ފުވައްމުލަކު އެއާޕޯޓުގައި ޕާކުކޮށްފައި އޮތް ބޯޓެއްގައި ޓޯ ޓްރަކުން ޖެހި ހިނގި ހާދިސާ (ފޮޓޯ/ސޯޝަލް މީޑިއާ)
ފުވައްމުލަކު އެއާޕޯޓުގައި އޮތް މޯލްޑިވިއަންގެ ބޯޓެއްގައި ވެހިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފި
ފުވައްމުލަކު އެއާޕޯޓުގައި އޮތް މޯލްޑިވިއަންގެ މަތިންދާބޯޓެއްގައި ޓޯ ޓްރަކެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ހަވީރު ހިނގި އެ ހާދިސާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، ވެހިކަން ދުއްވަން އިން މީހާއަށް އަނިޔާވެފައިވާތަން ފޮޓޯ އިން ފެނެ އެވެ.
ތަފްސީލް - ފުވައްމުލަކު އެއާޕޯޓުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ބަލަމުންދާތީ އަދި މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށެވެ.
ނަމަވެސް ޓޯ ޓްރަކް ބޯޓާ ކައިރި ކުރަން އުޅުމުގެ ތެރޭ ބޯޓުގައި ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާ ބޮޑު ކަމެއް ނުވޭ. ކައިރި ކުރަން އުޅެނިކޮށް ކުޑަކޮށް ބޯޓުގައި ޖެހުނީ،" އިތުުރު ތަފްސީލެއް ނުދީ އެ އޮފިޝަލު ވިދާޅުވި އެވެ.
މޯލްޑިވިއަން އިން ބުނީ އެ އެއާލައިންގެ ބޯޓެއް ފުވައްމުލަކު އެއާޕޯޓުގައި އޮއްވާ އެ އެއާޕޯޓުގެ ވެހިކަލަކުން ޖެހި ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.
"މިހާރު އިންޖިނިއަރުން އެބަދޭ މިކޮޅުން ރެސްކިއު ފްލައިޓެއްގައި. އެކޮޅުން އަންނަން ތިބި ފަސިންޖަރުން އަންނާނެ އެ ފްލައިޓުން،" އެ އެއާލައިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މޯލްޑިވިއަންގެ ފްލައިޓުގެ ހާލަތާ ގުޅޭ ގޮތުން އެއްޗެއް ބުނެވޭނީ އިންޖިނިއަރުންގެ އެސެސްމެންޓަށް ފަހު ކަމަށެވެ.