ރައީސްގެ ދެކަނބަލުން ތުރުކީއަށް ފުރާވަޑައިގަތުމަށް ބޯޓަށް އަރުއްވަނީ (ފޮޓޯ/ރައީސް އޮފީސް)
ރައީސްގެ ފުރަތަމަ ބޭރު ދަތުރުތަކަށް 3.5 މިލިއަން ހަރަދުކޮށްފި
ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ކުރެއްވި ބޭރު ދަތުރުފުޅުތައް ކަމަށްވާ ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ކޮޕް-28 ސަމިޓަށް ދުބާއީއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދަށް ޖުމްލަ 3.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒުގެ 'ހަފްތާ14' ނުވަތަ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުރިހަމަކުރަމުން އަންނަ މިންވަރު ހާމަކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު ވަނީ ދެ ދަތުރުގެ ހަރަދުތަކުގެ މައުލޫމާތުތައް އާންމު ކުރައްވައިފަ އެވެ.
ތަފްސީލް - ޝަހީބު ހާމަކުރެއްވި މައުލޫމާތުތަކުގައިވާ ގޮތުގައި:
-
މާލެ-ތުރުކީ-ދުބާއީ-މާލެ ދަތުރަށް: 2.7 މިލިއަން ރުފިޔާ
-
ދުބާއީ ދަތުރަށް: 775،232.72ރ.
އެ ހަރަދުތަކުގެ ތަފްސީލްތަކަށް ބަލާއިރު:
-
ފަސްޓް ކްލާސް ހަތަރު ޓިކެޓަށް - 683،229.36ރ.
-
ބިޒްނަސް ކްލާސް 12 ޓިކެޓް - 1.5 މިލިއަން ރުފިޔާ
-
އިކޮނޮމީ ކްލާސް 12 ޓިކެޓް - 232،086.42ރ.
-
ޕޮކެޓްމަނީ، ދުބާއީ ދަތުރުގެ 19 ބޭފުޅުންނަށް - 182،546ރ.
-
ކެއުމުގެ ހަރަދު ނުވަ ބޭފުޅުން - 145،944.76ރ.
-
ދުބާއީގެ ދަތުރުފަތުރުގެ ހަރަދު - 75،488.38ރ.
-
ދުބާއީގެ ހުރުމުގެ ހަރަދު ނުވަ ބޭފުޅުން - 168،892.06ރ.
-
ދުބާއީގެ ސިމްކާޑުގެ ހަރަދު - 26،412.59ރ.
-
ދުބާއީގައި އުޅޭ ދިވެހިންނާ ބައްދަލުކުރުން - 155،182.21ރ.
-
ދުބާއީގެ އިންސިޑެންޓަލް ހަރަދަށް - 20،766.72ރ.
ފާހަގަކޮށްލެވޭ - މީގެ އިތުރަށް، ރައީސް އޮފީހުން ހާމަކުރި މައުލޫމާތުތަކުގައިވާ ގޮތުގައި، ތުރުކީގެ ރައީސްގެ ވަފުދުގެ ބޭފުޅުންގެ ހުރުމާއި ކެއިންބުއިން އަދި އެތެރޭގެ ދަތުރުފަތުރުގެ ހަރަދުތައް ހަމަޖެއްސީ އެ ގައުމުންނެވެ. މީގެ އިތުރަށް، ދުބާއީގެ ދަތުރުގައި 10 ބޭފުޅެއްގެ ހުރުމާއި ކެއިންބުއިމުގެ ހަރަދުތައް ހަމަޖެއްސީ އެ ގައުމުން ކަމަށް ވެސް ބުންޏެވެ.
ރައީސް އޮފީހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ރައީސްގެ ދަތުރުފުޅުތަކުގެ ހަރަދުތައް އެ ދަތުރެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި އެ އޮފީހުން އާންމުކުރާނެ އެވެ.