ފެނަކަ ކުންފުނީގެ އެމްޑީޕީ ސައީދު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ސަޕްލިމަންޓްރީ ބަޖެޓުން ކުންފުނިތަކަށް ދޭ 903 މިލިއަންގެ %72 ފެނަކައަށް
ސަޕްލިމަންޓްރީ ބަޖެޓްގައި ކުންފުނިތަކަށް ދޭން ކަނޑައަޅާފައިވާ 903 މިލިއަން ރުފިޔާގެ ތެރެއިން %72 ފައިސާ ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި އަދި މާލީ ގޮތުން ނާޒުކު ފައްތަރެއްގައި އޮތް ފެނަކައަށް ދޭން ބަޖެޓްކޮށްފި އެވެ.
ތަފްސީލް - އިސްލާހުކޮށް ސަރުކާރުން މިދިޔަ ހަފްތާ މަޖިލީހަށް ފޮނުވާފައިވާ ސަޕްލިމަންޓްރީ ބަޖެޓްގައިވާ ތަފްސީލްތަކުން ދައްކާ ގޮތުގައި ސަޕްލިމަންޓްރީ ބަޖެޓުން ސަރުކާރުގެ ހަތަރު ކުންފުންޏެއްގެ ހަރަދުތައް ހަމަޖެއްސުމަށް ކެޕިޓަލްގެ ގޮތުގައި ޖުމްލަ 903 މިލިއަން ރުފިޔާ ދޭނެ އެވެ. އަދި އެ ފައިސާގެ ބޮޑު ބައެއް ދޭން ހިމަނާފައި ވަނީ ފެނަކައަށެވެ. އެ ފައިސާގެ ތަފްސީލަކީ:
-
ސަބްސިޑީގެ ގޮތުގައި ފެނަކައަށް - 421.9 މިލިއަން ރުފިޔާ
-
ސަރުކާރުން ފެނަކައަށް ދޭ ލޯން - 231.3 މިލިއަން ރުފިޔާ
-
ފެނަކައަށް ޖުމްލަ - 653.2 މިލިއަން ރުފިޔާ؛ އެއީ %72
ފާހަގަކޮށްލެވޭ - ފެނަކައިން އަމިއްލަ ކުންފުނިތަކަށް ދޭންވެފައި ހުރި ފައިސާ 2 ބިލިއަން ރުފިޔާއަށް ވުރެ ގިނައިރު އެ ދަރަނިން ސަލާމަތްވުމަށް 400 މިލިއަން ރުފިޔާގެ ލޯނެއް އެ ކުންފުނިން މި ފަހުން ވަނީ އިސްލާމިކް ބޭންކް (އެމްއައިބީ)އިން ވެސް ނަގައިފަ އެވެ. އަދި އެ ކުންފުނީގެ ހަރަދުތައް ހަމަޖައްސަން ކަރަންޓް ސަބްސިޑީއަށް ކަނޑައަޅާފައިވާ ފައިސާއިން އެޑްވާންސްކޮށް ބިލިއަނެއްހާ ރުފިޔާ ވެސް އެ ކުންފުންޏަށް ދީފައިވެ އެވެ.
ގުޅުންހުރި - ސަޕްލިމަންޓްރީ ބަޖެޓްގައި ދެން ފައިސާ ދޭން ހިމަނާފައިވާ ސަރުކާރުގެ ކުންފުނިތަކަކީ:
-
އާބަންކޯއަށް - 280.2 މިލިއަން ރުފިޔާ
-
ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން - 331.5 މިލިއަން ރުފިޔާ
-
ރާޑީސީ - 60 މިިލިއަން ރުފިޔާ
އެނގުން މުހިންމު - ސަރުކާރުގެ ކުންފުނިތަކަށް ބަޖެޓުން ހަރަދުކުރަން ޖެހުމަކީ ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ މާލީ އިދާރާތަކުގެ ކަންބޮޑުވުމެކެވެ.
ސަޕްލިމަންޓްރީ ބަޖެޓްގެ ގޮތުގައި ސަރުކާރުން ހުށަހަޅާފައިވަނީ 6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ:
-
ރިކަރަންޓް ހަރަދު - 3.1 ބިލިއަން ރުފިޔާ
-
ކެޕިޓަލް ހަރަދު - 3.4 ބިލިއަން ރުފިޔާ
-
ބަޖެޓް ފައިނޭންސްކުރަން (އެތެރެއިން) - 4.2 ބިލިއަން ރުފިޔާ
-
ބަޖެޓް ފައިނޭންސިންއަށް (ބޭރުން) - 1.9 ބިލިއަން ރުފިޔާ