ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރަނީ.
ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރަން ފަރެސްމާތޮޑާއިން ވެލި ގެންދިއުން ހުއްޓުވުމުން ބޮޑު ގެއްލުމެއް
ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރަން ހިންގާ މަޝްރޫއަށް ބޭނުންވާ ވެލި ގދ. ފަރެސްމާތޮޑާއިން ނެގުން ހުއްޓުވާފައި ވުމުން ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުން ހުއްޓި، ދައުލަތަށް ބޮޑު ގެއްލުމަކާ ކުރިމަތިވާން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރަން ހޯގާޑު ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 300 މިލިއަން ރުފިޔާގެ އެ މަޝްރޫއަށް ބޭނުންވާ 50 ހާސް ކިޔުބިކް މީޓަރުގެ ވެލި ފުވައްމުލަކުން ލިބެން ނެތިގެން އެ ވެލި ނެގުމުގެ ހުއްދަ ދީފައި ވަނީ ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގެ ބޭރު ފަޅުންނެވެ.
ނަމަވެސް، އެ ރަށު ބަޔަކު ނިކުމެ އެ މަސައްކަތް ވަނީ މިދިޔަ މަހު ފަހުކޮޅު ހުއްޓުވައިފަ އެވެ.
ތަފްސީލް - އެ މަޝްރޫއުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި، ފަރެސްމާތޮޑާއިން ވެލި ނެގުން ހުއްޓުވާފައި އޮތުމުން އެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކަށް ސަރުކާރުން ވަނީ ހޯގާޑަށް ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހިފަ އެވެ. އެގޮތުން:
-
މަސައްކަތް ހުއްޓިފައި އޮތުމުން ޖޫރިމަނާއަށް ދުވާލަކަށް 15،000 ޑޮލަރު (231،300ރ.) އަރާ
-
ޖޫރިމަނާ އަރަމުން ގޮސް މިހާރު 100،000 ޑޮލަރު (1.5 މިލިއަން ރުފިޔާ) ޖޫރިމަނާގެ ގޮތުގެ ސަރުކާރުން ހޯގާޑަށް ދައްކަން ޖެހިފައި އެބަ އޮތް
"ހުރިހާ ހުއްދަތަކެއް ވެސް ހޯދައިގެން ވެލި ނަގަން ފެށީ. އެކަމަކު އެ ރަށުގެ މީހުންގެ ދެކޮޅު ހެދުމާ ހެދި މި އޮތީ މަސައްކަތް ހުއްޓިފައި. މަސައްކަތް ހުއްޓި އެ ހިނގާ ކޮންމެ ދުވަހަކު މި އަރާ ޖޫރިމަނާގެ ޒިންމާ ނަގާނޭ ބަޔަކު ނެތް. ބޮޑު ގެއްލުމެއް މި ކުރިމަތިވަނީ ދައުލަތަށް،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އެ އޮފިޝަލް ވިދާޅުވި އެވެ.
އީޕީއޭގެ ބަސް - އެކަމާ ގުޅޭ ގޮތުން އީޕީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމްއާ 'ދައުރު'ން ސުވާލުކުރުމުން އޭނާ ވިދާޅުވީ ފަރެސްމާތޮޑާ އެއާޕޯޓް ފަޅުން ވެލި ނަގަން ހުއްދަ ދިނީ ބަލަން ޖެހޭ ބެލުންތައް ބެލުމަށް ފަހު ކަމަށެވެ. އަދި އެކަމުގައި އެ އިދާރާއަށް މައްސަލައެއް ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަން ކުރިއަށް ގެންދެވެން ޖެހޭނެ. އެ ހުއްދަތައް، ބަލަން ޖެހޭ ބެލުންތައް ބަލާފައި ދީފައި ހުންނާނީ،" ވެލި ނެގުން ހުއްޓިފައިވާކަން ފާހަގަކުރައްވައި ނައީމް ވިދާޅުވި އެވެ.
ވެލި ނެގުން ހުއްޓުވީ އެންމެން: ކައުންސިލް
ފަރެސްމާތޮޑާ ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ މުހައްމަދު މިއަދު 'ދައުރު'އަށް ވިދާޅުވީ، ފަރެސްމާތޮޑާއިން ވެލި ނެގުން ހުއްޓުވީ އެ ރަށުގެ ބައެއް މަޝްރޫއުތަކަށް ވެލި ބޭނުން ވާތީ އެ މަޝްރޫއުތައް ނުހިންގައި ވެލި ގެންދިއުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ރަށުގެ ރައްޔިތުންނަށް ގަބޫލު ކުރެވިގެން ކަމަށެވެ.
"ފުވައްމުލަކަކީ އަޅުގަނޑުމެންގެ ވަރަށް ގާތް ބައެއް. އެ ރަށަށް ވެލި ގެންދާތީއެއް ނޫން މައްސަލައަކީ. މި ރަށުގައި މި ހުރި ބިން ހިއްކުމާ، މިކަހަލަ ބައެއް ކަންކަން ނުކޮށް ވެލި ގެންދާތީ އެއީ މައްސަލަ އަކީ. މި ރަށުުގައި ވެސް ހިންގާފައި ދެން ބާކީ ހުންނަ ވެލި ގެންދިއުން އެއީ މައްސަލައެއް ނޫން،" ނަސްރުﷲ ވިދާޅުވި އެވެ.
ކޮމެންޓް (2)
ސެމްބެ
ޓނ އަދުރޭ