ވިލިނގިލީ ދާޢިރާގެ މެމްބަރު ސައުދު ހުސެއިން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާއި ސުވާލުކުރައްވަނީ؛ 23 މެއި 2022
މަސްވެރިންނަށް މިފްކޯއިން ޑޮލަރު ލިބޭނެ ގޮތް ހެދުމަށް ގޮވާލައި ގަރާރެއް ހުށަހަޅައިފި
މާލީ ގޮތުން ހީނަރުވެފައިވާ ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސްވެރިންނަށް ފަސޭހައިން ޑޮލަރު ލިބޭނެ ގޮތް ހެދުމަށް ގޮވާލައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ފަރާތުން މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ. އެެ ގާރާރުގައި މިފްކޯގެ މުވައްޒަރުންނަށް ވެސް މުސާރާއިގެ ވަކި ޕަސަންޓެއް ޑޮލަރުން ލިބޭނެ ގޮތް ހެދުމާއި ޑޮލަރު ލިބޭނެ ފަސޭހަ ގޮތެއް ހޯދައިދިނުމަށް ގޮވާލާފައިވެ އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ މިއަދު ޖަލްސާއަށް އެމްޑީޕީގެ ފަރާތުން އެ ގަރާރު ހުށަހެޅުއްވީ، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އެވެ.
ތަފްސީލު - އެ ގަރާރުގައި ސައުދު ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަކީ ޒާމާނުއްސުރެ ރާއްޖެއަށް ބޭރު ފައިސާ ވައްދަމުންދާ މުހިއްމު އެއް ސިނާއަތް ކަމަށެވެ.
ރެ އާއި ދުވާލު 24 ގަޑިއިރު ކަނޑުމަތީގައި ރާއްޖޭގެ އިގްތިސާދު ކުރިއެރުމަށް މަސްވެރިން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ:
-
މިފްކޯގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަކީ ވެސް މަސްވެރިކަމުގެ ސިނާއަތަށް ހުއްޓުމެއް ނެތި 24 ގަޑިއިރު މި ސިނާއަތަށް ގައުމީ ހިދުމަތެއްގެ ގޮތުގައި ހިދުމަތް ކުރަމުންދާ ބައެއް
-
މަސްވެރިންނާއި މިފްކޯގެ މުވައްޒަފުން ރެ އާއި ދުވާލު ގަދަވަޔާއި ވިއްސާރަ އާއި ދޭހާ އަވީގައި ކަނޑުމަތީގައި މަސައްކަތް ކުރަމުންދާ ބަޔަކަށް ވުމުން، އަމިއްލަ ނުވަތަ އާއިލީ ޒަރޫރީ ބޭނުންތަކަށް ރާއްޖެއިން ބޭރުން ހޯދަން ޖެހޭ ހިދުމަތްތައް ހޯދުމަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމަކީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންނާއި ދިވެހި މަސްވަރިންނަށް މުހިންމު ކަމެއް
"ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، މަސްވެރިންނާއި މަސްވެރިންގެ ދަރިން ރާއްޖެއިން ބޭރުން ތައުލީމު ހާސިލް ކުރުމަށާއި ބޭސްފަރުވާ ކުރުމަށާއި މަސްވެރިންނާއި މަސްވެރިންގެ އާއިލާތަށް ހައްޖު އަދި އުމުރާ ދަތުރުތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމް މިފްކޯ މެދުވެރިކޮށް ހަމަޖެއްސުމަކީ މަސްވެރިންނަށް ލިބޭނެ ވަރަށް ބޮޑު ލުއި ފަސޭހައެއް" ކަމަށް ފާހަގަކޮށް، އެއީ މަސްވެރިންގެ ހިދުމަތުގެ އަގުވަޒަން ކުރުން ކަމުގައި ސައުދު ވިދާޅުވި އެވެ.
މަސްދޯނިފަހަރުގެ އޮޑިވެރިންނަކީ މަސްވެރިކަމުގެ ސިނާއަތް ދިރުވައި ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ވިޔަފާރިވެރިންކަން ފާހަގަކޮށް އޭނާ ވިދާޅުވީ:
-
އޮޑިވެރިން މަސްދޯނިފަހަރަށް ބޭނުންވާ ޒަމާނީ ވަސީލަތްތަށް ގަތުމަށާއި މަސް ފިނިކުރުމަށް ބޭނުންވާ ނިޒާމާއި މަސްދޯނިފަހަރަށް ބޭނުންވާ އެހެން އާލާތްތައް ފަދަ ރާއްޖެއިން ބޭރުން ގަންނަން ޖެހޭ ތަކެތި ގަތުމަށް އެ މީހުންނަށް ޑޮލަރު ބޭނުންވޭ
"މިފްކޯގެ މުވައްޒަފުންނަކީ ވެސް ރެ އާއި ދުވާލު ކަނޑުމަތީގަ އާއި އެކިއެކި ސައިޓުތަކުގައި މަސައްކަތްކުރާ ބަޔަކަށް ވުމާއި އަމިއްލަ ޒަރޫރީ އާއިލީ ބޭނުންތަކަށް ބޭނުންވާ (ޔޫއެސް ޑޮލަރު) ފަސޭހައިން ލިބޭނެ އިންތިޒާމް ހަޖެހިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށް" ދެކިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން އޭނާ ގޮވާލެއްވީ:
-
މިފްކޯގެ މުވައްޒަފުންނަށް ދެވޭ މުސާރައިގެ %60 ޕަސެންޓް ޑޮލަރުން ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް
-
އަދި މުވައްޒަފުންނާއި އެމީހުންގެ ދަރިން ރާއްޖެއިން ބޭރުން ތައުލީމް ހާސިލް ކުރުމަށާއި ހާއްޖު އަދި އުމްރާއަށް ދިއުމަށް ބޭނުންވާ ޑޮލަރު ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމް މިފްކޯ މެދުވެރިކޮށް ހަމަޖެއްސުމަށް
އެ ކަމަކީ، މުވައްޒަފުންގެ އަގު ވަޒަންކުރުމާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ، ފަންނީ ތަޖްރިބާ ލިބިފައިވާ މަސައްކަތްތެރިން މަސްވެރިކަމުގެ ސިނާއަތުގައި ދެމިތިބުމަށް ދެވޭ ހިތްވަރަކަށް ވާނެ ކަމެއްގެ ގޮތުގައި ސައުދު ފާހަގަ ކުރެއްވި އެވެ.
އެނގުން މުހިންމު - މިފްކޯގެ މުވައްޒަފުންގެ މުސާރައިގެ ވަކި ޕަސަންޓެއް ޑޮލަރުން ދިނުމަށް ސައުދު ގޮވާލެއްވިއިރު، އެ މުވައްޒަފުންނަށް މިހާރު ވެސް ވަކި އުސޫލެއްގެ ދަށުން ޑޮލަރު ދޫކުރަމުންދެ އެވެ.
ކޮމެންޓް (2)
ޙުސެން
އައިޝާފް