ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

ބޯހިޔާވަހިކަން

އާއިލާ މީހުންނަށް ފްލެޓް ލިބުނީ ޝަރުތު ހަމަވާތީ: ދުވާފަރު މެމްބަރު

ސަރުކާރުގެ މި ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ޝަރުތު ހަމަނުވާ ގިނަ ބަޔަކަށް ފްލެޓް ލިބިފައިވާ ކަމަށް ބައެއް މީހުން ތުހުމަތު ކުރޭ

'ގެދޮރުވެރިޔާ' ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދުގެ އާއިލާގެ ބައެއް މެމްބަރުންނަށް ފްލެޓް ލިބިފައިވަނީ އެ ސްކީމަށް ޝަރުތު ހަމަވާތީ ކަމަށް ވިދާޅުވެ، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް މިއަދު ރައްދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - މި ސަރުކާރުން އަޅަމުން އަންނަ 4،000 ފްލެޓް ލިބޭ މީހުން ހިމެނޭ ގޮތަށް، ފުރަތަމަ ފިޔަވަހީގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު މިދިޔަ ހޮނިހިރު ދުވަހު އާއްމުކުރުމާ އެކު ޝަރުތު ހަމަނުވާ ގިނަ ބަޔަކަށް ފްލެޓް ލިބުމާއި މީހުންނަށް މާކްސް ދީފައިވާ އުސޫލު ނޭނގޭތީ ގިނަ ބަޔަކު ޝަކުވާ ކުރި އެވެ. އަދި އެ ޝަކުވާތައް ނުބަލައި ފްލެޓްތައް ދޫނުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު ވަނީ އަންގާފަ އެވެ.

ތަފްސީލު - ފްލެޓް ލިސްޓު އާއްމު ކުރުމާ އެކު، މަޖިލިސް މެމްބަރު އިސްމާއީލް އަހުމަދުގެ އާއިލާގެ ބައެއް މީހުންނަށް ފުރަތަމަ 4،000 ފްލެޓްގެ ތެރެއިން ލިބިފައިވާ ތަން ފެނުމުން ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ.

ލިސްޓުގައިވާ ގޮތުން، މެމްބަރުގެ އެއްބަނޑު އެއްބަފާ ތިން މީހަކަށް، ތިން ކޮޓަރީގެ ފްލެޓް ޔަގީންވެ އެވެ. އޭގެ އިތުރުން، އޭނާގެ އާއިލާގެ އެހެން ބައެއް މީހުންނަށް ވެސް ފްލެޓް ލިބިފައިވެ އެވެ. ދުވާފަރުން ފްލެޓް ލިބުނު އިތުރު މީހުންގެ ތެރޭގައި އިސްމާއީލްގެ ގާތް މީހުން ހިމެނޭ ކަމަށް ވެސް މީހުން ތުހުމަތު ކުރެ އެވެ.

ބުނީ ކީކޭ؟ - އެ ކަމަށް ރައްދު ދެއްވަމުން އިސްމާއީލް ވިދާޅުވީ އޭނާއާ ގުޅުން ހުރި 'ޝޭޑީސައިޑް' އެޑްރެހުގައި ހަތް މީހަކު ލިސްޓުގައި އޮތް ކަމަށާއި އެކަމަކު އޭގެ ތެރެއިން ފްލެޓް ލިބުނީ ތިން މީހަކަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • ފްލެޓް ލިބުނު މީހުންނަކީ މާލޭގައި 15 އަހަރު ދިރިއުޅެފައިވާ މީހުން

  • ފްލެޓަށް އެ މީހުން ޝަރުތު ހަމަވާނެކަން، ހަގީގަތް ދަންނަ އެންމެން ވެސް ހެކިވާނެ

  • ފްލެޓް ލިބޭ ވަރަށް ޕޮއިންޓް ނުލިބުނު ހަތަރު މީހުންނަކީ ވެސް ޝަރުތު ހަމަވާ މީހުން، އެކަމަކު ލިޔެކިޔުންތައް ހުށަހެޅުމުގައި އެކަން ސާބިތުކޮށްދެވޭ މިންވަރަށް ހުށަހެޅިފައި ނުވަނީ ކަމަށް ބެލެވޭ

  • އޭގެ ތެރޭގައި އެއް ޕޮއިންޓް އުނިވެގެން ފުރުސަތު ގެއްލުނު ފަރާތެއް ހިމެނޭ

"ވަކި ރަށަކަށް އަދި ވަކި އާއިލާއަކަށް ނިސްބަތްވުމަކީ ސަރުކާރުން ހިންގާ މި ފަދަ ޕްރޮގްރާމްތަކުން މަހުރޫމްވާން ޖެހޭ ކަމަކަށް ނުދެކެން،" އިސްމާއީލް ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ މީހަކަށް މުހިއްމު އަދި ޝަރުތުހަމަވާ ކަމަށް ލަފާ ކުރެވޭ ކޮންމެ މީހަކަށް މި ފަދަ ކަމެއްގައި ބައިވެރިވުމުގެ ހައްގު އޮންނާނެ އެވެ.

އެނގުން މުހިއްމު - ފްލެޓް ލިބުނު މީހުންގެ ތެރޭގައި، މި މަޝްރޫއު ކުރިއަށް ގެންދާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސަލަފިއްޔާ އަންވަރު ހިމެނިވަޑައިގަތުމުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

އެކަމަކު އޭނާ ވެސް ވިދާޅުވީ ފްލެޓް ލިބިވަޑައިގެންނެވީ އެ ކަމަށް ޝަރުތު ހަމަވާތީ ކަމަށެވެ.

ކޮމެންޓް (1)

ސަމީރާ

7 ނޮވެމްބަރު 2023
ޝަރުތު ހަމަވީ އެމްޕީގެ ލިސްޓުގައި އޮތަތީ. އެހެންނު؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް