ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި އަހުމަދު މޫސާ (އައްމަޓީ) ޝަރިއަތެއްގައި: އޭނާ ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލްކޮށް އޭނާ ވަނީ އަނެއްކާ ބަންދުކޮށްފައި

ސީލައިފްގެ ވެރިޔާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި

އަހްމަދު މޫސާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން
15 ނޮވެމްބަރު 2021

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ މަކާރާއި ހީލަތުން ގިނަ ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ފިލި، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ކަފާލާތުގެ ދަށުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލްކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އަހުމަދު މޫސާގެ މައްޗަށް އުފުލާފައިވާ 42 ދައުވާގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ. މިދިޔަ މަހުގެ 20 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ އޭނާގެ ދައްތަ އާއި ކޮއްކޮ ޖާމިނު ކުރުމަށް ފަހު ޝަރުތުތަކަކާ އެކު އެވެ. އެ އަމުރު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ.

ތަފްސީލް - އެ މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށް، އަހްމަދު މޫސާގެ މައްޗަށް ހުށަހެޅި ބަލަމުން އަންނަ ހިޔާނާތުގެ ދައުވާތަކުގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބަހައްޓަން އަމުރުކުރާ ކަމަށެވެ.

ފަނޑިޔާރުންގެ ރައުޔު - އެ މައްސަލައި ރައުޔު ތަފާތުވީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ވިދާޅުވީ އަހްމަދު މޫސާގެ މައްޗަށް ކުރަނީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ނަމަވެސް، އެއީ ކަފާލާތު ދިނުމަށް ހުރަސް އަޅާ ކަމެއް ނޫން ކަމަށާއި އެއީ ކަފާލާތު ނުދެވޭ ބާވަތުގެ ކުށެއް ނޫން ކަމަށެވެ. އަދި އަހްމަދު މޫސާއަށް ޖާމިނުވި މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާ މެދު ދައުލަތުން ސުވާލު އުފެއްދި ނަމަވެސް، އެމީހުންގެ ކިބައިގައި އުނި ވަނީ ކޮން ޝަރުތެއްކަން ދައުލަތުން ބުނެދީފައި ނުވާ ކަމަށެވެ. 

މިއީ ކުޑަ އަދަދެއް ނޫނެވެ. މިފައިސާއަކީ، ވަކިވަކި ފަރުދުން އެމީހުންގެ ބޯހިޔާވަހި ކަމުގެ އުއްމީދުގައި އަމާނާތެއްގެ ގޮތުގައި ހަވާލު ކުރި ފައިސާއެވެ. މީގެ ތެރޭގައި 200 އެތަކެއް ރައްޔިތުން ދެއްކި ފައިސާ ހިމެނެއެވެ. ކުށް ކުރުމުގައި ޝާމިލުވި މީހުންގެ އަދަދަށް ބަލާ ބީދައިން، އެ ކުށުގެ ޝިކާރައަކަށްވީ ފަރާތްތަކުގެ ހާލުއަހުވާލުގެ މައްޗަށް ރިއާޔަތް ކުރަންޖެހޭނެ ކަމަށް ދެކެމެވެ."

ފަނޑިޔާރު ނިޔާޒު

ހަމައެއާއެކު، އަހްމަދު މޫސާ އަކީ މީގެކުރިން ވެސް ފިލާފައިވާ މީހަކަށް ވާތީ އޭނާ އަދިވެސް ފިލުމުގެ ފުރުސަތު އޮންނާނެ ކަމަށް ދައުލަތުން ބުނި ނަމަވެސް، އަހްމަދު މޫސާގެ ޝަރީއަތް ފެށުނު ފަހުން އޭނާ ކޯޓަށް ހާޒިރުވުމުގައި ވެސް މައްސަލައެއް ޖެހިފައި ނުވާ ކަމަށެވެ. އަދި، އޭނާ މީގެކުރިން ފިލުމަކީ ވެސް ކަފާލާތު ނުލިބޭންވީ ސަބަބެއް ނޫން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. 

ފަނޑިޔާރު ޝުއައިބު ވިދާޅުވީ އަހްމަދު މޫސާ ކުރި ކުށުގެ ސަބަބުން މާލީ ގެއްލުންތަކެއް ލިބިފައިވުމަކީ ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނިފައިވާކަމަށް ބެލޭނެ ސަބަބެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަހްމަދު މޫސާ ބަންދުކުރަން ޖެހެނީ އޭނާ ކޯޓަށް ހާޒިރުނުވެ ފިލައިފާނެތީ ކަމަށާއި އޭނާ ދޫކޮށްލީ އެކަން އެގޮތަށް ނުވާނެކަން ކަށަވަރުކުރުމަށް އެކަށޭނަ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްފަހު ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.  

އަހްމަދު މޫސާ ދޫކޮށްލީ:

  • ރާއްޖެއިން ފުރައިގެން ދިއުން މަނާކޮށް، ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު

  • ކޯޓުން އަންގާ ގަޑިއަކަށް ކޯޓަށް ހާޒިރުވާން ޝަރުތުކޮށްފައި 

  • ކޯޓުގެ ހުއްދަ ނެތި މާލެއިން ބޭރަށް ދިއުން މަނާކޮށްފައި 

  • ކުށުގެ ސަބަބުން ގެއްލުން ލިބުނު މީހުންނާއި ހެކިންނާ މުއާމަލާތު ނުކުރަން އަމުރުކޮށް 

  • ރަސްމީ ކޮންމެ ދުވަހަކު 9:30 އަށް ކަރެކްޝަންސް އަށް ހާޒިރުވާންޖެހޭނެ

  • ދައްތަ އާއި ކޮއްކޮ ޖާމިނުކޮށްފައި 

ފަނޑިޔާރު ވިދާޅުވީ ކޮންމެހެން ބަންދުގައި ބަހައްޓަން މަޖުބޫރު ހާލަތުގައި މެނުވީ، މީހެއްގެ މިނިވަންކަން ނަގާލެވޭގޮތަށް ބަންދުގައި ބެހެއްޓުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތައް ބާރުއަޅާ ކަމެއް ނޫން ކަމަށެވެ. އަދި ހާއްސަކޮށް ދިގުލައިގެން ހިނގައިދާނެކަމަށް ބެލެވޭ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތް ބަންދުގައި ބަހައްޓަންޖެހޭ ޒަރޫރަތެއްނެތި، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަކީ ވަރަށް ބޮޑުކަމެއް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. 

އަހްމަދު މޫސާގެ މައްޗަށް ހުށަހަޅާފައިވާ މައްސަލަ ދިގުލައިގެން ހިނގައިދާނެ ކަމަށް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވާކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލްކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. 

ނަމަވެސް މައްސަލަ ބައްލަވާ ބެންޗުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔު ތަފާތުވި އެވެ. ފަނޑިޔާރު ނިޔާޒު ވިދާޅުވީ އެއްވެސް މީހަކަށް ޝަރީއަތުން ހުކުމް ކުރުމުގެ ކުރިން އެމީހަކު ބަންދުގައި ނުބެހެއްޓުމަކީ އަސްލު ގޮތް ކަމަށެވެ. އަދި ބަންދުގައި ބެހެއްޓުމަކީ އަސްލު އުސޫލަށް އޮތް އިސްތިސްނާއެއް ކަމަށެވެ. 

'ރިއާޔަތްކުރަން ޖެހޭނީ ހަމައެނި އަހްމަދު މޫސާގެ ހައްގަކަށް ނޫން'

ފަނޑިޔާރު ނިޔާޒު ވިދާޅުވީ އަހްމަދު މޫސާގެ ޝަރީއަތް ދިގު މުއްދަތަކަށް ދެމިގެން ހިނގައިދާނެ ކަމަށް ފަނޑިޔާރު ރިއާޔަތް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ގާނޫނުއަސާސީން ހައްގުތައް ކަށަވަރުކޮށްދީފައި ވަނީ ހަމައެކަނި ކުށުގެ ތުހުމަތުވާ މީހާއަށް ނޫން ކަމަށާއި އެމީހާ ކުރި ކުށެއްގެ ސަބަބުން އެތައް ބައެއްގެ ހައްގަށް ގެއްލުން ލިބިފައިވާ ހާލަތުގައި ހަމައެކަނި ތުހުމަތުވާ މީހާގެ ޙައްގަށް ރިއާޔަތް ކުރެވުމަކީ ގާނޫނީ ރަނގަޅު ހަމައެއް ކަމަށް ބަލައިނުގަނެވޭ ކަމަށެވެ. 

ފަނޑިޔާރު ނިޔާޒު ވިދާޅުވީ އަހްމަދު މޫސާގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ކުށަކީ ކަފާލަތުގެ ދަށުން ދޫކުރެވިދާނެ ކުށެއް ނަމަވެސް އެ ދައުވާގައި ހިމެނޭ ހިޔާނާތުގެ ފުންމިނާއި ފުޅާމިނަށް އަދި އެކަމުގެ ސަބަބުން އަސަރުކޮށްފައިވާ ގޮތާއި މިންވަރަށް ރިއާޔަތް ކުރަންޖެހޭނެ ކަމަށެވެ. އެގޮތުން ފަނޑިޔާރު ފާހަގަކުރެއްވީ، 200 އެތައް ބައެއްގެ 25 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތު އަހްމަދު މޫސާގެ މައްޗަށް ކުރެވޭ ކަމެވެ. 

"މިއީ ކުޑަ އަދަދެއް ނޫނެވެ. މިފައިސާއަކީ، ވަކިވަކި ފަރުދުން އެމީހުންގެ ބޯހިޔާވަހި ކަމުގެ އުއްމީދުގައި އަމާނާތެއްގެ ގޮތުގައި ހަވާލު ކުރި ފައިސާއެވެ. މީގެ ތެރޭގައި 200 އެތަކެއް ރައްޔިތުން ދެއްކި ފައިސާ ހިމެނެއެވެ. ކުށް ކުރުމުގައި ޝާމިލުވި މީހުންގެ އަދަދަށް ބަލާ ބީދައިން، އެ ކުށުގެ ޝިކާރައަކަށްވީ ފަރާތްތަކުގެ ހާލުއަހުވާލުގެ މައްޗަށް ރިއާޔަތް ކުރަންޖެހޭނެ ކަމަށް ދެކެމެވެ." ފަނޑިޔާރު ވިދާޅުވި އެވެ. 

ފަނޑިޔާރު އިތުރަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ އުއްމީދުގައި އާންމު ރައްޔިތުންގެ ބަޔަކު އަމާނާތެއްގެ ގޮތުގައި ހަވާލު ކުރި ފައިސާއަށް ހިޔާނާތްތެރިވެފައި އޮތްނަމަ، އެއީ އެމީހުންގެ ނިސްބަތުގައި އަނިޔާވެރި އަމަލެއް ކަމަށެވެ. އެހެންކަމުން  މި ބާވަތުގެ ކުށަކީ އެކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނިފައިވާ ކުށެއްތޯ ދެނެގަތުމުގައި ހަމައެކަނި ކަނޑިންޖަހައި ފާރުކުރުމާއި ހަމައަށް ފަނޑިޔާރުގެ ވިސްނުން ހުއްޓިގެން ވެދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. 

"އެއީ ދަރަނި ދެއްކޭނެ ހާލަތުގައި ދަރަނި ނުދައްކައި ލަސްކުރުން އަނިޔާއެއް ކަމުގައި ވީފަދައިންނެވެ."

އެހެންކަމުން އަހްމަދު މޫސާ މުހައްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގައި ބަޔާން ކުރާ ފައިސާއަކީ އެފައިސާ ދިން މީހުންގެ ގައިގާ ތަޅައި އަނިޔާކޮށްގެން ހޯދިފައިސާއެއް ކަމުގައި ނުވިޔަސް، އެމީހުންގެ އުއްމީދުތަކަކާއި އެމީހުންގެ މާލު އެމީހުންގެ ކިބައިން ބީވެގެން ދިޔަ ދިއުމަކީ ހިޔާނާތުގެ ކުށުގެ ހިމެނޭ އަނިޔާއެއްތޯ ނުވަތަ ނޫންތޯ ފަނޑިޔާރުންގެ ވިސްނުމުގައި ބަހައްޓަންޖެހޭ ކަމަށް ވިދާޅުވި އެވެ. 

މާލީ މިފަދަ ކުށްތަކަކީ އަނިޔާވެރިކަން ހިމެނި ފައިނުވާ ކުށްތަކެއްކަމަށް އާންމުކޮށް ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ފަނޑިޔާރު ނިޔާޒު ވިދާޅުވި އެވެ. އެއީ މާލީގޮތުން ހިންގާ ޖިނާއީ ހަރަކާތްތަކުގައި އަނިޔާވެރިކަމެއް ނެތްކަމަށް ފެނުނަސް ބައެއް ހާލަތްތަކުގައި މާލީ ގޮތުން ހިންގާ ޖިނާއީ ހަރަކާތްތަކީ ބިރުވެރި ނުރައްކާތެރި ކުށްތައް ކަމަށްވާ ގޭންގް ވައިލެންސް، މަނީ ލޯންޑްރިން، ޓެރަރިޒަމް ފަދަ ކުށްތަކާއި ގުޅިފައިވާ ކަންތައްތަކެއް ހިމެނިދާނެތީ އެވެ. 

'ފުރުސަތެއް ލިބޭ އިރަށް އަހުމަދު މޫސާ ފިލައިފާނެ'

ފަނޑިޔާރު ވިދާޅުވީ އަހްމަދު މޫސާ ރާއްޖެއިން ބޭރުގައި ހުއްޓައި ފުލުހަށް ހާޒިރުވުމަށް އެންގި އެންގުމާއި ގުޅިގެން ހާޒިރު ނުވެވޭނެކަން އޭނާ އެންގިކަން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ. .އެހެންކަމުން، އޭނާ މިހާރު ރާއްޖޭގައި ހުރީ އޭނާއަށް އެހެން ގޮތެއް ނެތިގެން ނޫންކަމާއި އޭނާގެ އަމިއްލަ އިހްތިޔާރުން އައިސް ހުރީކަން ބަޔާންކޮށްދޭން ޖެހޭނީ އޭނާއަށް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. 

"އެހެންނޫންނަމަ، ހުށަހެޅުނު ލިޔުންތަކުން ދެނެގަނެވެން އޮތީ، އަނެއްކާވެސް ފުރުސަތެއް ލިބިއްޖެނަމަ، ފިލައި ރައްކާވެދާނެ ކަމުގެ އިހްތިމާލެވެ."

އަހްމަދު މޫސާ އަކީ އިންޓަޕޯލް މެދުވެރިކޮށްވެސް ހާޒިރު ނުކުރެވުނު މީހެއް ކަމަށްވާތީ، އެ ހާލަތުގައި ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އިހްތިޔާރުގެ ބޭނުން ދަށު ކޯޓުގެ ފަނޑިޔާރު ހިފާފައިވަނީ، އަހްމަދު މޫސާ ފިލައި ރައްކާނުވާނެކަން ކަށަވަރު ކުރެވޭ ގޮތަށް ތޯ ވެސް ފަނޑިޔާރު ސުވާލުއުފެއްދެވި އެވެ.

'އަހްމަދު މޫސާ ނުފިލާނެކަން ކަށަވަރުކުރެވިފައެއް ނެތް' 

މައްސަލައިގައި ހައި ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުން ބުނީ އަހްމަދު މޫސާ "ވަލުދޮރާށިން" ވެސް ފިލުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. މިއަދު ފަނޑިޔާރު ނިޔާޒު ވަނީ ރާއްޖެއިން ފިލައިގެން ނުވަތަ އެނޫންވެސް ގޮތަށް ނިކުމެގެން ދެވޭނެ "ވަލުދޮރާށްޓެއް" ހުރިކަމުގެ މައުލޫމާތު ޕްރޮސިކިއުޝަނުގައި ހުރިނަމަ، ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި އަދި ދައުލަތުގެ ސަލާމަތީ ހިދުމަތްތަކަށް އެ މައުލޫމާތު ފޯރުކޮށްދީގެން އެ ދޮރެއް ބަންދުކުރުމުގެ މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

"ނަމަވެސް 'ވަލު ދޮރާށި'ތައް ބަންދުކުރުމަކީ ކޯޓުތަކަށް ކުރެވިދާނެ ކަމެއް ކަމަށް ނުދެކެމެވެ."

އެހެންކަމުން، އަހްމަދު މޫސާ ފިލައިގެން ނުދާނެކަން ކަށަވަރުކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ އޭނާގެ ޕާސްޕޯޓު ނުވަތަ ދަތުރުކުރަން ގެންގުޅޭ އެހެން ޑޮކިއުމެންޓެއް ހިފަހައްޓަން ކޯޓުން އަމުރުކުރުން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ފަނޑިޔާރު ވިދާޅުވީ މި މައްސަލައިގައި އަހްމަދު މޫސާ ފިލައިގެން ދިއުން ހުއްޓުވަން ގާނޫނުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައިވާ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. 

އެއީ:

  • އަހްމަދު މޫސާގެ ޕާސްޕޯޓެއް އޮތްކަމެއް ނުވަތަ ނެތްކަމެއް  ސާފުނުވާތީ 

  • އޮތްނަމަ އޮތީ ދުވަސް ހަމަވެފައިވާ ޕާސްޕޯޓެއްކަމެއް ވެސް ސާފު ނުވާތީ  

  • އޭނާގެ ޕާސްޕޯޓު ނަންބަރަކީ ކޮބާކަމާއި އޭނާގެ ނަމުގައި ކިތައް ޕާސްޕޯޓު އޮތްކަން ނޭނގޭތީ 

  • އޭނާ ދަތުރު ކުރުމަށް ރަސްމީ އެނޫން އެހެންލިޔުމެއް ބޭނުންކުރޭތޯ ނުވަތަ ދޫކޮށްފައި އޮތްތޯ އިމިގްރޭޝަނަށް ލިޔެގެން ބަލާފައި ނުވާތީ 

އެހެންކަމުން ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް، އަހްމަދު މޫސާގެ މައްޗަށް ހުށަހެޅިގެން ހިނގަމުންދާ ހިޔާނާތުގެ ދައުވާތައް ނިމެންދެން އޭނާއަކީ ބަންދުކޮށްގެން ބަލަހައްޓަންޖެހޭ މީހެއްކަމަށް ބުރަވެވޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ބެންޗުގައި ދެން އިންނެވި ފަނޑިޔާރު އަބްދުﷲ ހަމީދު ތާއީދުކުރެއްވީ ފަނޑިޔާރު ނިޔާޒުގެ ރައުޔަށެވެ. 

ހުކުމް - ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކުރަންޖެހޭ ކަމަށެވެ. އަދި ޝަރީއަތް ނިމެންދެން އަހްމަދު މޫސާ ބަންދުކުރަން ކޯޓު އަމުރުކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް