަލުތަކާ ގުޅިގެން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނުގައި، ހަތް ކައުންސިލަރުންގެ މައްޗަށް އެކުލެވޭ އެ ކައުންސިލްގެ ޕީޕީއެމްގެ ހަ ކައުންސިލަރުން ސޮއިކޮށްފައިވެ އެވެ. އެ ބަޔާނުގައި ސޮއި ނުކުރައް ވަނީ، އެ ކައުންސިލްގައި ހިމެނޭ އެމްޑީޕީގެ ހަމައެކަނި މެންބަރެވެ.

ތަފްސީލު - އެ ބަޔާނުގައި ބުނެފައިވާ ގޮތުން، ރައީސް މަގާމުން ވަކިކުރުމުގެ މަސައްކަތް ސިފަކޮށްފައި ވަނީ، ނިމުނު ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ރައްޔިތުން ނިންމި ނިންމުމާ ދެކޮޅަށް، އެ ނިންމުމަށް ގޮންޖައްސަވައި ކުރައްވަމުން ގެންދާ ކަމެއްގެ ގޮތުގަ އެވެ. އަދި އެއީ މަޖިލިސް ގަވައިދު ބަދަލުކޮށް، ޑިމޮކްރެޓިކް ނިޒާމާ ދެކޮޅު 'ނާތަހުޒީބީ ހުތުރު' ކަމެއް އަމަލެއް ކަމަށް ވެސް ސިފަކޮށްފައިވެ އެވެ.

"މިފަދަ އަމަލުތައް ކޮށްނުހެދުމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް، އަދަބުވެރިކަމާ އެކު، ގޮވާލައި އިލްތިމާސް ކުރަމެވެ،"  މަޖިލީހުން ގަވައިދަށް އިސްލާހު ގެނައި ފަހުން، ކައުންސިލްގެ ޕޭސްބުކް ޕޭޖްގައި ކުރި ޕޯސްޓުގައިވާ ބަޔާނުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު. (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)

ރައީސް އާއި ނައިބު ރައީސް ވަކިކުރުމަކީ، ރާއްޖޭގެ ހަމަޖެހުން ނަގާލައި ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓާލުން ކަމަށް ވެސް އެ ކައުންސިލްގެ ޕީޕީއެމް ހަ މެންބަރުން ދެކެ އެވެ. އަދި މިއީ، ގައުމުގެ މިނިވަންކަމަށް 'ކަޅު ހިޔަނި އެޅި، ލޭއެހޮރުވުމަކަށް މަގުފަހިވެގެން ހިނގައިދާނެ' ކަމެއްގެ ގޮތުގައި އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"އަދި ގައުމުގެ މިނިވަންކަން ގެއްލިގެން ދިޔުމަކީ ވެސް އެކަށީގެންވާ ކަމެއްކަމަށް ވެސް ފެންނާތީ، މިފަދަ އަމަލުތައް ހުއްޓުވުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ،" ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި މެންބަރު ޝިފާއުގެ ނަން ގެނެސް ބުނެފައި ވަނީ އޭނާ ކުރައްވަމުން ގެންދަވާ އަމަލުތައް، ހަރުކަށި އިބާރާތުން ކައުންސިލުން ކުށްވެރި ކުރާ ކަމަށެވެ.

"އަދި އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ޝިފާއު ރައްޔިތުންގެ ވިންދާއި ޝުއޫރާއި ދެކޮޅަށް އިސްވެ ނުކުންނަވައި، ކުރައްވަމުން ގެންދަވާ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ވެސް ހަރުގަޑުން ގޮވާލައި، އިލްތިމާސް ކުރެމެވެ." ބަޔާން ނިންމާލަމުން ލިޔެފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޝިފާއުއާ ދެކޮޅަށް އޭނާ ނިސްބަތްވާ އިހަވަންދޫ ރަށު ކައުންސިލުން ބަޔާން ނެރުނު އިރު، އިއްޔެ  ޝޯޝަލް މީޑީއާގައި މީހަކު ވަނީ އޭނާއަށް މަރުގެ އިންޒާރު ދީފަ އެވެ. އެކަން އެމްޑީޕީ އާއި މަޖިލީހުން ވަނީ ކުއްވެރިކޮށްފަ އެވެ. އަދި މަޖިލީހުން މިއަދު ވަނީ އެ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް