ކުރީގެ ސަރުކާރުގެ ވަޒީރުންގެ ބައްދަލުވުމެއް ތެރެއިން

ރައީސް އޮފީސް

ކުރީގެ ސަރުކާރުގެ ސެޓްލްމަންޓް ކޮމިޓީ އުވާލައިފި؛ ދޭން ނިންމާފައިވާ ބަދަލު 1 ބިލިއަން ރުފިޔާއަށް އަރާ

ސަރުކާރު ބަދަލުވުމާ ހަމަޔަށް 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި ހަރުމުދަލާއި ރަށްރަށާއި ފަޅުފަޅު ފަދަ ތަންތަން އެކި ފަރާތްތަކަށް ދިނުމަށް އެ ކޮމިޓީ އިން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނޭ

ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް ކުރީގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމެޓީ ރައީސް މުހައްމަދު މުއިއްޒު މިއަދު އުވާލައްވައިފި އެވެ.

ތަފްސީލް - ރައީސް އޮފީހުން ބުނި ގޮތުގައި:

  • ސަރުކާރު ބަދަލުވެ، އާ ރައީސް ހުވާ ކުރެއްވުމާ ހަމަޔަށް، ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކަށް ދިނުމަށް އެ ކޮމިޓީ އިން ވަނީ ނިންމާފައި

  • ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާއި ރަށްރަށާއި ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީ އިން ނިންމާފައިވާނެ ކަމަށް އަންދާޒާކުރެވޭ 

ރައީސް އޮފީހުން ބުނީ، 'ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު'ގެ ނަމުގައި މިދިޔަ އަަހަރުގެ 28 ނޮވެމްބަރުން ފެށިގެން އަމަލުކުރަމުން ގެންދަނީ، ގާނޫނީ އޮނިގަނޑެއްނެތި އަދި ގާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުސޫލަކަށް ކަމަށް ބަންޑާރަ ނާއިބު އަހްމަދު އުޝާމް ރައީސްއަށް ލަފާ ދެއްވާފައިވާ ކަމަށެވެ.

އުޝާމު ދެއްވި ލަފާގައިވާ ގޮތުން:

  • އެއީ ގާނޫނީ އޮނިގަނޑެއް ނެތި އަދި ގާނޫނީ ބާރެއް ނެތި އެކުލަވާލާފައިވާ އުސޫލެއް، އެއްވެސް އިންސާފެއް ހަމަހަމަކަމެއް ނެތި އަމަލުކުރުމަށް މަގުފަހިވާ އުސޫލެއް އަދި އެ އުސޫލު ގާނޫނުއަސާސީގެ 271 ވަނަ މާއްދާއާ ހިލާފު

  • މި އުސޫލުގެ ދަށުން މައްސަލަތައް ހައްލުކުރުމުގެ ނަމުގައި އެކި ފަރާތްތަކަށް މާލީ ބަދަލުތައް ދިނުން ފަދަ ކަންކަން ދައުލަތުގެ ބަންޑާރަ ނާއިބުގެ އޮފީހުގެ އެއްވެސް ބައިވެރިވުމެއް ނެތި އަދި އެއްވެސް ލަފައެއް ވެސް ނެތި ކުރިއަށް ގެންގޮސްފައިވަނީ ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ)އާ ހިލާފަށް 

  • ޝަރުއީ މަރުހަލާގައި މައްސަލަ ކުރިއަށް ދަނިކޮށް، ބަންޑާރަ ނާއިބު އޮފީހުގެ އެއްވެސް ލަފައެއް ހޯދުމެއް ނެތި، ކޯޓުން ބޭރުގައި މި އުސޫލުގެ ދަށުން ހައްލުކޮށްފައިވާ ފަސް މައްސަލައެއް ފާހަގަކުރެވޭ

  • މި މައްސަލަތައް ކޯޓުން ބޭރުގައި ނިންމާފައިވަނީ، ބަންޑާރަ ނާއިބުގެ ފަރާތުން ޝަރުއީ މަރުހަލާގައި ފާހަގަކުރަމުން ގެންދިޔަ ނުކުތާތަކަށް ވެސް ރިއާޔަތްކުރުމަކާ ނުލައި އަދި އެ މައްސަލަތަކުގައި ދިނުމަށް ފެންނަ ބަދަލާ ގުޅޭގޮތުން އޮޑިޓަ ޖެނެރަލް ދީފައިވާ ލަފަޔާ ވެސް ހިލާފަށް 

ގުޅުންހުރި - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް އޮފީހުގައި އުފެއްދެވި ސެޓްލްމަންޓް ކޮމިޓީ އާ ރައީސް މުއިއްޒު މިއަދު އުވާލެއްވިއިރު، ސޯލިހްގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި ދީބާޖާއަށް 64 މިލިއަންގެ ބަދަލެއް ދިނުމަށް ނިންމާފައިވާތީ ސިވިލް ކޯޓުގައި އޮތް މައްސަލަ މިހާރު ވަނީ ދީބާޖާއިން އަނބުރާ ގެންގޮސްފަ އެވެ.

އޭގެ ތެރެއިން 12 މިލިއަން ދީބާޖާއަށް ދީފައިވާއިރު، ބާކީ 51 މިލިއަން އާ ސަރުކާރުން ހުއްޓުވާފައިވާ ކަމަށްވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް