ޕީޕީއެމް ހިންގުމަށް ޔާމީން އުފެއްދެވި ކަމަށް ބުނާ ވަގުތީ ސްޓިއަރިން ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުން ލީޑުކުރެއްވި މަލީހު (ދައުރު ފޮޓޯ/ހުސެއިން ސުނޭން)

ޕީޕީއެމް

ޕީޕީއެމް ހިންގަން ޔާމީނު ނެގި ކަމަށް ބުނާ ކޮމިޓީގެ ވެރިޔާ މަލީހު ސަސްޕެންޑުކޮށްފި

އޭނާ ސަސްޕެންޑުކުރީ ޔާމީންގެ އެންގެވުމަށް ކަމަށް ވިދާޅުވެ، މަލީހް އިސްވެ ހުންނަވައި ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ފަހުން؛ ޔާމީން އަންގަވައިގެން ޕާޓީ ހިންގަން ކޮމިޓީއެއް އެކުލަވާލިކަން އެ ތަނުގައި އިއުލާނުކުރެއްވި
22 ނޮވެމްބަރު 2023
1

ޕީޕީއެމް ބަދުނާމުކޮށް، ޕާޓީ ބައިބައިކުރުމުގެ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށް ބުނެ، އެ ޕާޓީގެ ސެނެޓަރެއްގެ މަގާމުގައި ހުންނެވި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު އެ ޕާޓީން ސަސްޕެންޑް ކޮށްފި އެވެ.

ވީ ކިހިނެއް؟ - ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ، އާ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ސޮއިކުރައްވައި މިއަދު މަލީހަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވަނީ، ޕާޓީގެ ލީޑާޝިޕަށް ފާހަގަވެފައިވާ ކަންކަމަށް ބަލައި ޕާޓީގެ ހަރަކާތްތަކުން މަލީހު ސަސްޕެންޑުކޮށް، އޭނާގެ މައްސަލަ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް އަންގަވާފަ އެވެ.

އެ ސިޓީގައި، މިވަގުތުން ފެށިގެން ޕާޓީގެ ސުލޫކީ ކޮމިޓީން ގޮތެއް ނިންމަންދެން ޕާޓީގެ އެއްވެސް ހަރަކާތެއްގައި މަލީހު އެއްވެސް ގޮތަކަށް ބައިވެރިވެވަޑައިގެން ނުވާނެ ކަމަށް ވެސް އަންގާފައިވެ އެވެ.

ތަފްސީލް - މަލީހާ ދެކޮޅަށް މި ފިޔަވަޅުތައް އަޅާފައިވާ ސަބަބެއް ކަމުގައި އެ ސިޓީގައި ބަޔާންކޮށްފައިވަނީ ސެނެޓަރެއްގެ މަގާމުގައި ހުންނަވައިގެން ޕާޓީ ބައިބައި ކުރުމުގެ މަސައްކަތްތައް މަލީހް ކުރައްވަމުން ގެންދެވުމެވެ. އެގޮތުން، އޭނާ ކުރައްވާފައިވާ ބައެއް ކަންކަމުގެ ތެރޭގައި ސިޓީގައި ފާހަގަކޮށްފައިވަނީ:

  • ޕާޓީގެ ލީޑާޝިޕަށް ނުވަތަ ސެނެޓަށް އެންގުމެއް ނެތި އަމިއްލައަށް ކޮމިޓީތައް އުފެއްދެވުން

  • ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ޕާޓީގެ ލީޑާޝިޕް ނުވަތަ ސެނެޓުގެ މަޝްވަރާއެއް ހޯދުމެއް ނެތި، ޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުން ބާއްވައި އެ ބައްދަލުވުން ލީޑުކުރެއްވުން

  • ޕާޓީގެ އަސާސްތަކާ ހިލާފަށް ޕާޓީ ބަދުނާމުކޮށް، ޕާޓީ ބައިބައިކުރުމުގެ މަސައްކަތްތަކެއް ކުރެއްވުން

އެނގުން މުހިއްމު - ރޭ ޕީޕީއެމް އޮފީހުގައި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް، އޭގެ ކުރިން އެ ޕާޓީގެ ލީޑަޝިޕުން ނުފެންނަ ބޭފުޅުންތަކެއް އެކުވެގެން ބޭއްވި އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި އިސްކޮށް ހުންނެވީ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެވެ. އޭނާއާ އެކު، އިސްކޮށް ދެން ހުންނެވީ އައްބާސް އާދިލް ރިޒާ އެވެ.

އެ ބޭފުޅުން ވިދާޅުވީ 12 ބޭފުޅަކު ހިމެނޭ 'ސްޓިއަރިން ކޮމިޓީ' އުފެއްދެވީ، ޕީޕީއެމްގެ ރައީސްކަން ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޕާޓީގެ އަސާސީ ގަވާއިދުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމެވެ. އެކަމަކު ޔާމީނަކީ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ، ގާނޫނީ ގޮތުން އެ މަނިކުފާނުގެ އެއްވެސް ހައިސިއްޔަތެއް ޕާޓީ ހިންގެވުމުގައި މިހާރަކު ނެތެވެ.

ޕީޕީއެމްގެ ތަރުޖަމާންކަމުން ހީނާ ވަލީދު އިސްތިއުފާ ދެއްވި ކަމަށާއި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލަށް އެ ޒިންމާ ދުވަހުން ދުވަހަށް ނުނެންގެވޭނެކަން ޔާމީނަށް އެންގެވި ކަމަށް ވެސް އެ ބައްދަލުވުމުގައި ބުންޏެވެ.

އެކަން ހީނާ ވަނީ ދޮގުކުރައްވާފަ އެވެ. އަދި އެ ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން ޕީޕީއެމްގެ އިސް ބޭފުޅުންގެ ތެރޭގައި ވަނީ ބޮޑު ހަމަނުޖެހުމެއް އުފެދިފަ އެވެ.

ކޮމެންޓް (1)

ހޫން

22 ނޮވެމްބަރު 2023
މަލީހު ހާދަ ހާސްވެފައޭ މިފޮޓޯ ގަނޑުގަ...ޗަކޮޔަށް މީހަކު ބިރުދައްކަނީތަ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް