ހައުސިން މިނިސްޓަރު އަލީ ހައިދަރު. (ދައުރު ފޮޓޯ/ހުސެން ސުނޭން)

ކުރީ ސަރުކާރުގެ ފްލެޓް ލިސްޓަށް އިހުތިރާމް ކުރާކަށް ބޭނުމެއް ނޫން؛ ރިވިއުކުރާނަން: އާ ސަރުކާރު

ސަރުކާރުން ރައްޔިތުންނަށް ދޫކޮށްފައިވާ އެއްވެސް ބިމެއް ނުވަތަ ފްލެޓެއް އަތުނުލާނެ ކަމަށާއި އެގްރިމަންޓުތަކަށް އިހުތިރާމު ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވޭ
20 ނޮވެމްބަރު 2023
6

ކުރީ ސަރުކާރުން މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ހިންގި 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓް ލިބޭ މީހުންގެ ލިސްޓު ރިވިއުކުރަން ނިންމާފައިވާ ކަމަށް އާ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އާ ސަރުކާރުގެ ހައުސިން މިނިސްޓަރު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކުރީ ސަރުކާރުން ރައްޔިތުންނަށް ދޫކޮށްފައިވާ އެއްވެސް ބިމެއް ނުވަތަ ފްލެޓެއް އަތުނުލާނެ ކަމަށާއި އެގްރިމަންޓުތަކަށް އިހުތިރާމު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އާ ސަރުކާރުން މިހާރު ނިންމާފައި ވަނީ އެ އެއްބަސްވުންތަކަށް އިހުތިރާމު ނުކުރުމަށް ކަމަށެވެ.

ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ، ފްލެޓު ލިސްޓުތަކާ ގުޅިގެން އޭސީސީއަށް ހުށަހަޅާފައިވާ ޝަކުވާތަކެވެ.

ބުނީ ކީކޭ؟ - މިނިސްޓަރު ހައިދަރު ވިދާޅުވީ ނިމިމިދިޔަ ސަރުކާރުން ފްލެޓުތައް ހަވާލުކުރީ އޭސީސީން އެކަން ހުއްޓުވަން އަންގާފައިވަނިކޮށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ އެންގުމާ ހިލާފަށް ދޫކޮށްފައިވާ ނަމަ، އެއީ މިނިވަން މުއައްސަސާއަކުން ކޮށްފައިވާ އަމުރަކަށް ނުކިޔަމަންތެރިވުމެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން މި މަޑުކުރަނީ އޭސީސީން އެކަމާ ބެހޭގޮތުން ލަފައެއް އަރުވަންދެން. އަޅުގަނޑުމެން ބަލާނަން މައްސަލައަކީ ކޮބައިތޯ ބަލާފައި ރިވިއުކުރަން އަޅުގަނޑުމެން އޮތީ ނިންމާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ތަފްސީލު - ހައިދަރު ވިދާޅުވި ގޮތުގައި ރިވިއު ކުރާނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ފަހުން ދިން ފްލެޓުތަކެވެ.

"ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ދެ ވަނަ ބުރާ ދޭތެރޭ ދޫކޮށްފައި ހުރި ފްލެތުތައް ރިވިއުކުރާނަން، ލިބިފައި އޮތީ ހައްގު ބަޔަކަށް ތޯ ނޫންތޯ،" ހައިދަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އިންތިހާބީ ރައީސްގެ އޮފީސް މެދުވެރިކުރައްވާ އެއްވެސް ބިމެއް ނުވަތަ ފްލެޓެއް ދޫކުރުން މަޑުޖައްސާލަން އިލްތިމާސް ކުރެއްވި ކަމަށެވެ.

"އެހެންވީމަ އެ ހިސާބުން ދޫކޮށްފައި ހުރި އެއްވެސް ބިމެއް ނުވަތަ ފްލެޓެއް، ގެދޮރުވެރިކުރުމަށާއި ބޯހިޔާވަހިކަމަށް ދޫކޮށްފައި ހުރި އެއްވެސް ފްލެޓަކަށް މި ސަރުކާރުން ބޭނުމެއް ނޫން އިހުތިރާމް ކުރާކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ގުޅުންހުރި ކަމެއް - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ފްލެޓާއި ގޯޗަށް ފޯމު ހުށަހެޅި އެއްވެސް ފަރާތެއްގެ ފޯމު ބާތިލު ނުވާނެ ކަމަށާއި އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށް ރައީސް މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވި ފަހުން ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑު ދޭން ބޭނުންވާ ޔަގީން ކަމަކީ، އެއްވެސް ރައްޔިތަކަށް ނިކަމެތިކަމެއް އަޅުގަނޑުމެންގެ ސަރުކާރެއްގައި ނުލިިބޭނޭ... އެހެންވީމާ، އެއްވެސް ހިސާބަކަށް ގެންގޮސްފައިވާ ގެދޮރުވެރިކަމުގެ އެއްވެސް މަޝްރޫއޫއެއްގެ ސަބަބުން، ރައްޔިތަކަށް އެއްވެސް ވަރެއްގެ އުންމީދެއް ލިބުމާ ހަމައަށް ގޮސްފައިވާ އެއްވެސް ކަމެއް ބާތިލު ނުކުރާނަމޭ. ހުށަހަޅަން ޖެހޭ އެއްވެސް އެޕްލިކޭޝަނެއް އަލުން ހުށަހަޅަން ޖެހޭ ކަހަލަ ގޮތެއް މެދުވެރިއެއް ނުކުރާނަމޭ،" މުއިއްޒު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (6)

ދޮގުވެރިޔާ

20 ނޮވެމްބަރު 2023
ކައުންސިލް އިންތިހާބާ އަދި މަޖްލިސް އިންތިހާބުން ނިކަން ރިތިކޮށް ފެންނާނެ ތިތަން. އަހަރެން މިހާރު ވޯޓު ދެވުނީތީވެ މޮޔަ ހީވޭ. މިއީ 34 ވޯޓު އިނގޭ
1 1

ޢައުރެން

20 ނޮވެމްބަރު 2023
ހުރޭ. ތިޔަކަން މަޖިލިސް އަދި ކައުންސިލް ވޯޓުން ދައްކާނަން
1 0

ރިވިޔު

20 ނޮވެމްބަރު 2023
މަ ބޭނުން މަ ދިން ވޯޓު ރިވިޔުކުރަން. އެކަން ހަމަޖައްސާލަދީބަލަ މިނިސްޓަރޫ
1 0

ކެބިނެޓް

20 ނޮވެމްބަރު 2023
@ރިވިޔު ތިކަން ކޮއްފަ ވަޒީރުބޭ އެބަޖެހޭ ރިވިއުކުރަން. ތަޖުރިބާ ވަޒީރުންނޭ ކިޔާފަ ކިޔަވާ ނިންމި ގޮތައް ވަޒީރު ގޮޑީގަ އިއްތާލި މީހުންވެސް އެބަތިބި. އެވެސް ނޭގެ ކިޔެވިކަމެއް
0 0

ހާދަރު

20 ނޮވެމްބަރު 2023
އަޅެ ލިސްޓާ ކުޅެލަބަލަ. ކޮންމެ ސަރުކާރަކީވެސް އައުޓް ކޮށްލެވޭނެ އެއްޗެއް. ރަން 30 އަހަރު، ރަންރީނދޫ 3 އަހަރު، ވަގަށްނެގި 2 އަހަރު، މުށްބާރު ޔާމީނުގެ ދައުރު، ސޯލިހުގެ ދަރަނިވެރި 5 އަހަރު. މި ދުވަސްވެސް ހިނގާދާނެ
2 1

މިހުރު

20 ނޮވެމްބަރު 2023
މުއިއްޒު ދޮގު ހެދީ ދޯ
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް