ރައީސް މުއިއްޒު، ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު، ގައުމާ މުހާތަބުކޮށް ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

އެމްޑީޕީ

ރައީސް ވަކިކުރަން އެމްޑީޕީގެ ޕީޖީއަށް ހުށަހަޅަނީ

އެ މައްސަލަ ޕީޖީއަށް ހުށަހަޅާނެ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އިއުލާން ކުރެއްވި

ރައީސް މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުމަށް އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް އެކަން ހުށަހެޅުމަށް ތައްޔާރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ފަރާތުން އެކަމުން އިއުލާން ކުރެއްވީ އެ ޕާޓީގެ މެންބަރުންގެ ވޯޓުން އެކަނި ވެސް ރައީސް މަގާމުން ވަކިކުރުވޭ ގޮތަށް މަޖިލިސް ގަވައިދަށް އިސްލާހު ހުށަހެއްޅުއްވި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.

ޝިފާއު އެ ގޮތަށް އިއުލާން ކުރެއްވީ އެ އިސްލާހުތައް ފާސްކުރި އާންމު ކޮމިޓީގެ ރިޕޯޓަށް މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - "އިއްޒަތްތެރި ރައީސް، މި އިސްލާހާ ގުޅިގެން ވެސް އަދި ރައްޔިތުން މިއަދު އެ ފާޅު ކުރަމުންދާ ހިޔާލުތަކާ އެކު އަޅުގަނޑަށް ޔަގީންވެ ކަށަވަރުވާ ކަމަކީ މިއަދު މި ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ އެންމެ މުހިންމު، އެންމެ އިސްކަމެއް ދޭންވީ މަސައްކަތަކީ މިއަދުގެ ރައީސުލްޖުުމްހޫރިއްޔާ އަޒުލުކުރުމުގެ މަސައްކަތްކަން ކަން،" ޝިފާއު ވިދާޅުވި އެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޕާލިމަންޓްރީ ގްރޫޕަށް އެ މައްސަލަ ހުށަހަޅާނަން."

ތަފްސީލު - ރިޕޯޓަށް ބަހުސް ފައްޓަވަމުން ޝިފާއު ފުރަތަމަ ވިދާޅުވީ 'މަޖިލިސް ނުހުއްޓި ކުރިއަށް ގެންދިޔުމަށް' އޭނާ ހުށަހެޅުއްވި އިސްލަކީ ކޮންމެހެން ބޭނުންތެރި އިސްލާހުތަކެއް ކަމަށެވެ. އަދި އެ އިސްލާހު ހުށަހެޅުއްވި އިރު، ރައީސް މުއިއްޒު މަގާމުން ވަކިރުމަށް މަގުފަހިކުރުމަށް އެއްވެސް ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ އިސްލާހު ހުށަހަޅައި، ކޮމިޓިން ފާސް ކުރި ފަހުން ހިޔާލު ބަދަލުވެއްޖެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މެއިންސްޓްރީމް މީޑިއާތަކާއި ޝޯޝަލް މީޑިއާ އާއި ބާޒާރު މަތިން ދިމާވި ރައްޓެހިންނާއި ގޭ ކަންމަތިން ދިމާވާ ރަށްޓެހިންނާއި ހޮޓާތަކުން ދިމާވާ ރައްޔިތުން މިއަދު ބުނަމުން އެބަދޭ، ކޮއްކޯ ކޮންއިރަކު ތިކަން [ރައީސް ވަކިކުރުމުގެ މަސައްކަތް] ކުރަނީ. ހާދަ ލަސްވޭ އެބަ. އަަވަސް ކޮށްބަލަ، ބަލަހައްޓަައިގެން ތިބެނީތަ،" ޝިފާއު ވިދާޅުވި އެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު މުހަައްމަަަދު ޝިފާއު މަޖިލިސް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

އޭނާ ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު މަގާމުގައި އެންމެ 24 ގަޑިއިރަށް ވެސް ބަހައްޓަން ރައްޔިތުން މިއަދު ބޭނުމެއް ނުވެ އެވެ. ސަރުކާރާ ދޭތެރޭ ރައްޔިތުންގެ ހާސްކަމާއި މާޔޫސްކަން ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

"ދުވާލު އިރުއޮއްސި، ރޭގަނޑު ނިދާކަށް ރައްޔިތުން ބޭނުން ނުވޭ، މިހާރު ރާއްޖޭގައި މި އޮތް ވެރިކަން މި ގައުމުގައި ބާއްވާކަށް." ޝިފާއު ވިދާޅުވި އެވެ.

އެއާ އެކު އޭނާ އިއުލާން ކުރެއްވީ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހަޅުއްވަން ބޭނުންވާ ކަމަށެވެ. އަދި ވިދާޅުވީ މި ވެރިކަމަކީ، ޝިފާއު ސިފަ ކުރެއްވި ގޮތުގައި، 'ގާނޫނީ ހުކޫމަތް އޮތް ވެރިކަމެއް ނޫން' ކަމަށެވެ.

"އިއްޒަތްތެރި ރައީސް އަޅުގަނޑަށް އެބަ ފެނޭ، ދިވެހި ފަހުރުވެރި ގައުމީ ދިދަ، މި އިއްޒަތްތެރި ރައްޔިތުންގެ މަޖިލީހާ މުހާތަބު ކުރާތަން. އިއްޒަތްތެރި ރައީސް، އެ ދިދަ އާދޭހާ އެކު ހާލުގެ ދުލުން ބުނާތަން އަޅުގަނޑަށް އެބަ ފެނޭ މިނިވަންކަމާއި ގައުމިއްޔަތުގެ އަވާ މެންދުރެއް ރައްޔިތުންނަށް ދައްކައި، މިއަދު ތިމަންނަގެ މައްޗަށް ކާހިނުންތަކެއް ވެރިވެގެންފިއޭ،" ރައީސް މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބެނުންކުރެއްވި ބަސްތަކާ ގުޅުވާލައި، ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވި އެވެ.

ކޮމެންޓް (3)

ކޮސް

18 ޑިސެމްބަރު 2023
މުއިއްޒުގެ މާބޮޑު މައްސަލައެއްނެތް. އެކަމަކު ކެބިނެޓަށް ގެންނަން އުޅުއްވާ ބއެއް ފަރާތްތަކަށް ވޯޓުދޭނެކަމެއް ނެތް. އެކަމަކު އަނބިގޮއްޔެ އެއުޅުއްވާގޮަތަކުން މުއިއްޒާއިމެދު އިތުރަށް ވިސްނަންޖެހޭ. މިބުނީ ގޯސް ވާހަކައެއްނޫންކަން މުޅި ރާއްޖެ މިއަދު ދަނޭ. ބަލަންތިބެމާ .
0 1

ޝިފާއު

18 ޑިސެމްބަރު 2023
ދެން ދުވަހަކުވެސް ޝިފާއުއަކަށް އަހަރެން ވޯޓެއް ނުދޭނަން.. އަހރުމެން ވޯޓުން ހޮވާފަހުރި މީހެއް އަޒުލުކުރަނީ ތިއީ ކާކު؟
1 0

ބީނޫ

18 ޑިސެމްބަރު 2023
ލަދުވެތި ކަމެއް..އަޒަލު ކުރަންޖެހޭ ކަމެއް އަދި ނުފެނޭ..ތިޔަހާ ހަސަދަވެރިވެގެން ނޫޅޭ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް