ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފަސް ކެންޑިޑޭޓުން މާލީ ބަޔާންގައި މައްސަލަ އުޅޭތީ ފިޔަވަޅު އަޅަން ވަނީ ނިންމާފައި (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

މާލީ ބަޔާން ގޯސްކޮށް ހުށަހެޅި 5 ރިޔާސީ ކެންޑިޑޭޓަކަށް ފިޔަވަޅު އަޅަން އީސީން ނިންމައިފި

ގާނޫނުގައި ބުނާ ގޮތަށް މާލީ ބަޔާން ހުށަހެޅީ ތިން ކެންޑިޑޭޓުން ކަމަށް އީސީއިން ބުނޭ

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން ފަސް ކެންޑިޑޭޓުންގެ މާލީ ބަޔާންތަކަކީ ގާނޫނުގައި ބުނާ 'މިންގަނޑަށް ނުފެތޭ' މާލީ ބަޔާންތަކެއް ކަމަށް ވާތީ އެ ކެންޑިޑޭޓުންގެ އިންތިހާބީ އެޖެންޓުންނަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ރިޔާސީ ކެންޑިޑޭޓުންގެ މާލީ ބަޔާންތަކާ ގުޅޭ ގޮތުން ކޮމިޝަންގެ ބައްދަލުވުމުގައި ނިންމި ބައެއް ނިންމުންތައް އެ ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އިސްމާއިލް ހަބީބު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހާމަ ކުރައްވާފަ އެވެ.

ބުނީ ކީކޭ؟ - "ރިޔާސީ އިންތިހާބު 2023 ގެ ކެންޑިޑޭޓުންގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނުން ދިރާސާ ކުރުމަށް ފަހު، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކަށް ނުފެތޭ 5 ކެންޑިޑޭޓަކަށާއި އެ 5 ކެންޑިޑޭޓުންގެ އިންތިހާބީ އޭޖެންޓުންނަށް ގާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަން ކޮމިޝަނުގެ މިއަދުގެ ޖަލްސާ އިން ފާސްކޮށްފި،" ހަބީބުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ތަފްސީލް -  ހަބީބު ވިދާޅުވި ގޮތުގައި ގާނޫނުގައި ބުނާ މިންގަނޑުތަކަށް ފެތެނީ ތިން ކެންޑިޑޭޓުންގެ މާލީ ބަޔާނެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފްސީލު މިއަދު ކޮމިޝަނުން ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެނގުން މުހިންމު - އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނާ ގޮތުން ކޮންމެ ކެންޑިޑޭޓަކު ވެސް އިންތިހާބާ ގުޅޭ އެންމެހާ ހަރަދުތައް ކުރުމަށް ހާއްސަ އެކައުންޓެއް ހުޅުވަން ޖެހެ އެވެ. އެގޮތުން:

  • ހުރިހާ ހަރަދެއް ކުރަން ޖެހެނީ، އެ އެކައުންޓު މެދުވެރިކޮށް؛ ފައިސާގެ ކަންކަން ބަލަހައްޓަނީ ކެންޑިޑޭޓަކު ނުވަތަ އޭނާގެ އިންތިހާބީ އެޖެންޓް

  • ކުރެވޭނެ ހަރަދުގެ މިންވަރަކީ، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 2،000ރ. ގެ މަގުން؛ ރިޔާސީ އިންތިހާބުގައި އެ އަދަދަކީ 5.65 މިލިއަން ރުފިޔާ

އެ ގާނޫނުގެ 75 ވަނަ މާއްދާގެ (ށ)ގައި ބުނާ ގޮތުން މާލީ ކަމެއްގައި ގާނޫނުގައި ބުނާ ގޮތާ ހިލާފަށް ކަމެއްކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ:

  • އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑު މިނަށް ބަލައި، 3-8 އަހަރާ ދެމެދު މުއްދަތަކަށް ޖަލަށް ލުން

  • ނުވަތަ 36،000-96،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް