އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު (ދައުރު ފޮޓޯ/ހުސެން ސުނޭން)

ޝަރުތުހަމަ ނުވާ ބަޔަކަށް ފްލެޓު ދީފައިވާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރާ އެކު، ފްލެޓް ހަވާލުނުކުރަން މުއިއްޒު އެދިއްޖެ

އުސޫލުން ބޭރުން ކަންކަން ކޮށްފައިވާ ނަމަ، އެ ލިސްޓު އެކުލުވާލި "ފަރާތްތަކާ މެދު ވެސް ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެ" ކަމަށް ފިރުޒުލް ވިދާޅުވި

ބޭއިންސާފުން ބަޔަކަށް ފްލެޓް ދިނުމަށްޓަކައި މަސައްކަތްކޮށްފައިވާ ނަމަ، އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރާ އެކު، 'ގެދޮވެރިޔާ' ސްކީމުގެ ދަށުން މިހާރު ނެރެފައިވާ ފްލެޓް ލިސްޓަށް ފްލެޓް ހަވާލުނުކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން މިއަދު ސަރުކާރަށް ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - އެކަން ހާމަކުރެއްވީ، އިންތިހާބީ ރައީސްގެ އޮފީހުން މިއަދު މ. ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް އެވެ.

ތަފްސީލު - ނޫސްވެރިންގެ ބައްދަލުވުން ފެއްޓެވުމަށް ފަހު، އެންމެ ފުރަތަމަ ވެސް ފިރުޒުލް ވާހަކަ ދެއްކެވީ، މިދިޔަ ހޮނިހިރު ދުވަހު ސަރުކާރުން ނެރުނު ފްލެޓް ލިސްޓުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުންނެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • އެ ލިސްޓާ ގުޅޭ ގޮތުން އަދި މިހާރު އިމާރާތްކުރަމުންދާ 4،000 ފްލެޓް ލިބޭ މީހުންނަށް ޕޮއިންޓް ދީފައިވާ ގޮތާ ގުޅޭ ގޮތުން އިންތިހާބީ ރައީސްގެ އޮފީހަށް ގިނަ ޝަކުވާތަކެއް ދަނީ ލިބެމުން؛ އޭގެ އިތުރުން ވެސް، އެ ލިސްޓާ މެދު އާންމުންގެ ހުރި ކަންބޮޑުވުންތައް ސޯޝަލް މީޑީއާގައި ވެސް ދަނީ ތިލަވަމުން

  • މައިގަނޑު ޝަކުވާ އަކީ 4،000 ފްލެޓް ލިބިފައިވާ މީހުން ނުވަތަ އިސްކަން ދޭން ޖެހޭ މީހުން ކަނޑައެޅުމުގައި ޕޮއިންޓް ދީފައިވާ ގޮތާއި މުޅި މަސައްކަތް ގެންގޮސްފައިވާ ގޮތާ ގުޅޭ ގޮތުން

  • މި ޝަކުވާތައް ބަލައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ވަނީ، ވަކި މަގުން ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ބައެއް ކަންކަން މަޑުޖައްސާލުމަށް އަންގާފައި

"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ގޮވާލެއްވުމަކީ އަދި ހަމަ އެހެންމެ އެދިވަޑައިގަތުމަކީ މި މަސައްކަތާ ގުޅޭ ގޮތުން މިހާ ބޮޑެތި ކަންބޮޑުވުންތަކެއް އަދި މިހާ ގިނަ ޝަކުވާތަކެއް ހުރި އިރު، މި [އިންތިގާލީ] މުއްދަތުގެ ތެރޭގައި މި މުޅި ޕްރޮސެސްއާ ދޭތެރޭ އިތުބާރު ނެތް ގޮތަށް އަވަސް އަރުވާލައިގެން ކުރިއަށް ގެންގޮސް ނިންމުމަކީ އެއީ ވަރަށް ގިނަ މައްސަލަތަކަށް މަގުފަހުވާނެ ކަމަކަށް،" ފިރުޒުލް ވިދާޅުވި އެވެ.

އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާނު ފިރުޒުލް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. (ފޮޓޯ/އިންތިގާލީ އޮފީސް)

އާ ސަރުކާރު ވެރިކަމާ ހަވާލުވާން ނުވަ ވަރަކަށް ދުވަސް އޮތްކަން ފާހަގަކުރައްވައި މުއިއްޒުގެ ފަރާތުން ފިރުޒުލް އެދިވަޑައިގެންެވީ، އަވަސް އަރުވާލައިގެން ފްލެޓް ނުވަތަ ފްލެޓް ލިޔުނު ކަމުގެ ލިޔުން ހަވާލުކުރުމުގެ ބަދަލުގައި އެކަން މަޑުޖައްސާލުމަށެވެ.

"އެކަން މަޑުޖައްސާލައި އާ ސަރުކާރަށް އެ މަސައްކަތް ރަނގަޅަށް ކުރިއަށް ގެންދިއުމަށް ޖާގަދެއްވުން. އެއީ އިންތިހާބީ ރައީސްގެ ގޮވާލެއްވުން އަދި ހަމަ އެހެންމެ އެދިވަޑައިގަތުން ވެސްމެ،" އޭނާ ވިދާޅުވި އެވެ.

ފްލެޓް އަތުލާނެކަމުގެ އިޝާރާތެއް؛ ފިޔަވަޅު ވެސް އަޅާނެ

މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި ސަރުކާރުން ނެރޭ ފްލެޓް ލިސްޓަށް ދޭނެ ގިނަ ފްލެޓް "ވުޖޫދުގައި ނެތް ނަމަވެސް"، އެ މަނިކުފާނުގެ ސަރުކާރެއްގައި އެ ފްލެޓްތައް ލިބޭނެ އެވެ. ފިރުޒުލް މިއަދު ވިދާޅުވީ، އަދިވެސް އިންތިހާބީ ރައީސްގެ ސްޓޭންޑަކީ އެއީ ކަމަށާއި އެ ކަމަށް ބަދަލެއް ނާންނަ ކަމަށެވެ.

"އަދިވެސް އެ ސްޓޭންޑް އެ މަނިކުފާނު ދަމަހައްޓަވާނެ. [އެހެން ނަމަވެސް]، އެއާ އެކު އެކީ ފާހަގަކޮށްލަން ޖެހޭ، މިހާރު އަޑުއިވެގެން މިދާ ޝަކުވާތައް މައިގަނޑު ގޮތެއްގައި ގުޅިގެންދާ ކަމަކީ، ވަރަށް ބޮޑަށް އެބަހުރި ކަމަށް ނުގަވައިދުން ނުވަތަ ކަނޑައެޅިފައިވާ ޝަރުތުތަކުގެ ބޭރުން، އުސޫލުތަކުގެ ބޭރުން، ނާއިންސާފުން، ކަންކަން ކުރެވިފައިވާ ހުރި ވާހަކަތަކެއް،" ފިރުޒުލް ވިދާޅުވި އެވެ.

އެއާ އެކު، އޭނާ ވިދާޅުވީ، "އެ [ފްލެޓް ލިބޭ] ލިސްޓަކަށް [އިންތިހާބީ ރައީސް] ޖުމްލަ ގޮތެއްގައި އޮނާކުރެއްވި ނަމަވެސް، މިހެން ނުގަވައިދުން، އިންސާފުން ބޭރުން ކަންކަން ކޮށްފައިވާ ނަމަ، އެ ކަންކަމަށް ބާލާ"ނެ ކަމަށެވެ.

އޭގެ އިތުރުން، އުސޫލުން ބޭރުން ކަންކަން ކޮށްފައިވާ ނަމަ، އެ ލިސްޓު އެކުލުވާލި "ފަރާތްތަކާ މެދު ވެސް ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެ" ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

"ގާނޫނީ އިލްތިޒާމްގެ ތެރެއިން، އުފެދިފައި ހުރި މުއައްސަސާތަކުގެ ތެރެއިން، ތަރުތީބުވެފައި ހުރި ތަރުތީބުގެ ތެރެއިން ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެކަން ފާހަގަކުރަން،" ފިރުޒުލް ވިދާޅުވި އެވެ.

"މި ފިޔަވަޅު އެޅުމަކީ، އެއްވެސް ހާލެއްގައި ސިޔާސީ ވިސްނުމެއްގައި، ވަކި ފަރާތްތަކަށް ޓާގެޓްކޮށްގެން ކުރެވޭ މަސައްކަތްތަކަށް ނުވާނެ. އެ ވިސްނުމަށް އެއްވެސް ޖާގައެއް ނޯންނާނެ."

ފިރުޒުލް އިތުރަށް ވިދާޅުވީ:

  • އިންތިހާބީ ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި، ނާއިންސާފުން ކަންކަން ހިނގައިގެން ފިޔަވަޅު ނާޅާ ހުރުމަކީ ނުވަތަ އެކަން ކަމަށް އަޅާލުމަކީ އެއީ "އަދުލުވެރި ގޮތެއް ނޫން" ކަމަށް

  • ގަވައިދުތަކުގެ ބޭރުން އަދި ނާއިންސާފުން ޝަރުތު ހަމަ ނުވާ ބަޔަކަށް ފްލެޓް ދީފައިވާ ނަމަ، އެ ކަންކަމާ މެދު ފިޔަވަޅު އަޅަން ޖެހޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް