18 ސެޕްޓެމްބަރ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލުކުރާނެ ގޮތަކާ މެދު ގޮތެއް ނިންމުމަށް ބޭއްވި ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލްގެ ބައްދަލުވުން (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ސުޕްރީމް ކޯޓުގައި އޮތް މަޖިލީހުގެ މައްސަލައަށް ޑިމޮކްރަޓްސްއިން ތަދައްހުލްވާން ފާސްކޮށްފި

މިގޮތަށް ނިންމީ އެ ކަމަށްޓަކައި މިއަދު 5 ޖެހިއިރު ޑިމޮކްރެޓްސް އިން ބޭއްވި ކައުންސިލުގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުން

ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ސީދާ ޑިމޮކްރެޓްސް އިން ތަދައްހުލްވާން ނިންމައި، އެ މައްސަލާގައި ޕާޓީގެ ފަރާތުން ވަކާލާތު ކުރާނެ ފަރާތްތައް ކަނޑައެޅުމުގެ ބާރު ޕާޓީގެ ވަގުތީ ޗެއަޕާސަން ހަސަން ލަތީފަށް ދޭން ޑިމޮކްރެޓްސްގެ ކައުންސިލް ބައްދަލުވުމުން މިއަދު ފާސްކޮށްފި އެވެ. 

ވީ ކިހިނެއް؟ - މަޖިލީހާ ދެކޮޅަށް އެމްޑީޕީން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ތަދައްހުލްވާން ޑިމޮކްރެޓްސްގެ ފަރާތުން މީގެ ކުރިން ހުށަހަޅާފައި އޮތީ އެ ޕާޓީގެ ބައެއް މެމްބަރުން އަމިއްލަ ގޮތުންނެވެ. އެ މެމްބަރުންނަށް އެ މައްސަލައަށް ތަދައްހުލްވާން ފުރުސަތު ދެވެން ނެތް ކަމަށް ސްޕްރީމް ކޯޓުން އަންގާފައިވާ އެންގުމުގައި ސަބަބަކަށް ބުނެފައި ވަނީ ދުސްތޫރީ މައްސަލައަކަށް ވާތީ ކަމަށެވެ. 

ފުރުސަތު ނުދޭން ނިންމާފައިވަނީ އަމިއްލަ ގޮތުން ހުށަަހަޅާފައިވާތީ ކަމަށް ލަފާކުރެވޭތީ، ސީދާ ޕާޓީން މައްސަލައަށް ތަނާޒުލްވާން ހުށަހަޅާނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާޒިމް މިއަދުގެ ވަގުތެއްގައި 'ދައުރު'އަށް ވަނީ ވިދާޅުވެފަ އެވެ. އެފަދަ ނިންމުމަކީ ކައުންސިލް ބައްދަލުވުމަކުން ފާސްވެގެން ނިންމޭނެ ނިންމުންތަކަށް ވާތީ އެކަމަށްޓަަކައި މިއަދު 5 ޖަހާއިރު ކައުންސިލް ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

ތަފްސީލް - އެ  ބައްދަލުވުމުގައި ޕާޓީން އެ މައްސަލައަށް ތަދައްހުލްވާން ސްޕްރީމް ކޯޓަށް ހުށަހެޅުމަށް އާޒިމް ހުށަހެޅުއްވި ގަރާރު ފާސްވެފައިވަނީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ކައުންސިލް ބައްދަލުވުމަށް އާޒިމް ހުށަހެޅުއްވި ގަރާރުގައި ވަނީ:

  • ޕާޓީން މައްސަލައަށް ތަނާޒުލްވާން ސްޕްރީމް ކޯޓަށް ހުށަހެޅުމަށް

  • އެ މައްސަލާގައި ޕާޓީގެ ފަރާތުން ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރުމަށް ކަނޑައަޅާ ފަތާތްތައް ކަނޑައެޅުމުގެ ބާރު ޕާޓީގެ ވަގުތީ ޗެއަޕާސަން ހަސަން ލަތީފަށް ދިނުން

  • އެ މައްސަލައިގައި ޕާޓީން ތަދައްހުލްވަނީ ގާނޫނު އަސާސީންނާއި، ސިޔާސީ ޕާޓީތަކުގެ ގާނޫނުން ކަށަވަރުކޮށްދީފައިވާ ހައްގުތައް އެ ޕާޓީއަށް ވެސް ކަށަވަރުކޮށް މަސްލަހަތު ހިމާޔާތް ކުރުމަށް

މީގެ ކުރިން ބޭއްވި ޑިމޮކްރެޓްސްގެ ކައުންސިލް ބައްދަލުވުމެއްގެ ތެރެއިން(ދައުރު ފޮޓޯ/ ހުސައިން ސުނޭން)

އެނގުން މުހިންމު - ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މިދިޔަ ހަފްތާގެ އަންގާރަ ދުވަސް ފިޔަވައި ހުރިހާ ދުވަހަކަށް އެެޖެންޑާ ކުރި ނަމަވެސް، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމްގައި ހުންނެވުމުން މައްސަލަ އޮތީ ކުރިއަށް ގެންދެވޭ ގޮތް ނުވެފަ އެވެ.  

ނަމަވެސް، އެމްޑީޕީން ބުނަނީ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތުގައި ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ގޮތް ގަވައިދުގައި އޮންނަ ކަމަށެވެ. އެހެންވެ، އެ އުސޫލުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުން އެދި އެމްޑީޕީން ވަނީ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އެގޮތުން:

  •  މާދަމާ ހެނދުނު 9:30އަށް އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ވަނީ ތާވަލްކޮށްފައި 

  • އެ މައްސަލައަށް ތަދައްހުލްވާން ޕީޕީއެމް-ޕީއެންސީގެ ފަރާތުން ވެސް ވަނީ ހުށަހަޅާފައި؛ ތަދައްހުލްވާން ފުރުސަތު ދީފައިވޭތޯ ނުވަތަ ނޫންތޯ ސާފުކުރަން ސުވާލުކުރުމުން ޕީޕީއެމްގެ ބަހެއް ލިބިފައެއް ނުވޭ

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެމްޑީޕީން އެދިފައި ވަނީ:

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައަކާ މެދު ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާއަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަަނަ މާއްދާގައިވާ ގޮތުގެ މަތިން އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް