ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް، ރައްޔިތުންގެ މަޖިލީހުގައި

ޕީޕީއެމް

މަލީހު ޕީޕީއެމް އިން ވަކިކޮށްފި، 'އެކަން ކުރީ ގަވައިދާ ހިލާފަށް'

މަލީހު ސަސްޕެންޑްކޮށް އޭނާގެ މައްސަލަ ސުލޫކީ ކޮމިޓީއަށް ހުށަހަޅާފައިވަނީ އިއްޔެ
23 ނޮވެމްބަރު 2023

ޕީޕީއެމް ބަދުނާމުކޮށް، ޕާޓީ ބައިބައިކުރުމުގެ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށް ތުހުމަތުކޮށް މައްސަލަ އެ ޕާޓީގެ ސުލޫކީ ކޮމިޓީން ބެލުމަށް ފަހު، ޕީޕީއެމްގެ ސެނެޓަރެއްގެ މަގާމުގައި ހުންނެވި މުހައްމަދު މަލީހް ޖަމާލް އެ ޕާޓީން ވަކިކޮށްފި އެވެ.

ވީ ކިހިނެއް؟ - ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް ހިންގަން ނެންގެވި ކަމަށް ބުނާ ކޮމިޓީގެ ވެރިޔަކަށް ހުންނަވައިގެން، ޕާޓީގެ ހުއްދައަކާ ނުލައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި މައްސަލާގައި، ޕީޕީއެމްގެ ލީޑާޝިޕުން މަލީހު ސަސްޕެންޑްކޮށް، އޭނާގެ މައްސަލަ ސުލޫކީ ކޮމިޓީއަށް ހުށަހަޅާފައިވަނީ އިއްޔެ އެވެ.

އެ މައްސަލަ ބެލުމަށް ފަހު މަލީހު ޕާޓީން ވަކިކުރަން ކޮމިޓީން ނިންމާފައިވާ ކަން އަންގައި މިއަދު މަލީހަށް ފޮނުވާފައިވާ ސިޓީގައި ސޮއިކުރައްވާފައިވަނީ ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ، އާ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އެވެ.

ތަފްސީލް - ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާއާ ހިއްސާކޮށްފައިވާ އެ ސިޓީގައި ވާގޮތުން، މައްސަލަ ބެލިއިރު ސުލޫކީ ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަމަކީ:

  • އަންގާރަ ދުވަހުގެ ރޭ މަލީހު އިސްވެ ހުންނަވައިގެން ޕާޓީ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މަލީހު ވާހަކަ ދައްކަވާފައިވަނީ ޕާޓީގެ ލީޑާޝިޕާއި ޕާޓީގެ ސެނެޓާ އެއްވެސް މަޝްވަރާއެއް ކުރެވިގެން ނޫންކަން

  • ޕާޓީގެ އިދާރީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ ގުޅޭ ގޮތުން މަލީހު އިތުރުފުޅު ހައްދަވާފައިވާކަން

  • ޕާޓީ އިދާރީ ގޮތުން ހިންގުމަށް ކޮމިޓީއެއް އެކުލަވާލާފައި ވަނީ ލީޑާޝިޕާއި ސެނެޓުގެ މަޝްވަރާއެއް ނެތި މަލީހު އަމިއްލަފުޅަށްކަން

  • ޕްރެސް ކޮންފަރެންސްގައި ދެއްކެވި ވާހަކަތަކުން މެމްބަރުންގެ މެދުގައި ފިތުނަ އުފެދުމުގެ ފުރުސަތު ދެވި، ޕާޓީ ބައިބައި ކުރުމުގެ މަސައްކަތްތަކެއް މަލީހު ކުރެއްވިކަން

އޭގެ އިތުރުން، ޕާޓީގެ ލީޑާޝިޕާ މެދު ޕާޓީގެ އާންމު މެމްބަރުންގެ ހިތުގައި ނަފްރަތު އުފެދޭ ފަދަ ވާހަކަތައް މަލީހު ދައްކަވާފައިވާ ކަމަށާއި، ޕާޓީގެ ފަރާތުން އޭނާ ސަސްޕެންޑް ކޮށް އެކަން އެންގުމަށް ފަހު ވެސް މަލީހު ޕާޓީގެ ނަމުގައި ތަފާތު ކަންކަން ކޮށް، އެއްވެސް ހައިސިއްޔަތެއް ނެތި ޕާޓީއާ ގުޅޭ ވާހަކަތައް މީޑިއާ އާ ވެސް ހިއްސާ ކޮށްފައިވާ ކަމަށް ސިޓީގައިވެ އެވެ.

އަދި ޔާމީންގެ ނަމުގައި އިތުރުފުޅު ހައްދަވައި، އޭނާގެ އަބުރާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ މޭރުމަކުން މަލީހު ވާހަކަ ދައްކަވާފައިވާކަން ވެސް ސުލޫކީ ކޮމިޓީން ފާހަގަކޮށްފައިވެ އެވެ.

ސިޓީގައި ވާގޮތުން، އެ މައްސަލައާ ގުޅިގެން ދެ ފަހަރެއްގެ މަތިން މަލީހު ކޮމިޓީއަށް ހާޒިރުވާން އެންގި ނަމަވެސް، އެ ދެންނެވުމަށް އޭނާ އިޖާބަދީފައެއް ނުވެ އެވެ.

މަލީހުގެ ބަސް - މަލީހު ތުހުމަތު ކުރައްވާ ގޮތުގައި، އޭނާ ސަސްޕެންޑު ކުރިކަން އަންގައި ފޮނުވާފައިވާ ސިޓީއަކީ ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މަގާމުން ވަކިވި ފަހުން، "ޕާޓީގެ ލެޓާހެޑްގެ ނާޖާއިޒު ބޭނުން ހިފާ، ސްޓޭމްޕް ނުކޮށް އާންމުކޮށްފައިވާ ފޭކު ސިޓީއެ"ކެވެ.

އެހެންކަމުން އެ ސިޓީގެ މައްޗަށް ސުލޫކީ ކޮމިޓީ ބޭއްވުމަކީ ޕާޓީގެ އަސާސީ ގަވާއިދު ތަންދޭ ކަމެއް ނޫން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. ނަމަވެސް، ހީނާ ވިދާޅުވީ، ޕާޓީއިން ފޮނުވާ އެއްވެސް ސިޓީއެއް މީގެ ކުރިން ވެސް ސްޓޭމްޕް ނުކުރާ ކަމަށެވެ.

"ޕާޓީގެ އިޖުރާތުކަކާއި ހިލާފަށް މިކަންކުރި ފަރާތް ތަކަށް ފިޔަވަޅު އަޅަންޖެހޭ. ސުލޫކީ ކޮމިޓީ ވަނީ ޕާޓީގެ އަސާސީ ގަވާއިދު މުގުރާލާފައި. އެކޮމިޓީގެ ބޭފުޅުން ޕާޓީގެ އޮފީހަށް ހާޒިރު ނުވޭ. ސިޓީ ސޮއި ކުރި ދެ ނައިބުން އޮފީހަށް ހާޒިރު ނުވޭ. މިއީ ހިންގި ޖަރީމާއެއް. ބަލާ ފިޔަވަޅު އަޅަންޖެހޭ،" މަލީހު 'އެކްސް'ގައި ވިދާޅުވި އެވެ.

21/11/2023؛ ޕީޕީއެމް ހިންގުމަށް ޔާމީން އުފެއްދެވި ކަމަށް ބުނާ ވަގުތީ ސްޓެއަރިން ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުން(ދައުރު ފޮޓޯ/ހުސެއިން ސުނޭން)

ފާހަގަކޮށްލެވޭ - މަލީހު އިސްވެ ހުންނަވާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭގެ ކުރިން އެ ޕާޓީގެ ލީޑަޝިޕުން ނުފެންނަ ބޭފުޅުންތަކެއް އެކުވެގެން ބޭއްވި އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި އިސްކޮށް ހުންނެވީ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު އެވެ. އޭނާއާ އެކު، އިސްކޮށް ދެން ހުންނެވީ އައްބާސް އާދިލް ރިޒާ އެވެ.  

އެބޭފުޅުން ވިދާޅުވާ ގޮތުގައި 12 ބޭފުޅަކު ހިމެނޭ 'ސްޓިއަރިން ކޮމިޓީ' އުފެއްދެވީ، ޕީޕީއެމްގެ ރައީސްކަން ކުރައްވާ ޔާމީނަށް ޕާޓީގެ އަސާސީ ގަވާއިދުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމެވެ. އެކަމަކު ޔާމީނަކީ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ، ގާނޫނީ ގޮތުން އެ މަނިކުފާނުގެ އެއްވެސް ހައިސިއްޔަތެއް ޕާޓީ ހިންގެވުމުގައި މިހާރަކު ނެތެވެ.

އެހެން ނަމަވެސް، މަލީހު ޕާޓީން ވަކިކޮށް ޕީޕީއެމް އިން ފޮނުވި ސިޓީގައި ބުނަނީ މަލީހު ޔާމީންގެ ނަމުގައި އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. މަލީހު އެކަން ދޮގު ކުރައްވަ އެވެ.

"މިދަނީ ގަދަ ހިފުމަކަށް. ފުރާޅުން ޓިނު ނަގާ ކޮންކުރިޓު ސްލެބް އަކަށް ބަދަލުކޮށްފައި މިކަން ނިންމާނީ. ކަނެއްގެ އަތްދަށު ވިޔަސް ބާ ޓިނުގަނޑެއްގެ އަތް ދަށު ނުވާތި،" މަލީހު މިރޭ 'އެކްސް'ގައި ޕޯސްޓު ކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް