މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި ނައިބު ރައީސް އީވާ އަބްދުﷲ: އާލާސްކަންފުޅާ އުޅުއްވާ ކަމަށް ބުނެ އޭނާ ސަލާމުގައި ހުންނެވުމުން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވަނީ ކުރިއަށް ނުގެންދި މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި (ފޮޓޯ/ މަޖިލީސް)

ކޯޓުން މައްސަލަ ނުނިމެނީސް މަޖިލީހުގެ ރިޔާސަތު ނުބަލަހައްޓާނަން: އީވާ

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފަސް ވަނަ ފަހަރަށް މިއަދުގެ ޖަލްސާ އެޖެންޑާކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން މިއަދުގެ ޖަލްސާ ވެސް ވަނީ ބޭއްވޭ ގޮތް ވަނީ ނުވެފައި
5 ނޮވެމްބަރު 2023

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލައާ ގުޅޭ ގޮތުން އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުނިމެނީސް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާކަން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލީހުގެ އިދާރާއަށް އަންގަވައިފި އެވެ.

ވީ ކިހިނެއް؟ - ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލްކުރި ފަހުން އާލާސްކަންފުޅާ އުޅުއްވާ ކަމަށް ބުނެ ސަލާމުގައި ހުންނެވުމަށް ފަހު އީވާ އެގޮތަށް މަޖިލީހަށް އެންގެވީ އޭނާ އިއްޔެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާއަށް ފޮނުއްވި ސިޓީއެއްގަ އެވެ.

ތަފްސީލް - އެ ސިޓީގައި އީވާ ވިދާޅުވީ ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ނުބޭއްވޭތީ އެކަން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅީ އެ ކޯޓުން އެކަމުގައި ގޮތެއް ކަނޑައެޅުން މުހިންމު ކަމެއް ކަމަށް އެ ޕާޓީއިން ދެކޭތީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން ކޯޓުގައި މައްސަލައެއް ހިނގަމުން ދަނިކޮށް އޭގެ ނަތީޖާއަށް ހިޔަނި އެޅޭ ފަދަ ގޮތަކަށް މަޖިލީހުން އަމަލު ކުރުމަކީ ކޯޓުގައި ހިނގާ މައްސަލައަށް ނުފޫޒުތަކެއް ކުރިމަތިވާނޭ ކަމެއް ކަމަށް ދެކޭ ކަމަށް އީވާގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.

އެފަދަ މައްސަލަތަކުގައި މަޖިލީހުން މީގެ ކުރިން ވެސް އަމަލު ކުރީ އެ އުސޫލުންކަން ފާހަގަ ކުރައްވާ، ނަޝީދުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ސަބަބުތަކުގެ ގޮތުގައި އީވާ ސިޓީގައި ލިޔުއްވާފައި ވަނީ: 

  • ކޯޓުގައި މައްސަލައެއް ހިނގަމުން ދަނިކޮށް މަޖިލީހުން ވަކިގޮތެއް އިހުތިޔާރުކޮށްގެން ކުރިއަށް ދިޔުމަކީ މީގެ ކުރިން އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށް

  • ކޯޓަށް އެ މައްސަލަ ހުށަހެޅި ފަރާތުން ކޯޓުން ގޮތެއް ކަނޑަނާޅަނީސް އަދި ކޯޓުގެ ނިންމުމަށް ބެލުމެއް ނެތި މަޖިލީހުން ވަކި ގޮތަކަށް ކަންކުރުމަށް މަސައްކަތް ކުރުމަކީ ކޯޓުގެ ގަދަރާއި ހުރުމަތަށް އިހުތިރާމް ކުޑަވާނޭ ކަމެއް

  • ސުޕްރީމް ކޯޓްގައި އޮތް މައްސަލައަށް މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ވެސް ތަދައްހުލްވަމުން ދާއިރު ޕާޓީތަކުން ވެސް ބަލަނީ އެކަމުގައި ކޯޓުން ނިންމާނޭ ގޮތަކަށް

  • ތިން ބާރު ވަކިކޮށްފައިވާ ވެރިކަމުގެ ނިޒާމެއްގައި ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި އެއްބާރާއި އަނެއްބާރު ދެމެދުގައި އޮންނަން ޖެހޭ އިހުތިރާމް ކުޑަނުވާނެގޮތަށް ނުވަތަ އަރައިރުން ނުވާނެގޮތަށް އަމަލުކުރަން ޖެހޭ

  • އަދި ކޯޓުން މައްސަލަ ނިމޭ ގޮތަކަށް ބެލުމެއް ނެތި މަޖިލީހުން އެކަމުގައި ގޮތެއް ކަނޑައެޅުމަކީ ބާރުތައް ވަކިވެފައި އޮންނަ އޮތުމުގެ ތަސައްވުރަށް ހިޔަނިއޭޅޭނޭ ކަމެއް ކަމަށް ދެކެން 

"ވީމާ، ސުޕްރިމް ކޯޓުގައި ބަލަމުން ގެންދާ މައްސަލަ ވަކގޮތަކަށް ނިމެންދެން ރައްޔިތުންގެ މަޖިލީިހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި އިނުމަށް އަޅުގަނޑު އުޒުރުވެރިވާ ވާހަކަ ދެންނެވީމެވެ،" ސިއްހީ ސަބަބަކާ ހުރެ ޖަލްސާތަކަށް ހާޒިރުނުވެވޭތީ އެކަމާ ހިތާމަކުރައްވާ ކަމަށް ލިޔުއްވަމުން އީވާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އެނގުން މުހިންމު - ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފަސް ވަނަ ފަހަރަށް މިއަދުގެ ޖަލްސާއަށް ވެސް އެޖެންޑާކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން މިއަދުގެ ޖަލްސާ ވެސް ވަނީ ބޭއްވޭ ގޮތް ނުވެފަ އެވެ.

ނަޝީދުގެ މައްސަލަ އެޖެންޑާކުރި ފަހުން އީވާ ސަލާމުގައި ހުންނެވުމުން މަޖިލީހުގެ ހުރިހާ މަސައްކަތެއްހެން ވަނީ ހުއްޓިފަ އެވެ. އެމްޑީޕީއިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެ ހިސާބުންނެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓްގެ އަޑުއެހުންތައް މާދަމާ ފެށުމަށް މިހާރު ވަނީ ތާވަލްކޮށްފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް