ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މަޖިލީހުގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)
ސިރާޖު މަޖިލިސްގައި ސަރުކާރު ތަމްސީލް ކުރާ ޕާޓީގެ ލީޑަރަކަށް
ރައްޔިތުން މަޖިލީހުގައި ސަރުކާރު ތަމްސީލް ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) ލީޑަރެއްގެ ގޮތުގައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - މިއަދުގެ މަޖިލިސް ޖަލްސާ ފެއްޓެވުމަށް ފަހު މަޖިލީހުގެ ރައީސް ހިތަދޫ އުދުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިއުލާން ކުރެއްވި ގޮތުގައި ޕީއެންސީގެ ޕީޖީ ލީޑަރެއްގެ ގޮތުގައި އެ ޕާޓީއިން ހަމަޖައްސާފައި ވަނީ މޫސާ ސިރާޖު އެވެ. އަދި އެކަން އެ ޕާޓީއިން މަޖިލިސްއަށް އަންގަވާފައިވާ ކަމަށް ވިދާޅުވި އެވެ.
-
މިހާރުގެ ރައީސް މުހައްމަދު މުއިއްޒު އިންތިހާބުވެ ވަޑައިގެންފައި ވަނީ ޕީއެންސީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިގެން
އެނގުން މުހިންމު - މީގެ ކުރިން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު ސިރާޖު އެ ޕާޓީއިން ވަކިވެ ޕީއެންސީއަށް ސޮއިކުރައްވާފައި ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސް ވަރު އެވެ. ޕީއެންސީގެ ޕީޖީ ލީޑަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު އާބަންކޯގެ އެމްޑީގެ މަގާމާ ހަވާލުވުމަށް މިދިޔަ ހަފްތާ މެންބަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.
-
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ޖެހޭ ބިލްތައް ހުށަހެޅޭނީ މަޖިލީހުގައި ސަރުކާރު ތަމްސީލް ކުރާ ޕާޓީގެ މެންބަރެއް މެދުވެރިކޮށް
ފާހަގޮށްލެވޭ - މިހާރު މަޖިލީހުގައި ސަރުކާރު ތަމްސީލް ކުރައްވާ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ ސިރާޖާ އެކު ތިން މެންބަރުންނެވެ. އެއީ:
-
އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) - ޕީޕީއެމް ޕީޖީގެ ލީޑަރު
-
ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް
މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އެވެ. އަދި ދެވަނަ އަށް އެންމެ މެންބަރުން ގިނަ ޕާޓީ ނުވަތަ މައިނޯރިޓީ ލީޑަރަކީ ދަ ޑިމޮކްރެސްޓް ޕާޓީ ތަމްސީލް ކުރައްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.