ޑިމޮކްރެޓްސްގެ ބައެއް މެންބަރުން މަޖިލީހުގެ ކުރީ ސީޓުގައި. (ފައިލް ފޮޓޯ/ މަޖިލިސް)

ދަ ޑިމޮކްރެޓްސް

ވަކިވަކިން ހުށަހެޅުމުން ތަދައްހުލްވާން ފުރުސަތު ނުލިބުމުން ޑިމޮކްރެޓްސް އިން ހުށަހަޅަނީ

ޑިމޮކްރެޓްސްގެ ފަރާތުން އެ މައްސަލައަށް ތަނާޒުލްވާން ފުރަތަމަ ހުށަހެޅީ އަމިއްލަ ގޮތުން؛ ޕާޓީގެ ފަރާތުން އަލުން މިއަދު ހުށަހަޅާނެ ކަަމަށް އެ ޕާޓީން ބުނޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތުގައި ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅާފައިވާ މައްސަލައަށް ތަދައްހުލްވާން ޑިމޮކްރެޓްސްގެ މެމްބަރުން ވަކިވަކިން ހުށަހެޅުއްވުމުން އެ ފުރުސަތު ނުލިބުމުން، ސީދާ ޕާޓީގެ ފަރާތުން މައްސަލައަށް ތަނާޒުލްވާން މިއަދު ހުށަހަޅަން ޑިމޮކްރެޓްސް އިން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލައަށް ތަދައްހުލްވާން ޑިމޮކްރެޓްސްގެ ފަރާތުން މީގެ ކުރިން ހުށަހަޅާފައި އޮތީ އެ ޕާޓީގެ ބައެއް މެމްބަރުން އަމިއްލަ ގޮތުންނެވެ. އެ މެމްބަރުންނަށް އެ މައްސަލައަށް ތަދައްހުލްވާން ފުރުސަތު ދެވެން ނެތް ކަމަށް ސްޕްރީމް ކޯޓުން އަންގާފައިވާ އެންގުމުގައި ސަބަބަކަށް ބުނެފައިވަނީ ދުސްތޫރީ މައްސަލައަކަށް ވާތީ ކަމަށެވެ.

ބުނީ ކީކޭ؟ - ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާޒިމް 'ދައުރު'އަށް ވިދާޅުވީ، ފުރުސަތު ނުދޭން ނިންމާފައިވަނީ އަމިއްލަ ގޮތުން ހުށަަހަޅާފައިވާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް، ސީދާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ސީދާ ޕާޓީގެ ފަރާތުން ތަދައްހުލްވާން ހުށަހަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށް އާޒިމް ވިދާޅުވި އެވެ. އެފަދަ މައްސަލައެއްގައި ގޮތެއް ނިންމޭނީ ޕާޓީގެ ކައުންސިލް ބައްދަލުވުމަކުން ކަމަށް ވާތީ، އެ ނިންމުން ނިންމަން މިއަދު ހަވީރު 5 ޖަހާއިރު ކައުންސިލް ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފަ އެވެ.

"ބައްދަލުވުމުގައި ގޮތެއް ނިންމުމަށް ފަހު، ޕާޓީގެ ފަރާތުން ތަދައްހުލްވާން ސްޕްރީމް ކޯޓަށް މިއަދު ހުށަހަޅާނަން،" އާޒިމް ވިދާޅުވި އެވެ.

އެނގުން މުހިންމު - ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މިދިޔަ ހަފްތާގެ އަންގާރަ ދުވަސް ފިޔަވައި ހުރިހާ ދުވަހަކަށް އެެޖެންޑާ ކުރި ނަމަވެސް، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމްގައި ހުންނެވުމުން މައްސަލަ އޮތީ ކުރިއަށް ގެންދެވޭ ގޮތް ނުވެފަ އެވެ.  

ނަމަވެސް، އެމްޑީޕީން ބުނަނީ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތުގައި ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ގޮތް ގަވައިދުގައި އޮންނަ ކަމަށެވެ. އެހެންވެ، އެ އުސޫލުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުން އެދި އެމްޑީޕީން ވަނީ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އެގޮތުން:

  •  މާދަމާ ހެނދުނު 9:30އަށް އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ވަނީ ތާވަލްކޮށްފައި 

  • އެ މައްސަލައަށް ތަދައްހުލްވާން ޕީޕީއެމް-ޕީއެންސީގެ ފަރާތުން ވެސް ވަނީ ހުށަހަޅާފައި؛ ތަދައްހުލްވާން ފުރުސަތު ދީފައިވޭތޯ ނުވަތަ ނޫންތޯ ސާފުކުރަން ސުވާލުކުރުމުން ޕީޕީއެމްގެ ބަހެއް ލިބިފައެއް ނުވޭ

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެމްޑީޕީން އެދިފައިވަނީ:

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައަކާ މެދު ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާއަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަަނަ މާއްދާގައިވާ ގޮތުގެ މަތިން އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް

  • ނަޝީދުގެ މައްސަލައިގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް