މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު (ފޮޓޯ/ ކައުންސިލް)
މުއިއްޒު ރައީސްކަމާ ހަވާލުވުމަށް މާލޭ މޭޔަރުކަމުން އިސްތިއުފާ ދީފި
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރައީސްކަމުގެ ހުވާކުރައްވާތީ އެ މަނިކުފާނު މާލޭގެ މޭޔަރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ހަވީރު 4:30ގައި ޖުމްހޫރީ މައިދާނުގައި އޮންނަ ހާއްސަ ރަސްމިއްޔާތުގައި ރައީސްކަމުގެ ހުވާކުރައްވާ މުއިއްޒު ދާދި ދެންމެއަކު ކުރީގެ ޓްވިޓާ، މިހާރުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިއުލާން ކުރެއްވި ގޮތުގައި އޭނާ މިއަދުން ފެށިގެން ވަނީ މާލޭ މޭޔަރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
ތަފްސީލް - އެމަނިކުފާނުގެ ޕޯސްޓްގައި ވަނީ މޭޔަރު ކަމުގައި ހޭދަކުރެއްވި ދުވަސްތަކުގައި އެކި ފަރާތްތަކުން ވެދެއްވި އެހީތަކަށް ވަނީ ޝުކުރު ދަންނާވަފަ އެވެ. އެގޮތުން މުއިއްޒު ލިޔުއްވާފައި ވަނީ:
-
މާލެ ސިޓީ ކައުންސިލްގެ އެންމެހާ ކައުންސިލަރުންނާއި ވެރިންނާއި މުވައްޒަފުން ދެއްވި އެއްބާރުލެއްވުމަށް އަދި ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު ދެންނެވި
-
މާލެ ސިޓީގެ ރައްޔިތުން އެމަނިކުފާނު މޭޔަރު ކަމަށް ހޮވުމަށް ކުރެއްވި ތާއީދާއި މޭޔަރު ކަމުގައި ހިދުމަތް ކުރުމުގައި ދިން ތާއީދާއި އެއްބާރުލެއްވުމަށް ވަނީ ޝުކުރު ދަންނަވާފައި
-
އެމަނިކުފާނުގެ ވެރިކަމުގައި މާލެއަށް ތަރައްގީ ގެނެސް ފަސޭހަތައް ފަހިކޮށްދިނުމަށް ވައުދުވެ ވަޑައިގެންނެވި
"މާލެ ސިޓީގެ ރައްޔިތުންގެ އުއްމީދުތައް ހާސިލް ކޮށްދިނުމުގައި ވަރުގަދަ އަޒުމުގައި މަސައްކަތްކޮށް މާތް ﷲ އިރާދަފުޅާ އެކު އެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭނަން،" އެކްސްގައި މުއިއްޒު ލިޔުއްވި އެވެ.
އެނގުން މުހިންމު - މުއިއްޒު ރައީސްކަމަށް އިންތިހާބުވުމާ އެކު މާލޭގެ މޭޔަރުގެ ޒިންމާތައް މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާ ވަނީ މިދިޔަ މަހުގެ 4 ވަނަ ދުވަހުން ފެށިގެން ހަވާލުކޮށްފަ އެވެ.
ފާހަގަކޮށްލެވޭ - މާލޭގެ މޭޔަރުގެ ގޮޑި މިއަދު ހުސްވުމާ އެކު ގާނޫނު ބުނާ ގޮތުން 60 ދުވަސް ތެރޭ މޭޔަރުކަމުގެ އިންތިހާބު ބާއްވަން ޖެހެ އެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުން ރާވާފައި ވަނީ އަންނަ ފެބުރުއަރީގައި އިންތިހާބު ބޭއްވުމަށެވެ.