އިއްޔެ ރައީސް މަގާމުތަކަށް އައްތަން ކުރެއްވި ބޭފުޅުންނަށް ލިޔުން ހަވާލުކުރެއްވުމުގެ ތެރެއިން: ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، ސިޔާސީ މަގާމުތައް އަދި 350އަށްވެސް ނާރާ ކަމަށް
ސިޔާސީ މަގާމުތައް އަދި 350 އަށް ވެސް ނާރާ: ތަރުޖަމާނު
ރައީސް މުހަންމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު އަދި 350 އަށް ވެސް ނާރާ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޝަހީބު މިގޮތަށް ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު 'ދައުރު'ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ބުނީ ކީކޭ؟ - "ރައީސް [މުހައްމަދު މުއިއްޒު] ވިދާޅުވެފައި ވަނީ ސިޔާސީ މަގާމުތައް 700ގައި ހިފަހައްޓަވާނެ ކަމަށް. އަޅުގަނޑު އެންމެ ފަހުން އިއްޔެ ބެލި އިރު އެ އަދަދު %50އަށް ވެސް ނާރާ،" އިއްޔެ މަގާމާ ހަވާލުވެވަޑައިގެންނެވި ޝަހީބް ވިދާޅުވި އެވެ.
ތަފްސީލު - މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވެސް ނޫސްވެރިންގެ ގިނަ ސުވާލުތައް ސަރުކާރުގެ ސިޔާސީ މަގާމުތައް އިތުރުވަމުންދިޔުމާ ގުޅޭ ގޮތުން ކުރި އެވެ. އެގޮތުން އަންހެނުން އައްޔަން ކުރުން މަދުވުމާ ގުޅޭ ގޮތުން ވެސް ސުވާލު ކުރި އެވެ.
އެކަމާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ:
-
އިއްޔެގެ ނިޔަލަށް ބެލި އިރު، ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ނުހިމަނައި ސަރުކާރުގެ މަތީ މަގާމުތަކުގައި %22 އަކީ އަންހެނުން؛ އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ވެސް އެ އަދަދުތައް ހުރި މިންވަރު
-
ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކަށް މިހާތަނަށް އައްޔަންކޮށްފައިވާ އަންހެނުންގެ އަދަދަކީ މިހާތަނަށް އެއްވެސް ސަރުކާރެއްގައި ވެސް ނެތް ވަރަށް އިތުރު އަދަދެއް؛ ކުރިއަށް އޮތް ދުވަސްތަކުގައި އެ އަދަދު އިތުރުވާނެ
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ސިޔާސީ މަގާމުތަކުގެ އަދަދު 700ގައި ހިފެހެއްޓުމާ އެކު، ސަރުކާރުގެ އަމާޒަކީ ކުރިން ވެސް ރައީސް ވިދާޅުވެފައިވާ ގޮތަށް އެފިސިއެންސީ ނުވަތަ ނަތީޖާ ނެރެވޭ ގޮތަށް މަގާމުތަކަށް މީހުން އައްޔަން ކުރެވެމެވެ.
"މާނައަކީ އެއް ކަމަކަމަށް އަޅުގަނޑުމެން ހާސިލްކުރަން މި ޖެހޭ މަސައްކަތްތައް ފުރިހަމައަށް ކުރިއަށް ގެންދަން ޖެހޭ ގޮތަށް މަސައްކަތްތައް ބައްޓަން ކުރުން. މިހާތަނަށް ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވައި، ސަރުކާރު އެކުލަވާލައްވައި އަދި ދައުލަތުގެ އިދާރާތަކުގެ އޮނިގަނޑު އެކުލަވާލައި، މި ހުރިހާ ކަންތަތަކެއްގެ ވެސް ވިސްނުންފުޅު ގެންގުޅުއްވާފައިވަނީ، މި ދެންނެވި މޭރުމުން." ސިޔާސީ މަގާމުތައް ގިނަވަމުން ދިޔުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ފިރުޒުލް ވިދާލުވި އެވެ.
ކޮމެންޓް (1)
އަލީ2