ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު، ރ. ފައިނުގައި (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)
މި ސަރުކާރުގެ ބޯހިޔާވަހިކަމަށް ލީ އެއްވެސް ފޯމެއް ބާތިލެއް ނުކުރާނަން: މުއިއްޒު
ނިމެމުން މިދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ފްލެޓާއި ގޯޗަށް ފޯމު ހުށަހެޅި އެއްވެސް ފަރާތެއްގެ ފޯމު ބާތިލު ނުވާނެ ކަމުގެ ޔަގީންކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - މި ސަރުކާރުގެ 'ބިންވެރިޔާ' އަދި 'ގެދޮރުވެރިޔާ' ސްކީމްގެ ދެވަނަ ފިޔަވައްސަށް ފޯމުލާން ހުޅުވާލީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ތެރޭގަ އެވެ. އެ މުއްދަތު މިދިޔަ އަންގާރަ ދުވަހަށް ހަމަވިއިރު ފްލެޓާއި ގޯއްޗަށް 40،000 އަށްވުރެ ގިނަ ފޯމު ވަނީ ހުށަޅާފަ އެވެ.
-
އެ ފޯމުތަކާ މެދު އަމަލުކުރާނޭ ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށް އިންތިހާބީ ރައީސްގެ ސްޕޯކްސްޕާސަން މުހައްމަދު ފިރުޒުލް ވަނީ މީގެ ކުރިން ވިދާޅުވެފައި
ބުނީ ކީކޭ؟ - ހުޅުމާލޭގެ ފުރަތަމަ ފޭސްގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރުމަށް އިންތިހާބީ ރައީސް މުއިއްޒު މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި މި ސަރުކާރުން ހުޅުވާލާފައިވާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ އެއްވެސް ސްކީމަކަށް ލާފައިވާ ފޯމް ދެން އަލުން ހުށަހަޅާކަށް ނުޖެހޭނެ އެވެ. އަދި މިހާރު ލާފައިވާ އެއްވެސް ފޯމެއް ބާތިލް ނުކުރައްވާނޭ ކަމުގެ ޔަގީންކަން ދެއްވި އެވެ.
"އަޅުގަނޑު ދޭން ބޭނުންވާ ޔަގީން ކަމަކީ، އެއްވެސް ރައްޔިތަކަށް ނިކަމެތިކަމެއް އަޅުގަނޑުމެންގެ ސަރުކާރެއްގައި ނުލިިބޭނޭ... އެހެންވީމާ، އެއްވެސް ހިސާބަކަށް ގެންގޮސްފައިވާ ގެދޮރުވެރިކަމުގެ އެއްވެސް މަޝްރޫއޫއެއްގެ ސަބަބުން، ރައްޔިތަކަށް އެއްވެސް ވަރެއްގެ އުންމީދެއް ލިބުމާ ހަމައަށް ގޮސްފައިވާ އެއްވެސް ކަމެއް ބާތިލު ނުކުރާނަމޭ. ހުށަހަޅަން ޖެހޭ އެއްވެސް އެޕްލިކޭޝަނެއް އަލުން ހުށަހަޅަން ޖެހޭ ކަހަލަ ގޮތެއް މެދުވެރިއެއް ނުކުރާނަމޭ،" މުއިއްޒު ވިދާޅުވި އެވެ.
ތަފްސީލު - އެކަމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ އެންމެ "ފަހު ދުވަހާ ޖެހެންދެން ވެސް" ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ކަންކަން ކުރިއަށް ގެންދިޔަ ނަމަވެސް އެކަމަށް ހުރަސް އަޅަން އެމަނިކުފާނު ބޭނުން ނުވާ ކަމަށެވެ. އެކަން ކޮންމެ މަގުސަދެއްގައި އަދި ކޮންމެ ގޮތަކަށް ހިންގި ނަމަވެސް އެ މަނިކުފާނުގެ ވިސްނުމުމަކީ އެ މަޝްރޫއު ކުރިއަށް ގެންދިޔުން ކަމަށް ވިދާޅުވި އެވެ.
"ވަރަށް ގިނަ ރައްޔިތުން ކަންބޮޑުވާ ކަމެއް މިހާރު ފުރަތަމަ ބުރުގައި ކުރިން އިއުލާން ކުރި ހައުސިން މަޝްރޫއުގެ ތެރެއިން ގޯތި އަދި ފްލެޓް ލިބުނު ފަރާތްތައް އަދި އިހަކަށް ދުވަހު އިއުލާން ކުރީ. އަނެއްވެސް ދެވަނަ ރައުންޑަށް ހުޅުވާލުމަކީ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިންތިގާލީ މަރުހަލާގައި އެ ސަރުކާރުގެ ބޯހިޔަވަހިކަމުގެ މަޝްރޫއުއަށް ކުރިމަތިލީ ފަރާތްތަކަށް އޭރުގެ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ލިޔުން ހަވާލު ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ، މި ސަރުކާރުން ހަމަ އެންމެ ފަހު ދުވަހާ ޖެހެންދެން ވެސް އެގޮތަށް ރައްޔިތުންނަށް، ދެން ކޮންމެ މަގްސަދެއްގައި ވިޔަސް، ކޮންމެ ގޮތަކަށް އެކަން ހިންގި ނަމަވެސް، ގެދޮރުވެރިކަމާ ބެހޭ މުހިންމު ކަމެއްގައި މިގޮތަކަށް މި މުއާލަމާލާތް ކުރެވެމުން މިދިޔަ ނަމަވެސް ހުއްޓުވާކަށް ބޭނުމެއް ނުވޭ."
މި ސަރުކާރުން ހުޅުވާލާފައިވާ ބީހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން ވެރިކަމާ ހަވާލުވާއިރު އިވެލުއޭޓް ނުކޮށް ހުންނަ ފޯމުތައް އިވެލުއޭޓް ކުރާނީ މިހާރަށް ވުރެ ރަނގަޅަށް، އިންސާފުވެރިކޮށް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަން ކުރާނީ ވީހާވެސް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭ ގޮތަކަށް ކަމަށެވެ.
މާލެ ސަރަހައްދުން ހިއްކަން ނިންމާފައިވާ ސަރަހައްދުތައް ވެރިކަމުގެ ފުރަތަމަ ދެ މަސް ތެރޭ ހިއްކަން ފަށާނެ ކަމަށް ވިދާޅުވާ ވިދާޅުވުން މުއިއްޒު މިއަދު ވެސް ތަކުރާރުކުރެއްވި އެވެ.
"އިރާދަކުރެއްވިއްޔާ، އެއަށްވުރެ އަވަހަށް ހަމަ ފުރަތަމަ މަސް ތެރޭ ވެސް [ބިން ހިއްކަން] ފެށޭތޯ ބަލާނަން،" މުއިއްޒު ވިދާޅުވި އެވެ.
އެނގުން މުހިންމު - މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހިން ގޯއްޗާއި ފްލެޓަށް އިއުލާންކޮށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން ގޯތި ލިބޭ މީހުންގެ ލިސްޓެއް އޮތީ އާންމުކޮށްފަ އެވެ. އެގޮތުން:
-
އެ ފަރާތްތަކަށް ދޭ ގޯއްޗާއި އަތުނުލާނެ ކަމަށް މުއިއްޒު ވަނީ ރިޔާސީ ކެމްޕެއިންގައި ވައުދުވެވަޑައިގެންފައި
-
ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރުން މިހާރު ދަނީ ކުރިއަށް
-
ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް ނެރުނު ނަމަވެސް ދާއިމީ ލިސްޓް އަދި ނުނެރޭ
ކޮމެންޓް (1)
ޙުސެންރީން