އުސްފަންގަނޑު ސަރަހައްދުގައި ބަޔަކު މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެއިޑްސްއަށް ފަރުވާ ހޯދާ 22 މީހުން ރާއްޖޭގައި އެބަތިބި

1991 ވަނަ އަހަރު ރާއްޖޭން އެއިޑްސް ބަލި ފެނުނު ފަހުން މިހާތަނަށް40 މީހަކަށް އެ ބަލި ޖެހިފައިވޭ

އެއިޑްސް ބައްޔަށް ފަރުވާ ހޯދާ 22 މީހުން ރާއްޖޭގައި އެބަތިބި ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - މިއަދު ފާހަގަ ކުރާ އެއިޑްސް ބަލީގެ ދުވަހާ ގުޅިގެން، އެ މިނިސްޓްރީ އިން މީޑިއާއާ ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު 1991 ވަނަ އަހަރު ރާއްޖޭން އެއިޑްސް ބަލި ފެނުނު ފަހުން މިހާތަނަށް40 މީހަކަށް އެ ބަލި ޖެހިފައިވެ އެވެ.

  • އެއީ 6 އަންހެނުންނާއި 34 ފިރިހެހުން

ތަފްސީލް - މިނިސްޓްރީ އިން ބުނީ ރާއްޖޭގައި އެއިޑްސް ޖެހުނު 15 މީހަކު މަރުވެފައިވާ ކަމަށާއި 22 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށެވެ.

ހިއުމަން އިމިއުނޯޑެފިޝެންސީ ވައިރަސް (އެޗްއައިވީ)ގެ ޒަރިއްޔާ އިން ޖެހޭ އެއިޑްސް ބައްޔަށް ރާއްޖޭގައި ދޭ ފަރުވާ އަކީއެންޓިރެޓްރޯ ވައިރަލް ޓްރީމަންޓެވެ.

މުޅިން ހިލޭ މި ފަރުވާ ދޭއިރު، އެޗްއައިވީ އިން ރައްކާތެރިވުމުގެ ގޮތުން ދޭ ޕްރީ އެކްސްޕޯޒާ ޕްރޮފިލެކްސިސް (ޕްރެޕް) ފަރުވާ ވެސް ރާއްޖޭން ލިބެން ހުރެ އެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ އެއިޑްސް ދުވަހާ ގުޅިގެން މާލެ އާއި ރާއްޖޭގެ ރަށްރަށުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކާއި މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އެޗްއައިވީ ފެތުރޭ ގޮތް

  • ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގުން

  • ސިރިންޖު ނުވަތަ ކަށި ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރާއިރު، އެކަކު ބޭނުންކޮށްފައި ހުންނަ ކަށި ފަދަ ތަކެތި އަނެކަކު ބޭނުންކުރުން

  • އެޗްއައިވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރުއާއި ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުން ކިރުދިނުމުގެ ތެރޭގައި 

  • އެޗްއައިވީ ޖެހިފައިވާ މީހެއްގެ ލެޔަށް ހުށަހެޅުން

ބަލިން ރައްކާތެރިވެވޭނެ ގޮތްތައް

  • އެޗްއައިވީ ޖެހިފަ ނުވާ ވަފާތެރި އެއް ބައިވެރިއަކާ އެކު ޖިންސީ ގުޅުން ހިންގުމުން ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރެވޭނެ

  •  ޖިންސީ ގުޅުން ހިންގާއިރު ކޮންޑަމް ނުވަތަ ހުރަސް ބޭނުން ކުރުން

  • ސިއްހީ ހިދުމަތްތެރިންގެ ލަފާގެ މަތިން އެޗްއައިވީ އިން ރައްކާތެރިވުމަށްޓަކައި ދެވޭ ފަރުވާ ކަނޑައެޅިފައިވާގޮތުގެ މަތިން ފުރިހަމަކުރުން

  • އެކަކު ބޭނުންކޮށްފައި ހުންނަ ސިރިންޖު ނުވަތަ ކަށި ފަދަ ތަކެތި އަނެކަކު ބޭނުން ނުކުރުން

  • މާބަނޑު ދުވަސްވަރު ދުރާލާ އެޗްއައިވީ އަށް ޓެސްޓު ކޮށް ޕޮޒިޓިވް ވެއްޖެނަމަ ކަނޑައެޅިފައިވާ ފަރުވާ ފުރިހަމަކުރުމުން ދަރިފުޅަށް އެޗްއައިވީ ވާސިލްވުމުން ރައްކާތެރި ކުރެވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް