ފެނަކައިން ފައިސާ ނުދޭ ކަމަށް ބުނެ އިހުތިޖާޖު ކުރަނީ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އިޔާން)
ފެނަކައިގެ ދަރަނި 4 ބިލިއަނަށް ވުރެ އިތުރު؛ ހާހަކަށް ވުރެ ގިނަ ސަޕްލަޔަރުންނަށް ފައިސާ ނުދައްކާ: އިންތިގާލީ އޮފީސް
ރަށްރަށުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދޭން ސަރުކާރުން އުފައްދާފައިވާ ކުންފުނި، ފެނަކައިގެ ދަރަނި މިދިޔަ އަހަރު ނިމުނު އިރު 4.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އިންތިގާލީ ކޮމެޓީތަކުން ސަރުކާރުގެ ކުންފުނިތަކުގެ މަސައްކަތްތައް ބަލައި އެ ކުންފުނިތަކުގެ ހާލަތާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ރިޕޯޓުތަކުގައިވާ މައުލޫމާތުތައް ހިއްސާކުރައްވަމުން، އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވީ ފެނަކައިގެ ދަރަނީގެ ތެރޭގައި އެ ކުންފުނީގެ 1،000އަށް ވުރެ ގިނަ ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ބިލުތަކާއި ލޯނުތަކަށް ދައްކަން ޖެހޭ ފައިސާ ހިމެނޭ ކަމަށެވެ.
ތަފްސީލް - ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް ކުރެވޭ ފެނަކައިގެ މާލީ ހިސާބުތަކާ ގުޅޭ ގޮތުން ފިރުޒުލް ހިއްސާކުރެއްވި މައުލޫމާތަށް ބަލާއިރު:
-
މިދިޔަ އަހަރުގެ ނިޔަލަށް ކުންފުނީގެ ދަރަނި 4.1 ބިލިއަނަަށް އަރާ
-
އޭގެ ތެރޭގައި ސަޕްލަޔަރުންނަށް ދައްކަން ޖެހޭ 3.2 ބިލިއަން ރުފިޔާ ހިމެނޭ
-
1،149 ސަޕްލަޔަރުންނަށް ފައިސާ ނުދައްކާ
-
ފައިސާ ދައްކަން ޖެހޭ މުއްދަތު ހަމަވެ، ނުދައްކާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ 958 މިލިއަން ރުފިޔާ ހިމެނޭ
-
ކުންފުނިން ނަގާފައިވާ ލޯނުގެ އަދަދު 901 މިލިއަނަށް އަރާ
ބުނީ ކީކޭ؟ - ފިރުޒުލް ވިދާޅުވީ:
-
މިދިޔަ އަހަރު ފެނަކައިގެ އޮޑިޓް ހަދާފައެއް ނުވޭ
-
މި އަހަރަށް ކުންފުނީގެ މެނޭޖުމެންޓް ފައިނޭންޝަލް ޕްލޭން ވެސް ހަދާފައެއް ނުވޭ
-
އިންތިގާލީ ކޮމެޓީން އެ ކުންފުނީގެ މަސައްކަތްތައް ބަލަން ޒިޔާރަތް ކުރި އިރު، ކުންފުނިން ފައިސާ ދައްކަން ޖެހޭ ވިޔަފާރިތަކުގެ ލިސްޓު ހިއްސާކޮށްފައެއް ނުވޭ
ފެނަކައަށް ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ބައި ބިލިއަން ރުފިޔާ ހޭދަކުރާކަން ވެސް ފިރުޒުލް ފާހަގަކުރެއްވި އެވެ.
"ކުންފުނީގެ އިދާރީ އަދި މާލީ ހިންގުމުގެ ތެރޭގައި ކުންފުނީގެ ބަޖެޓު ފާސްކުރުމުގައި ހިފަހައްޓަން ޖެހޭ މިންގަނޑުތައް ވެސް ހިފެހިއްޓިފައެއް ނުވޭ. އެގޮތުން، 2022 ވަނަ އަހަރަށް ކުންފުނީގެ ބަޖެޓު ފާސްކޮށްފައި ވާއިރު، ކުންފުނީގެ ޖުމްލަ ބަޖެޓުގެ ތެރެއިން 1.6 ބިލިއަން ރުފިޔާ އަކީ ޑެފިސިޓް [ދަރަނި]ކަން ފާހަގަކޮށް އެ ބޭފުޅުން ބަޖެޓު ފާސްކޮށްފައިވޭ،" އޭނާ ވިދާޅުވި އެވެ.
ފެނަކައިގެ މި އަހަރުގެ ބަޖެޓު ފާސްކުރި އިރު ވެސް 960 މިލިއަން ރުފިޔާ އަކީ ދަރަނި ކަމަށް ހިމަނާފައިވާކަން ފިރުޒުލް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ، މި ދަރަނި ފައިނޭންސް ކުރާނެ ގޮތެއް ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށާއި، ނަމަވެސް ބޮޑު ދަރަންޏަކާ އެކު ބަޖެޓު ފާސްކުރުމަށް ފަހު، ކުންފުންޏަށް މުވައްޒަފުން އިތުރުކޮށް، ތަކެތި ގަނެ، މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
"މިއަދުގެ ހާލަތަށް ބަލާއިރު، ފެނަކައިން ޕްރޮކިޔުމެންޓުގެ ކަންތައް ކުރިއަށް ގެންދާ ގޮތާއި ކެޕިޓަލް އެކި މަސައްކަތްތައް ބައްޓަންކޮށްފައިވާ ގޮތުންނާއި މުވައްޒަފުންގެ ހާލަތު ހުރި ގޮތުން އަދި ދަރަނީގެ ހާލަތު ހުރި ގޮތުން، އެ ދަރަނިތައް ވަކި ހިސާބަކަށް ގޮސް އަތް ނުފޯރާ ހިސާބަށް ދިއުމުންމ ދަރަނި އަދާކުރުމަށް ބޮޑެތި އަދަދު ތަކުން ލޯނު، ބައެއް ފަހަރަށް ބޮޑެތި އިންޓްރެސްޓުގައި %10އާ ހަމައަށް ލޯނު ނަގާފައި ހުރުމުން ކުންފުނީގެ ހާލަތު އޮތީ ވަރަށް އުނދަގޫ ހާލަތެއްގައި،" ފިރުޒުލް ވިދާޅުވި އެވެ.
ގުޅުން ހުރި ކަމެއް - ފެނަކަ އިން އެ ކުންފުނީގެ ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 3 ބިލިއަނަށް ވުރެ އިތުރުކަން އިންތިގާލީ ކޮމެޓީން ފާހަގަކުރި އިރު، އެ ކުންފުނިން ފައިސާ ލިބެން ޖެހޭ ވިޔަފާރިތަކުން އެކި ފަހަރު މަތިން ވަނީ އެ ވާހަކަ މީޑިއާގައި ދައްކައިފަ އެވެ. އަދި ފައިސާ ނުލިބޭތީ ފެނަކައިގެ މައި އޮފީސް ކުރިމަތީ ވަނީ އިހުތިޖާޖު ވެސް ކޮށްފަ އެވެ.
އެނގުން މުހިންމު - ދަރަނީގެ މައްސަލަ ބޮޑުވެފައިވާ ސަރުކާރުގެ ޔުޓިލިޓީ ކުންފުނި ފެނަކަ ކޯޕަރޭޝަންގެ ދަރަނިތައް ފިލުވަން މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)އިން ލޯނުގެ ގޮތުގައި 400 މިލިއަން ރުފިޔާ ނަގާފައިވާކަން ފިނޭންސް މިނިސްޓްރީން މި ފަހުން ރައްޔިތުންގެ މަޖިލީހާ ހިއްސާކުރި މައުލޫމާތުން ވެސް ވަނީ ހާމަވެފަ އެވެ.
-
އިތުރަށް ކިޔާލަން - ފެނަކައިގެ ދަރަނި ފިލުވަން އެމްއައިބީއިން 400 މިލިއަން ރުފިޔާގެ ލޯނު ނަގައިފި
މީގެ އިތުރުން، ސަރުކާރުން މިހާރު މަޖިލީހަށް ފޮނުވާފައިވާ ސަޕްލިމަންޓްރީ ބަޖެޓްގައި ކުންފުނިތަކަށް ދޭން ކަނޑައަޅާފައިވާ 903 މިލިއަން ރުފިޔާގެ ތެރެއިން %72 ފައިސާ ދޭން ބަޖެޓްކޮށްފައި ވަނީ ފެނަކަ އަށެވެ.
-
އިތުރަށް ކިޔާލަން - ސަޕްލިމަންޓްރީ ބަޖެޓުން ކުންފުނިތަކަށް ދޭ 903 މިލިއަންގެ %72 ފެނަކައަށް