ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނަށް ކ.ގުރައިދޫގައި ބޭއްވި ޖަލްސާގައި ޝިޔާމް ވާހަކަ ދައްކަވަނީ. (ފޮޓޯ/ ޕީޕީއެމް)
ޝިޔާމް ވަޒީރުކަމުގެ ކުރިން ނައިފަރަށް: ހަނި މަގުތައް ރީޑިޒައިން ކުރަން މުއިއްޒުގެ ޕްލޭނެއް އެބައޮތް
ޅ. ނައިފަރުގެ ތޮއްޖެހިފައިވާ ސަރަހައްދުތައް ރީޑިޒައިން ކުރުމުގެ ވިސްނުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގައި ނައިފަރު ތަމްސީލު ކުރައްވާ މެންބަރު އަދި ހުކުރު ދުވަހު ހުވާކުރައްވާ މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާނެ ކަމަށް ބެލެވޭ އަހުމަދު ޝިޔާމް ރޭ ނައިފަރު ރައްޔިތުންގެ ކައިރީގައި ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 2014 އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގައި ނައިފަރު ތަމްސީލު ކުރައްވާ ޝިޔާމް ރޭ ވަނީ އެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ. ވިލާ ކޮލެޖުން ނައިފަރުގައި ހިންގާ ކެމްޕަހުގައި ރައްޔިތުންްނާ ބައްދަލުކުރައްވައި ޝިޔާމް ވަނީ އާ ސަރުކާރުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާކަން ރައްޔިތުންނާ ހިއްސާ ކުރައްވައިފަ އެވެ.
ތަފްސީލް - ޝިޔާމް ވިދާޅުވީ އިންތިހާބީ ރައީސް މުއިއްޒުގެ ސަރުކާރުން ނައިފަރުގެ ތަރައްގީއަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އާ ސަރުކާރާ މެދު ވަރަށް ބޮޑު އުއްމީދު އެބައޮތް ކަމަށާއި އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން މުއިއްޒު ނައިފަރަށް ވަޑައިގެންނެވީ ރަށުގައި ހުރި މައްސަލަތަކަށް ހައްލު ހިއްޕަވައިގެން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މީގެ ކުރިން ހައުސިން މިނިސްޓަރުގެ މަގާމުގައި މުއިއްޒު ހުންނެވި އިރު އެ މަނިކުފާނުގެ މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން ނައިފަރުގައި ގިނަ މަޝްރޫއުތައް ހިންގެވިކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ އޭރު ވެސް ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ނައިފަރުގެ ތޮއްޖެހިފައިވާ ހިސާބުތައް ރީޑިޒައިން ކުރުމުގެ މަސައްކަތުގެ ހިޔާލު މުއިއްޒު ފާޅުކުރެއްވި ކަމަށެވެ.
"ގާނޫނަށް އިސްލާހު ގެނެސްގެން މިކަންކަން ކުރެވޭ ކަމަށް ވިދާޅުވި. މި ރަށަކީ ތޮއްޖެހިފައި އޮތް އާބާދީއެއް. ގޭބީސީތައް ވަރަށް ތޮއްޖެހިފައި ހުރި ހިސާބުތައް އެބަހުރި. މި ހިސާބުތަކުގައި ނުރައްކާތެރި ހާދިސާއެއް ހިނގިޔަސް، އެއީ އަލިފާނުގެ ހާދިސާއެއް ހިނގިޔަސް އަދި އެ ނޫން އެފަދަ ހާދިސާއެއް ހިނގިޔަސް އެ ރެސްކިޔު އޮޕަރޭޝަން ހިންގާ ބަޔަކަށް އެ ތަންތަނަށް ރީޗު ނުވެވޭ ހިސާބުތައް މި ރަށުގައި ހުރިކަން ދެނެވަޑައިގެން، އޭރު ވެސް ހައުސިން މިނިސްޓަރަކަށް [މުއިއްޒު] ހުންނެވި އިރު މަސައްކަތްތަކެއް އެބަހުރި ކުރައްވާފައި،" ޝިޔާމް ވިދާޅުވި އެވެ.
"އަދި މިފަހަރު ކެމްޕޭނު ތެރޭގައި އެ ވާހަކަ ހުޅުމާލޭގައި ބޭއްވެވި ޖަލްސާއެއްގައި ވެސް ވިދާޅުވި. މި ރަށުގެ މި ދަންނަވާ ކަހަލަ ހިސާބުތަކަށް ރީޑިޒައިންއެއް ގެނެވި، ރީޑިވެލޮޕްމެންޓުގެ ފޯކަސްއެއް އޮޮތް ކަމަށް ވިދާޅުވި."
އެ މަސައްކައްކަތް ކުރުމަށް ގާނޫނަށް ބަދަލު ގެންނަން ޖެހޭތީ، އާ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރުމަށް ހިމަނުއްވާފައިވާ ކަމަށް މެންބަރު ވިދާޅުވި އެވެ.
"މި ރަށާ ދޭތެރޭގައި އަޅުގަނޑުމެން ހީ ނުކުރާ ކަހަލަ ވިސްނުންފުޅެއްގައި ޔަގީނުން ވެސް އަޅުގަނޑުމެންގެ އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިސްނަވާކަން އޭގެން ވެސް އަޅުގަނޑުމެންނަށް އެނގޭ،" ޝިޔާމް ވިދާޅުވި އެވެ.
ނައިފަރުގައި ހިންގަވާނެ މަޝްރޫއުތަކުގެ ވާހަކަ ކެމްޕޭނުގެ ތެރޭގައި މުއިއްޒު ވިދާޅުވި ކަމަށާއި، އެ ވައުދުތައް "ރަނުން ރަނަށް" ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާކަން ޝިޔާމް ފާހަގަކުރެއްވި އެވެ.
ޝިޔާމް ވަނީ ނުނިމި ދިގުލައިގެން ގޮސްފައިވާ ނައިފަރުގެ ނަރުދަމާގެ މަސައްކަތް ވެސް އަލަށް އަންނަ ސަރުކާރުގައި އަވަހަށް ނިންމައި ބޭނުންކުރަން ފެށޭނެ ކަމުގެ އުއްމީދު ދެއްވައިފަ އެވެ. މީގެ އިތުރުން، ރަށުގެ ބިމުގެ ދަތިކަމަށް ހައްލު ގެނެސް، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އާ ސަރުކާރުގައި ހިންގާނެ ކަމަށާއި، ރަށުގެ މަގުތައް ހެދޭނެ ކަމުގެ އުއްމީދު ޝިޔާމް ވަނީ ދެއްވައިފަ އެވެ.
ޝިޔާމް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އިގްތިސޯދީ ދަތިތަކާ އެކު ވެސް، ފައިސާ ހޯދައިގެން މުއިއްޒުގެ ސަރުކާރުން މަޝްރޫއުތައް ހިންގާނެ ކަމަށެވެ.
އެނގުން މުހިއްމު - ނައިފަރުގެ ތޮއްޖެހިފައިވާ ސަރަހައްދުތައް ރީޑިޒައިން ކުރުމަށް ޕްލޭނެއް އޮތް ކަމަށް، އެ ދާއިރާގެ މެންބަރު ހާމަކުރެއްވި އިރު، އެ ރަށަކީ ހަނި މަގުތަކާއި ގޯޅިތައް ގިނަ ރަށެކެވެ.
ގުޅުން ހުރި ކަމެއް - ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ދާއިރާގެ ރައްޔިތުންނާ ރޭ ބައްދަލުކުރެއްވީ، އާ ސަރުކާރުގައި މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިގެންނެވިކަން ރައްޔިތުންނާ ހިއްސާކުރައްވައި މަޖިލީހުގައި ހޭދަކުރެއްވި ދެ ދައުރުގައި ނައިފަރުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރެއްވުމަށެވެ.
ފިޝަރީޒް މިނިސްޓަރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ޝިޔާމް ވިދާޅުވީ އޭނާއާ ހަވާލުވެވަޑައިގެންނެވި އާ ޒިންމާ އަކީ ގައުމާއި ރައްޔިތުންގެ ހާލަތު ބަދަލުކުރުމަށް އިތުރު ފުރުސަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.