ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން މަޖިލީހުުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

ބަޖެޓް 2024

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން 50 މިލިއަން ރުފިޔާ ހިމަނަން ހުށައަޅައިފި

ހިސާން ވިދާޅުވީ އެ އިސްލާހު ފާސްވެއްޖެ ނަމަ އަންނަ އަހަރު ޝަރުއީ ދާއިރާގެ 1،900 މުވައްޒަފެއްގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް
12 ޑިސެމްބަރު 2023

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑު ކުރުމަށް ބަޖެޓަށް 50 މިލިއަން ރުފިޔާ އިތުރުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ބަޖެޓް ރިޕޯޓަށް އިސްލާހު ހުށަހަޅުއްވައިފި އެވެ.

ވީ ކިހިނެއް؟ - ބަޖެޓް ކޮމިޓީއިން ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފާސްކުރަން ފޮނުވާފައިވާ 49.8 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަހުސް އިއްޔެއިން ފެށިގެން މަޖިލީހުގައި ކުރިއަށްދެ އެވެ. ހިސާން އެ އިސްލާހު ބަޖެޓް ރިޕޯޓަށް ހުށަހެޅުއްވިކަން ހާމަކުރެއްވީ ބަޖެޓް ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - ހިސާންއަށް ލިބުނު ފުރުސަތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރާއިރު އެއް ބާރު އެކަމުން މަހުރޫމްވިޔަ ދީގެން ނުވާނެ ކަމަށާއި އެކަމަށް މަޖިލީހުން ޖާގަ ދީގެން ނުވާނޭ ކަމަށެވެ.

އޭނާ ވިދާޅުވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ދަށުން ކޯޓުތަކުގައި މަސައްކަތް ކުރާ 1،900 މުވައްޒަފަކު އެބަ ތިބި ކަމަށެވެ. އަދި އޭނާ ހުށަހަޅާ އިސްލާހުގެ ސަބަބުން އެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަފްސީލް - އެގޮތުން އޭނާ އިސްލާހު ހުށަހެޅުއްވީ: 

  • ކޯޓުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން - 49 މިލިއަން ރުފިޔާ

  • ޖޭއެސްސީގެ މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްތައް ބޮޑުކުރަން - 980،000ރ. 

  • ޖުމްލަ 50 މިލިއަން ރުފިޔާ 

"ޖުޑީޝަރީގެ އެންމެ ބޮޑު އެއް ދައުރު އަދާކުރަނީ ޑީޖޭއޭގެ ދަށުން މަސައްކަތް ކުރާ ކޯޓުތަކުގެ މުވައްޒަފުން. އެހެންވީމާ އަޅުގަނޑު ހުރިހާ މެންބަރުންގެ ކިބައިން ވެސް އެދެން މި އިސްލާހަށް ތާއީދުކޮށްދެއްވުމަށް،" ޖޭއެސްސީގައި މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންނަވާ ހިސާން ވިދާޅުވި އެވެ. 

ގުޅުންހުރި - އޭނާ ވިދާޅުވީ ކޮމިޓީ އިން ބަޖެޓް ފާސްކުރި އިރު، މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ މުސާރަ ބޮޑުކުރަން ބަޖެޓުގައި ހިމަނާފައި ވަނީ ފަނޑިޔާރުންގެ މުސާރަ ބޮޑުކުރާނެ ފައިސާއާ އެކު ކަމަށެވެ. އަދި ފަނޑިޔާރުންގެ މުސާރަ ބޮޑުކުރަން ހުށަހަޅާ އާ އޮނިގަނޑު މިހާރު ޖޭއެސްސީގެ ފަރާތުން މަޖިލީހަށް ފޮނުވާފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. 

"އެހެން ވީމާ މި ބަޖެޓް ކޮމިޓީއިން ފާސްވެގެން އައިސްފައި މި ވަނީ ފަނޑިޔާރުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނަ ގޮތަށް،" ހިސާން ވިދާޅުުވި އެވެ.

މީގެ އިތުރަަށް އޭނާ ވަނީ ޝަރުއީ ދާއިރާއަށް ކޮންމެހެން މުހިންމުވެފައިވާ ކަންކަން ކުރުމަށް ބަޖެޓު ކޮމިޓީން ބަޖެޓަށް ފައިސާ އިތުރުކޮށްފައި ވާތީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. އެގޮތުން ހިސާން ފާހަގަކުރެއްވި ކަންކަމަކީ: 

  • ބާވެފައިވާ ކްރިމިނަލް ކޯޓު ހިންގުން ހުޅުމާލޭގެ އާ އިމާރާތަކަށް ބަދަލުކުރަން 15 މިލިއަން ރުފިޔާ

  • ހައި ކޯޓުގެ މަސައްކަތްތައް އަވަސް ކުރަން އިތުރު މުވައްޒަފުން ނެގުމަށް ބޭނުންވާ ފައިސާ

  • މަދަނީ އިޖުރާއަތުގެ އާ ގާނޫނުގެ ދަށުން ހަދާ ސިވިލް ޕްރޮސީޖާ ކޯޑުގެ މަސައްކަތްތަކަށް ފައިސާ ހިމެނުން

ހިސާން ވިދާޅުވިގޮތުގައި އޭނާގެ އެދުމަކީ ބަޖެޓުގައި ހިމަނައި ފާސްކުރާ ކަންކަން ހުއްޓުމެއް ނެތި އެގޮތުގައި ކުރިއަށް ދިޔުމެވެ. އަދި އޭނާގެ ދާއިރާ ތުޅާދޫ ދާއިރާ ހިމެނޭ ގޮތުން ހުރިހާ ދާއިރާއެއްގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް ނުހުއްޓާލާ އަންނަ އަހަރު ކުރިއަށް ގެންގޮސްދެއްވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް