ފެނަކައިގެ މުވައްޒަފުންތަކެއް މަސައްކަތުގައި: އެ ކުންފުނީގެ މަސައްކަތްތައް ފަސޭހަވި ނަމަވެސް މުވައްޒަފުންގެ އަދަދު ވަނީ އިތުރުވެފައި. (ފޮޓޯ/ފެނަކަ)

ފެނަކައަށް 5 އަހަރުން 5،000 މުވައްޒަފުން އިތުރުވި؛ މިދިޔަ 8 މަހު 747 މީހުން: އިންތިގާލީ އޮފީސް

މުވައްޒަފުން ކުރާ މަސައްކަތަށް ލުއިކަން އައި ނަމަވެސް، އެއް މަސައްކަތެއް ކުރަން ކުރިއަށް ވުރެ މާ ގިނައިން މުވައްޒަފުން ނަގާފައިވާކަން އިންތިގާލީ ތަރުޖަމާނު ފާހަގަކުރެއްވި

މީގެ ފަސް އަހަރު ކުރިން، 2018 ވަނަ އަހަރު ފެނަކަ ކުންފުނީގައި ތިބި މުވައްޒަފުންގެ އަދަދާ އަޅާބަލާއިރު، މިދިޔަ ފަސް އަހަރުގެ ތެރޭގައި 5،000އަށް ވުރެ ގިނަ މުވައްޒަފުން އެ ކުންފުންޏަށް އިތުރުވެފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އިންތިހާބީ ރައީސްގެ އޮފީހުން މިއަދު މ. ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވަނީ، އިންތިގާލީ ކޮމެޓީތަކުން ސަރުކާރުގެ ޔުޓިލިޓީ ހިދުމަތް ދޭ ކުންފުނިތަކުގެ މަސައްކަތްތައް ބެލުމަށް ކުރި ޒިޔާރަތްތަކުގައި ފާހަގަވި ކަންތައްތައް ހިއްސާ ކުރައްވައިފަ އެވެ.

ތަފްސީލް - ފެނަކަ ކުންފުނީގެ ހާލަތާ ގުޅޭޭ ގޮތުން ފިރުޒުލް ވިދާޅުވީ، މިދިޔަ އަހަރުގެ ނިޔަލަށް އެ ކުންފުނީގެ ދަރަނި 4.1 ބިލިއަން ރުފިޔާއަށް އަރާއިރު، 2018 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން:

  • 2018 ވަނަ އަހަރު ނިމުނު އިރު ކުންފުނީގައި ތިބީ 2،756 މުވައްޒަފުން

  • މިހާރު އެ ކުންފުނީގައި 8،126 މުވައްޒަފުން އެބަތިބި

  • މިއީ 5،370 މުވައްޒަފުން އިތުރު އަދަދެއް

އެއާ އެކު، މުވައްޒަފުންގެ މުސާރައަށް ކުރާ ހޭދަ ވެސް ވަނީ ބޮޑުތަނުން މައްޗަށް ގޮސްފަ އެވެ. އެގޮތުން:

  • 2018 ވަނަ އަހަރު މުވައްޒަފުންނަށް މުސާރަ ދޭން މަހަކު ހޭދަކުރީ 23 މިލިއަން ރުފިޔާ

  • މިހާރު މުވައްޒަފުންގެ މުސާރަ ދޭން މަހަކު 82 މިލިއަން ރުފިޔާ ހޭދަކުރޭ

ބުނީ ކީކޭ؟ - ފިރުޒުލް ވަނީ، ފެނަކައިގެ މުވައްޒަފުން ކުރާ މަސައްކަތް ލުއިވެ، އެއް ކަމަކަށް މަދު މުވައްޒަފުން ބޭނުންވާ ގޮތަށް އެ ފަސޭހަ މިހާރު އައިސްފައިވީ ނަމަވެސް، މުވައްޒަފުންގެ އަދަދު އިތުރުވެފައިވާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"މިސާލަކަށް ކުރިން ބިލު ތައްޔާރުކުރުމާ، ކުރިން ގޭގެއަށް ބިލު ފޮނުވުމުގެ މަސައްކަތް މިހާރު ހުރީ ވަރަށް ބޮޑުތަނުން ލުއިފަސޭހަ ވެފައި. އެހެން ނަމަވެސް، އެ ލުއިފަސޭހަކަން ލިބިގެން ދިޔައިރު، ކުރިން އެ މަސައްކަތް ކުރުމަށް، މިސާލަކަށް ފެނަކައިގެ ބްރާންޗެއްގައި ހަތް މުވައްޒަފުން ތިބޭ ކަމަށް ވަންޏާ، މިހާރު އެ އަދަދު 40އާ ގާތް ކުރާ ވަރަކަށް އެބަތިބި،" އޭނާ ވިދާޅުވި އެވެ.

ކުޑަ މިސާލެއް ދެއްވަމުން އިންތިގާލީ ތަރުޖަމާނު ވިދާޅުވީ، ފެނަކައިގެ މުވައްޒަފުންގެ އަދަދު 8،126އަށް އަރާއިރު، ރާއްޖޭގެ ސްކޫލުތަކުގައި ތިބި ދިވެހި ޓީޗަރުންގެ އަދަދަކީ 8،600 ކަމަށެވެ.

"2023 ވަނަ އަހަރުގެ މާޗު މަހުގެ ފަހުން މިއަދާ ހަމައަށް އިތުރު 747 މުވައްޒަފުން އިތުރުވެފައިވޭ،" ފިރުޒުލް ފާހަގަކުރެއްވި އެވެ.

ގުޅުން ހުރި ކަމެއް - ފިރުޒުލް މިއަދު ވިދާޅުވީ ފެނަކައިގެ ދަރަނި މިދިޔަ އަހަރުގެ ނިޔަލަށް 4.1 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި، އޭގެ ތެރޭގައި ސަޕްލަޔަރުންނަށް ދައްކަން ޖެހޭ 3.2 ބިލިއަން ރުފިޔާ ހިމެނޭ ކަމަށެވެ.

މީގެ އިތުރުން، އަހަރު ނިމުމުން ތައްޔާރު ކުރަން ޖެހޭ މާލީ ރިޕޯޓު މިދިޔަ އަހަރު ނިމުމުން ހަދާފައި ނުވާކަން ވެސް ފިރުޒުލް ވަނީ ފާހަގަކުުރައްވާފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް