ގދ. ތިނަދޫ ފެނަކަ އޮފީހެއް ހެދުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދު މުހައްމަދު، ކ.2 ގައި ބިންގާ އަޅަނީ: (ފައިލް ފޮޓޯ/ ފެނަކަ)
ފެނަކައިން އޮޑިޓް ރިޕޯޓު ވެސް ނުހަދާ؛ ބަޖެޓް ތައްޔާރުކުރަނީ ދަރަނިން ހިންގާ ގޮތަށް: އިންތިގާލީ އޮފީސް
ފެނަކަ ކޯޕަރޭޝަންގެ ދަރަނި މިދިޔަ އަހަރު ނިމުނުއިރު 4 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައި ވާއިރު، އަހަރު ނިމުމުން މާލީ ހިސާބުތައް އޮޑިޓުކޮށް ހަދަން ޖެހޭ ރިޕޯޓު ވެސް އެ ކުންފުނިން ހަދާފައި ނުވާ ކަމަށާއި ކުންފުނީގެ ބަޖެޓު ވެސް ތައްޔާރުކޮށްފައި ވަނީ ބޮޑެތި އަދަދުތަކުން ދަރަންޏަށް ފައިސާ ނަގައިގެން ކުންފުނި ހިންގާ ގޮތަށް ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އިންތިގާލީ ކޮމެޓީތަކުން ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކުގެ މަސައްކަތްތައް ބަލައި އެކުލަވާލާފައިވާ ރިޕޯޓުތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން، މ. ދިމްޔާތުގައި މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވަނީ، ސަރުކާރުގެ ޔުޓިލިޓީ ކުންފުނިތަކުގެ ހާލަތާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވައިފަ އެވެ.
ތަފްސީލް - ރަށްރަށުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކައާ ގުޅޭ ގޮތުން ފިރުޒުލް ވިދާޅުވީ، އެ ކުންފުނީގެ ދަރަނި މިދިޔަ އަހަރުގެ ނިޔަލަށް 4.1 ބިލިއަން ރުފިޔާއަށް އަރާއިރު، އަހަރު ނިމުމުން ތައްޔާރު ކުރަން ޖެހޭ މާލީ ރިޕޯޓު ހަދާފައި ނުވާ ކަމަށެވެ.
"އެ ބޭފުޅުން 2023 ވަނަ އަހަރުގެ މެނޭޖުމެންޓު ފައިނޭންޝަލް މާލީ ހިސާބުތައް އަޅުގަނޑުމެންނާ ހިއްސާކޮށްފައެއް ނުވޭ. އަދި ހަމަ އެހެންމެ، އިންވެންޓްރީ ތަފްސީލާއި ފައިސާ ނުދެވިވާ ވެންޑާސްގެ ތަފްސީލުގެ މައުލޫމާތު ވެސް ހިއްސާކޮށްފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް ކުރެވޭ ފެނަކައިގެ މާލީ ހިސާބުތަކާ ގުޅޭ ގޮތުން ފިރުޒުލް ހިއްސާކުރެއްވި މައުލޫމާތަށް ބަލާއިރު:
-
މިދިޔަ އަހަރުގެ ނިޔަލަށް ކުންފުނީގެ ދަރަނި 4.1 ބިލިއަނަަށް އަރާ
-
އޭގެ ތެރޭގައި ސަޕްލަޔަރުންނަށް ދައްކަން ޖެހޭ 3.2 ބިލިއަން ރުފިޔާ ހިމެނޭ
-
1،149 ސަޕްލަޔަރުންނަށް ފައިސާ ނުދައްކާ
-
ފައިސާ ދައްކަން ޖެހޭ މުއްދަތު ހަމަވެ، ނުދައްކާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ 958 މިލިއަން ރުފިޔާ ހިމެނޭ
-
ކުންފުނިން ނަގާފައިވާ ލޯނުގެ އަދަދު 901 މިލިއަނަށް އަރާ
ފެނަކައިގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓު އެކުލަވާލާފައި ނުވާއިރު، އެ ކުންފުނީގެ ބަޖެޓު ފާސްކުރުމުގައި ހިފަހައްޓަން ޖެހޭ މިންގަނޑުތައް ވެސް ހިފަހައްޓާފައި ނުވާކަން ފިރުޒުލްް ފާހަގަކުރެއްވި އެވެ. އެގޮތުން:
-
މިދިޔަ އަހަރަށް ކުންފުނީގެ ބަޖެޓު ފާސްކުރި އިރު، ޖުމްލަ ބަޖެޓުގެ ތެރެއިން 1.6 ބިލިއަން ރުފިޔާ އަކީ ޑެފިސިޓް ނުވަތަ ދަރަނި ކަމަށް ކަނޑައަޅައި ބަޖެޓު ފާސްކޮށްފައިވޭ
-
މި އަހަރުގެ ބަޖެޓު ފާސްކުރިއިރު ވެސް 960 މިލިއަން ރުފިޔާ އަކީ ދަރަނި ކަމަށް ހިމަނާފައިވޭ
-
އެ ދަރަނި ފައިނޭންސް ކުރާނެ ގޮތެއް ހިމަނާފައެއް ނުވޭ
"ނަމަވެސް، ބޮޑު ދަރަންޏަކާ އެކު ބަޖެޓު ފާސްކޮށް، ކުންފުންޏަށް މުވައްޒަފުން އިތުރުކޮށް، ޕްރޮކިޔުމެންޓުތަކާއި މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވޭ،" ފިރުޒުލް ވިދާޅުވި އެވެ.