މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯކަމުން ވަކިކުރި ޖޯން ގްރިންޑަލް. (ފޮޓޯ/ ޕެންޝަން އޮފީސް)

ސުޕްރީމް ކޯޓު

ޕެންޝަން އޮފީހުގެ ކުރީގެ ސީއީއޯ ވަޒީފާއިން ވަކިކުރި މައްސަލަ ބަލައިނުގަތީ ރަނގަޅަށް: ސުޕްރީމް ކޯޓު

ހައި ކޯޓުން މައްސަލަ ބަލައިގެންފައި ނުވަނީ އެ މައްސަލަ ހުށަހަޅާފައިވަނީ އިސްތިއުނާފީ މުއްދަތު ހަމަވި ފަހުން ކަމަށް ބުނެ، ސުޕްރީމް ކޯޓުން ވަނީ އެ ނިންމުމަށް ތާއީދުކޮށްފައި

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ކުރީގެ ސީއީއޯ ޖޯން ސްޓޭފަން ގްރިންޑަލް އެ މަގާމުން ވަކިކުރި މައްސަލާގައި އެ އޮފީހާ ދެކޮޅަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އޭނާ ހުށަހެޅުއްވި މައްސަލާގައި އެ ތަނުން ނިންމި ނިންމުން އޭނާ ހައި ކޯޓުގައި އިސްތިއުނާފް ކުރެއްވުމުން އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ. 

މައްސަލައިގެ ފެށުން - 20 ޑިސެމްބަރު 2020 އިން ފެށިގެން އެ މަގާމު އަދާކުރައްވަމުން އައި ޖޯންއަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް އޭނާ މަގާމުން ވަކިކުރީ 12 އޮކްޓޯބަރު 2021ގަ އެވެ.

އޭގެ ފަހުން:

  • 20 އޮކްޓޫބަރު 2021 - އޭނާ ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ބުނެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅުއްވި

  • 1 ސެޕްޓެމަބަރު 2022 - އޭނާ ވަޒީފާ އިން ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި

  • 16 ނޮވެމްބަރު 2022 - ޓްރައިބިއުނަލުގެ ނިންމުން އިސްތިއުނާފް ކުރުމުގެ ހުއްދައަށް އެދި ހައި ކޯޓަށް ޖޯން ހުށަހެޅުއްވި؛ ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވީ މައްސަލަ ހުށަހަޅުއްވާފައިވަނީ އިސްތިއުނާފީ މުއްދަތު ހަމަވި ފަހުން ކަމަށް ވުމުން މައްސަލަ ބަލައިގަނެވެން ނެތް ކަމަށް

  • 16 އެޕްރީލް 2023 - ރަޖިސްޓްރާގެ ނިންމުން މުރާޖައާކުރަން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޖޯން ހުށަހެޅުއްވުމުން، ރަޖިސްޓްރާގެ ނިންމުން ބާތިލު ކުރަން ނުޖެހޭ ކަމަށް ނިންމި؛ އެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި ސުޕްރީމް ކޯޓުގައި ޖޯން އިސްތިއުނާފް ކުރެއްވި

ތަފްސީލް - އިސްތިއުނާފަށް އެދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލާގައި ޖޯން ވިދާޅުވެފައި ވަނީ، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުން ލަސްވެފައިވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ލިބުން ލަސްވުމުގެ ސަބަބުން ކަމަށެވެ. 

އެ ރިޕޯޓު ލިބުނީ 29 ސެޕްޓެމްބަރު 2022ގައި ކަމުން އެ މުއްދަތުން ފެށިގެން 30 ދުވަހުގެ މުއްދަތެއް މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މައްސަލަ ހުށަހަޅަން ލިބޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަދި އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ތާއީދުކުރެއްވީ މަދަނީ އިޖުރާއަތުގެ ގާނޫނާއި އެ ގާނޫނު މާނަކުރާ ހަމަތަކާ ހިލާފަށް ކަަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައިވަނީ، މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އިސްތިއުނާފީ މުއްދަތު ގުނާނީ، 30 ދުވަހުގެ ތެރޭގައި އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓު މައްސަލަ ހުށަހަޅާ ފަރާތަށް ލިބިފައި ނުވާ ނަމަ ކަމަށެވެ.

ބުނީ ކީކޭ؟ - ހައި ކޯޓުގެ ފަނޑިޔާރުންގެ ނިންމެވުން މުރާޖައާކުރުމަށް ފަހު، ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ނިންމި ނިންމުމުގައި ބުނެފައިވަނީ:

  • މަދަނީ އިޖުރާއަތުގައި ބުނާ މުއްދަތު އަލުން ގުނަން ފަށާ ހާލަތު ވުޖޫދުވާނީ 30 ދުވަހުގެ ފަހުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ލިބުނު ނަމަ ކަމަށް

  • އެ ރިޕޯޓު ޖޯންއާ ހަވާލުކޮށްފައިވަނީ އެ މުއްދަތުގެ ތެރޭގައި ކަމަށް ވުމުން، ރިޕޯޓު ލިބުނު ދުވަހުން ފެށިގެން އެ މައްސަލާގައި މުއްދަތު އަލުން ގުނަން ފެށިދާނެ ކަމަށް ނުދެކޭ

  • އެހެންކަމުން، ރަޖިސްޓްރާގެ ނިންމުން މުރާޖައާކޮށް ނިންމި ގޮތަށް ބަދަލު ގެންނާނެ ތަނެއް ނެތް

އެނގުން މުހިންމު - ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ޖޯން އައްޔަންކުރީ އެ އޮފީސް ގާއިމްކުރިއްސުރެ އެ އޮފީހުގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ހުސައިން މަނިކު ރިޓަޔާ ކުރެއްވުމުންނެވެ.

ޖޯން 2021ގައި އެ މަގާމުން ވަކިކުރުމުން، އެ މަގާމު މިހާރު ފުރުއްވަމުން ގެންދަވަނީ، ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުގައި ހުންނެވި ސުޖާތާ ހަލީމް އެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ 1 ނޮވެމްބަރުގަ އެވެ.

ކޮމެންޓް (1)

ޜަސީދު

8 ނޮވެމްބަރު 2023
ސުނާނާ އައް އެވޯޑެއް ދޭން އެބަ ޖެހޭ. މަރުހަބާ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް