ކުރީގެ ޖެންޑަ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ: އޭނާގެ މައްޗަށް ދައުވާކޮށްދޭން އެޗްއާރުސީއެމް އިން އެދުނަސް، ޕީޖީން ވަނީ ހެކި ނެތް ކަމަށް ބުނެ ދައުވާ ނުކުރަން ނިންމާފައި. (ފައިލް ފޮޓޯ/އާކް)
ޒެނީޝާއަށް ދައުވާ ނުކުރަން ނަޝީދު ވިދާޅެއް ނުވޭ؛ ނުކުރި ސަބަބު ކޯޓުން ސާފުވާނެ: ޕީޖީ
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި 2017ގައި ހިނގި ހާދިސާއާ ގުޅިގެން އެޗްއާރްސީއެމް އިން ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވި 30 މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އޭރުގެ ޖެންޑަ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއަށް ދައުވާ ނުކުރަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް އެއްވެސް ފަރާތެއްގެ ނުފޫޒު ނާންނަ ކަމަށް ޕީޖީ ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ. ޕީޖީ ވިދާޅުވީ ޒެނީޝާ އާއި ފުލުހުންގެ އިސް ވެރިއަކަށް ދައުވާ ނުކުރަން ނިންމެވި ސަބަބު ކޯޓުގައި ސާފުކޮށްދެއްވާނެ ކަމަށެވެ.
ވީ ކިހިނެއް؟ - ފުލުހުންނާއި ސިފައިންނާ ގުޅިގެން ޖެންޑާ މިނިސްޓްރީން 2017ގައި ހިންގި ހަރަކާތްތަކެއްގައި، އެ މުއައްސަސާތަކުގެ ބައެއް މުވައްޒަފުން ކުޑަކުދިންގެ ހިޔާގެ ކުދިންނާ ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، ބައެއް ކުދިންގެ އަތުގައި ބިޑި އަޅުވައި ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދިން ކަމަށް ތުހުމަތުކުރާ މައްސަލައިގައި ދައުވާ އުފުލީ ދަށް ރޭންކުގެ 13 ފުލުހަކަށެވެ.
އެ މައްސަލައިގައި އޭރުގެ ޖެންޑާ މިނިސްޓަރު ޒެނީޝާ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ، ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރަށް ވެސް ދައުވާކޮށްދޭން އެޗްއާރްސީއެމް އިން އެދުނެވެ. ނަމަވެސް ޕީޖީ ނިންމެވީ އެ މީހުންނަށް ދައުވާ ނުކުރުމަށެވެ.
އެނގުން މުހިންމު - އެ މައްސަލައިގައި ޒެނީޝާއަށް ދައުވާ ނުކުރަން ނިންމި އިރު، ޒެނީޝާގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު މުހައްމަދު ނަޝީދާއި ސިޔާސީ ވެރިން ވަނީ ވާހަކަދައްކަވައިފަ އެވެ. ނަޝީދު ވިދާޅުވީ ޒެނީޝާއަށް ދައުވާކޮށްގެން މުޖުތަމައަށް ވާނެ ފައިދާއެއް ނެތް ކަމަށެވެ.
ބުނީ ކީކޭ؟ - ޕީޖީ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ، އެ މައްސަލައިގައި އެއްވެސް މީހެއްގެ ނުފޫޒެއް އެއްވެސް އިރެއްގައި ނެތް ކަމަށެވެ. ކުރީގެ ރައީސް ނަޝީދު ވެސް އެ މައްސަލައިގައި ވަކި ގޮތަކަށް އަމަލުކުރަން ވިދާޅުވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ނަޝީދުގެ ފަރާތްޕުޅަކުން އަޅުގަނޑަކަށް ދުވަހަކު ވެސް އެކަހަލަ ނުފޫޒެއް ނާދޭ. އަދި އެހެން މީހެއްގެ ފަރާތުން ވެސް އަޅުގަނޑަށް ގުޅުއްވާފައެއް [ނުދައްކަވާ]. އާންމުންގެ ތެރޭގައި ދައްކަވާފާނެ. އެކަމަކު އަޅުގަނޑަށް ގުޅުއްވާފައެއް ނޫނީ އިޝާރާތްކުރައްވާފައެއް އެކަހަލަ ވާހަކައެއް ދައްކަވާފައެއް ނެތް،" ޝަމީމް ވިދާޅުވި އެވެ.
އަޅުގަނޑު ކުރިމައްޗަށް އަންނަނީ ނަމެއް ނޫން، މީހާގެ އާއިލާއެއް ނޫން، މީހާގެ މަގާމެއް ނޫން. އަޅުގަނޑު ކުރިމައްޗަށް އަންނަނީ ނަންބަރެއް. އެ ނަންބަރު ދިމާވަންޏާ ކުރިއަށް ދާނީ. ނުވަންޏާ ކުރިއަކަށް ނުދާނެ.
ޝަމީމް ވިދާޅުވި ގޮތުގައި، މައްސަލައެއްގައި ދައުވާކުރުމާ މެދު ގޮތް ނިންމަވާ އިރު، ތުހުމަތު ކުރެވޭ މީހާއާ މެދު އޭނާ ދެކެވަޑައިގަންނަވާ ގޮތް މުހިންމެއް ނޫނެވެ.
"އަޅުގަނޑު ކުރިމައްޗަށް އަންނަނީ ނަމެއް ނޫން، މީހާގެ އާއިލާއެއް ނޫން، މީހާގެ މަގާމެއް ނޫން. އަޅުގަނޑު ކުރިމައްޗަށް އަންނަނީ ނަންބަރެއް. އެ ނަންބަރު ދިމާވަންޏާ ކުރިއަށް ދާނީ. ނުވަންޏާ ކުރިއަކަށް ނުދާނެ،" ޝަމީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޯޓުގައި ދައުވާކުރާ ސަބަބުތައް ކިޔައިދިނީމަ އެނގިވަޑައިގަންނަވާނެ ކީއްވެކަން އެއް ބައި މީހުންގެ މައްޗަށް ދައުވާކޮށްފައި އަނެއް ބައި މީހުންގެ މައްޗަށް ނުކުރީ."
ޝަމީމް ވިދާޅުވީ އެފަދަ އެއްވެސް ނުފޫޒެއް އަންނަ ހިސާބުން މަގާމުގައި ހުންނަވަން ބޭނުންނުވާ ކަމަށެވެ.
ދައުވާކޮށްދޭން އެދި އެޗްރާއުސީއެމް ފޮނުވި 30 މީހުންގެ ތެރެއިން ދައުވާ އުފުލަން ނިންމީ:
-
13 ފުލުހަކަށް
-
އޭގެ ތެރޭގައި ހިމެނެނީ ތިން އަންހެން އޮފިސަރުންނާއި 10 ފިރިހެން އޮފިސަރުން
-
އެ މީހުންގެ މައްޗަށް ދައުވާ އުފުލީ އެންޓި ޓޯޗާ ގާނޫނުގެ ދަށުން
-
އުފުލާފައިވަނީ ރަހުމު ކުޑަ، ލާއިންސާނީ އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ
-
ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެއް
'ހިޔާގެ މައްސަލަތައް ގިނަ'
މިހާރު ކޯޓަށް ހުށަހަޅާފައި ވަނީ ފެރީ މަތީގައި ކުދިންތަކެއްގެ އަތުގައި ބިޑި އެޅުވި މައްސަލަ ކަމަށާއި ނަމަވެސް ހިޔާއާ ގުޅޭ ގޮތުން ވަރަށް ގިނަ މައްސަލަތަކެއް އަދިވެސް އެބަހުރި ކަމަށް ޝަމީމް މިއަދު ވިދާޅުވި އެވެ.
"އަޅުގަނޑު އިރާދަކުރެއްވިއްޔާ އެ މައްސަލަތައް ކޮޅެއްގައި ޖެހެންދެން މިކަން ކުރިއަށް ގެންގޮސް ދޭނަން،" އޭނާ ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވީ ކުޑަކުދިންނާ މެދު އެފަދަ އަމަލުތަކެއް ހިންގުމަށް ފަހު، އެކަމުން ރެކިގެން ނުދެވޭނެކަން ފުލުހުންނާއި ދައުލަތް ހިންގަން ތިބި އެންމެނަށް ވެސް އެނގެންޖެހޭ ކަމަށެވެ.
ގުޅުންހުރި ކަމެއް - ކުޑަކުދިންގެ ހިޔާގެ ކުދިންތަކަކަށް 2017ގައި އެ ތަނުގައި މަސައްކަތް ކުރި މުވައްޒަފުންތަކެއް އަނިޔާކުރި މައްސަލައެއް ވެސް ފެންމަތިވެފައިވެ އެވެ. އެ މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް އެދި ރިޔާސީ ކޮމިޝަނުން ޕީޖީ އޮފީހަށް ހުށަހެޅުމުން ހަ މީހަކަށް ވަނީ ދައުވާކޮށްފަ އެވެ.
އިތުރަށް ކިޔާލަން -